Advertisement

ބޮންޑޭގެ ހެކިބަސް: "ފުއްގިރި ޑީލުގައި ހިޔާނާތެއް އުޅޭކަން އެނގުނީ އެސްއޯއެފަށް ފައިސާ ޖަމާކުރުމުން"

13 ޖުލައި 2023 - 10:40 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ބޮންޑޭގެ ހެކިބަސް: "ފުއްގިރި ޑީލުގައި ހިޔާނާތެއް އުޅޭކަން އެނގުނީ އެސްއޯއެފަށް ފައިސާ ޖަމާކުރުމުން"

13 ޖުލައި 2023 - 10:40 0

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާކަން އެނގުނީ އެމްއެމްޕީއާރުސީއަށް ދެއްކި ފައިސާ އެސްއޯއެފް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކަށް ޖަމާކޮށްފައިވާ ބޭންކު ސްޓޭޓްމަންޓެއް ފެނުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ކޯޓުގައި ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން ހިންގި އެ މުއާމަލާތުގެ މައްސަލާގައި އެމަނިކުފާނުގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.

އޭގެ ތެރެއިން ކްރިކް ރިޒާއަށް ކުރާ ދައުވާ އަނބުރާ އިއްޔެ ގެނެސް، ދެން ދައުވާ ރައްދުވާ ފަރާތްތަކުގެ ޝަރީއަތް މިއަދު ފެށި އެވެ. މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އަޑުއެހުމުގައި ފުރަތަމަ ހެކިބަސް ދިނީ ބޮންޑެ އެވެ. ބޮންޑެއަކީ އެ ރަށް ކުއްޔަށް ދޫކުރަން ނިންމި ދުބާއީ ކުންފުނީގެ ފަރާތުން ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ ރެޕްރެޒެންޓެޓިވް އެކެވެ.

ހެކިބަސް ދެއްވަމުން ބޮންޑެ ވިދާޅުވީ އެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގައި ވެސް ނޫޅުއްވާތީ އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ ޓުއަރިޒަމް ވިޔަފާރިއާއި ޓުއާ އޮޕަރޭޓް ވިޔަފާރީގެ މުއާމަލާތްތަކުގައި ކަމަށެވެ. އައިބީއާރު ނަމުގައި ކުންފުންޏެއް ހަދައިގެން މަސައްކަތް ކުރައްވަމުން ގެންދެވިއިރު، ދުބާއީގެ ކްލެސިކް އައިލެންޑް ހޯލްޑިންގެ ފަރާތުން އެ ދުވަސްވަރު ފުއްގިރި މުއާމަލާތްތަކުގައި އުޅުއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އައިބީއާރު ކުންފުންޏަށް ދުބާއީ ކުންފުނިން ފައިސާ ހަމަޖައްސައިދިނުމުން އަޅުގަނޑު ފުރަތަމަ ޕޭމަންޓްގެ ގޮތުގައި 150،000 ޑޮލަރު ދެއްކީ،" ބޮންޑެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ފައިސާގެ ލިޔެކިޔުންތައް ބޭންކުން ހޯދަން ދިޔުމުން، އެ ފައިސާ ޖަމާކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ބަދަލުގައި އެސްއޯއެފްގެ އެކައުންޓަކަށް ކަން އެނގުނެވެ. އެހެންކަމުން އޭގައި މައްސަލަތަކެއް އުޅޭ ކަމަށް ޝައްކު ކުރެވުމުން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅުއްވާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުރަތަމަ އެ ބޭންކް ސްޓޭޓްމަންޓްގެ މައުލޫމާތުތައް ހާމަކުރި ފ. ނިލަންދޫ ބްރާންޗްގެ މެނޭޖަރު ގާސިމް އަބްދުލްކަރީމް ޖަލަށް ލާން ހުކުމް ކުރި ކަން ފާހަގަ ކުރައްވައި ބޮންޑެ އިތުރަށް ވިދާޅުވީ އޭނާ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ތަހުގީގު ކުރަން ވެސް ފެށި ކަމަށެވެ. އެހެންވެ އޭރު އަދީބާއި، ސަރުކާރުގެ އެހެން އިސް ބޭފުޅުންނާ މެދު ހިޔާލު ތަފާތުވުންތަކެއް އުޅުނު ކަމަށް އޭނާއަށް ބެލެވުނު ކަމަށެވެ.

"މިނިސްޓްރީ ތެރެއިން ހިންގި ކަމެއް އެއީ، އަދީބުގެ ކުންފުންޏެއް އެއީ، ދެން މައްސަލަ ތަހުގީގު ކުރަން ފެށީމަ އަޅުގަނޑަށް ބެލެވޭ އެއީ ސަރުކާރުގެ އެހެން އިސް ބޭފުޅުންނާއި އަދީބާ ދެމެދު ވެސް އޭރު މައްސަލަތަކެއް އުޅޭ ކަން،" ބޮންޑެ ވިދާޅުވި އެވެ.

ފުއްގިރި މައްސަލައިގެ ފަސްފަހަތް؛

ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން، ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް ފުއްގިރި ދޫކުރީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.

އެގޮތުން, ލީކްކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ކުންފުންޏަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.

ރިޒާގެ ނަމުގައި ބޭންކު އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަކުން ސަން ކޮންސްޓްރަކްޝަނަށް 1.1 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ މެއި 29، 2016 ގަ އެވެ. "އިންހައުސް ޓްރާންސްފާ" އެއް ގޮތަށް ސަން އިންވެސްޓްމަންޓުން ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރީ ޖޫން 7، 2016 ގަ އެވެ.

އަދި ހަމަ އެ ތާރީހުގައި އެ ފައިސާއަށް އަށްސަތޭކަ ޑޮލަރު އިތުރުކޮށްފައި އިސްލާމިކް ބޭންކުގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ.

ޔާމީނާއި ކްރިކް ރިޒާ އަދި ސަންގެ ކުންފުނިތަކުން ބުނާ ގޮތުން ރ. ފުއްގިރި ކުއްޔަށް ދިނުމަށް ހިނގާފައިވާ މުއާމަލާތާއި ޔާމީނާއި ސަންގެ ކުންފުނިތަކާ މެދު ހިނގާފައިވާ މުއާމަލަތަކީ މުޅިން އެހެން މުއާމަލާތެއް ކަމަށެވެ. އެއީ ސަންގެ ކުންފުންޏަކާ ދެމެދު ހިނގި ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. އެ ކަން ސާބިތު ކުރަން ދިފާއީ ހެކިތަކެއް ވެސް ހުށަހަޅާފައިވެ އެވެ.