Advertisement

ގާސިމްގެ ވާވެއްދި ފަޅު ވިއްކުން ހުއްޓުވި އަމުރު އޭސީސީން ބާތިލްކޮށްފި

13 ޖުލައި 2023 - 18:36 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް : އެމަނިކުފާނުގެ ވާވެއްދި ފަޅު ވިއްކުން ހުއްޓުވި ނިންމުން އޭސީސީން ވަނީ ބާތިލްކޮށްފަ - ފޮޓޯ: އަދަދު


ގާސިމްގެ ވާވެއްދި ފަޅު ވިއްކުން ހުއްޓުވި އަމުރު އޭސީސީން ބާތިލްކޮށްފި

13 ޖުލައި 2023 - 18:36 0

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕަށް ދީފައި އޮތް ކ. ވާވެއްދި ފަޅު އެހެން ފަރާތަކަށް ވިއްކުން ހުއްޓުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމާފައި އޮތް ނިންމުން އެ ކޮމިޝަނުން މިއަދު ބާތިލްކޮށްފި އެވެ.

އެކަމާ ގުޅިގެން އޭސީސީގެ ސީނިއާ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ، ވާވެއްދި ފަޅު ވިއްކުން ހުއްޓުވުމަށް އެ ކޮމިޝަނުން އެންގި އެންގުން ނިމުމަކަށް ގެނެސްފައިވާ ކަމަށާއި އެއީ އެ ނިންމުން އިތުރަށް ދަމަހަށްޓަން ޖެހޭ ކަމަށް ކޮމިޝަނަށް ނުފެންނާތީ ކަމަށެވެ.

މި އަހަރު އެ ފަޅު އެހެން ފަރާތަކަށް ވިއްކުން އޭސީސީން ހުއްޓުވީ ވިލާ ގްރޫޕުން ފަޅު ވިއްކާލުމަށް ނިންމާ ޓޫރިޒަމް މިނިސްޓްރީއަށް އެންގުމުން، އާންމު އުސޫލުގެ ދަށުން އެކަން މިނިސްޓްރީން އިއުލާންކުރި ހިސާބުންނެވެ. ސަބަބެއްގެ ގޮތުގައި އޭސީސީން އޭރު ބުނީ އެ ފަޅާއި ގުޅޭ މައްސަލައެއް އެ ކޮމިޝަނުން ބަލަމުން ދިޔުމެވެ. އިތުރު ތަފުސީލެއް ދީފައެއް ނުވެ އެވެ.

އެ މައްސަލާގައި ޖޫން 24، ގައި ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ގާސިމް ވަނީ ވާވެއްދި ފަޅު ވިއްކުން ހުއްޓުވީ ރިޔާސީ އިންތިހާބާ ދިމާކޮށް މި ސަރުކާރުން ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ކ. ވާވެއްދި ފަޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިި، ދޫކުރި ބޭނުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ ވިލާ ގްރޫޕުގެ އަތުން އަތުލި ރަށްތަކާއި ފަޅުތަކުގެ ތެރޭގައި ހިމެނޭ ފަޅެކެވެ. އޭގެ އިތުރުން އޭރު ސަރުކާރުން އަތުލާފައިވަނީ ކ. ބޮލިދިއްފަރާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅެވެ.

އެ މައްސަލާގައި ސަރުކާރުން އެ ތަންތަނުގެ އެއްބަސްވުން ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ވިލާ ގްރޫޕުން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ ސަރުކާރާ ދެކޮޅަށެވެ. މިދިޔަ އަހަރުގެ އެ ނިންމުމާއެކު ވާވެއްދި ފަޅު އަނެއްކާވެސް ވިލާއަށް ލިބުނެވެ.

އެމްޑީޕީއާ އެކު ކޯލިޝަން ހަދައިގެން 2023 ގައި ވާދަކުރުމުގެ ދައުވަތު ވެސް ރައީސް ސޯލިހު ގާސިމަށް ދެއްވި އެވެ. އެކަމަކު ޖޭޕީގެ ކޮންގްރެސްއިން ނިންމީ އިންތިހާބުގައި ވަކިން ވާދަކުރާށެވެ. ޖޭޕީގެ ރިޔާސީ ޓިކެޓާއި ހަވާލުވެވަޑައިގެން ގާސިމް ވެސް ވަނީ ކެމްޕެއިން ފައްޓަވާފަ އެވެ.

ގާސިމް ވަނީ 2008 އަދި 2013 ގައި އިންތިހާބުގައި ވާދަކުރައްވާފަ އެވެ. އެ ދެ ފަހަރު ވެސް ފުރަތަމަ ބުރުން ނާކާމިޔާބުވެވަޑައިގެން ގާސިމް ގުޅިވަޑައިގަތީ ވެރިކަމަށް އައި ކޯލިޝަންތަކާއެކު އެވެ. އެކަމަކު, ހިޔާލު ތަފާތުވުންތައް ގިނަވެ އެ ދެ ފަހަރު ވެސް ކޯލިޝަނުން ޖޭޕީ ވަކިވީ އެވެ. މިއީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އެއް ކޯލިޝަނެއްގައި ޖޭޕީން މިހާ ގިނަ ދުވަހު މަޑުކުރި ފުރަތަމަ ފަހަރެވެ.