Advertisement

ރައީސް ގަލޮޅުގައި ދޮރުން ދޮރަށް, ވިދާޅުވީ އުންމީދު އާވެއްޖެ ކަމަށް

12 ޖުލައި 2023 - 21:10 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ރައީސް ގަލޮޅުގައި ދޮރުން ދޮރަށް, ވިދާޅުވީ އުންމީދު އާވެއްޖެ ކަމަށް

12 ޖުލައި 2023 - 21:10 0

ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭނުގެ ތެރެއިން މާލޭގައި މިއަދު ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

ރިޔާސީ ކެމްޕޭނުގެ ތެރެއިން ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތް މިއަދު ހަވީރު ކުރިއަށް ގެންގޮސްފައި ވަނީ ގަލޮޅު ދެކުނު ދައިރާގަ އެވެ.

އެ ހަރަކާތަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، މިއަދު ޒިޔާރަތް ކުރެއްވި ގޭގެއިން އެމަނިކުފާނަށް ވަރަށް ބޮޑު އުއްމީދެއް ލިބިގެން ހިނގަައްޖެ ކަމަށެވެ.

"އަޅުގަނޑަށް ގަލޮޅު ދެކުނުން މި ވަދެވުނު ގޭގެއިން ވަރަށް އުއްމީދު ލިބިއްޖެ،" މަސައްކަތް ކުރަނީ 2018 ގައި ކެމްޕޭނު ތެރޭގައި އެހުރި ފޯރި އަލުން އަނބުރާ ގެނައުމުގެ އަޒުމުގައިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވި އެވެ.

"މަސައްކަތް ކުރަނީ 2018 ގައި އެ ލިބުނު، ހިސާބަށް ދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަނީ، އަޅުގަނޑަށް އެ މަންޒަރު އެބަ ފެނޭ،"

މިއަދު ހަވީރު ގަލޮޅުގައި ރައީސް ސޯލިހު ގަލޮޅުގައި ދޮރުން ދޮރަށް ހިންގަވަނީ ---- ފޮޓޯ: އެމްޑީޕީ


އެ ދާއިރާގެ މަޖިލިސް މެންބަރު، މީކާއީލް ނަސީމުގެ އިތުރުން ވެސް ބައެއް އެހެން މަޖިލިސް މެންބަރުންނާއި މިނިސްޓަރުން ބައިވެރިވެލެއްވި އެ ހަރަކާތުގައި ޒިޔާރަތް ކުރެއްވި ގިނަ ގޭގެއިން ފާހަގަ ކުރެވުނީ މީގެ ކުރިން، 2018، ގައި ވެސް އެންމެ ބޮޑަށް މާލެ ސަރަހައްދުން ފާހަގަ ކުރެވުނު، ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި އެކަމަށް ހައްލެއް ލިބޭނެ ކަމުގެ އުއްމީދު، އެ ރައްޔިތުންގެ އާވެފައިވާކަން މިއަދު ހާމަވި ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުރީގައި އޮތީ ޝައްކެއްގެ ތެރޭގައި، އަޅުގަނޑުމެން ގޯތި ދޭނެޔޭ، ފުލެޓު ދޭނެޔޭ، އެހެންވީމަ އެއޮތް ޝައްކެއް، އެހެންނަމަވެސް މިހާރު އެ ޔަގީންކަން މިއަދު މިވަން ގޭގެއަށް ވެސް ލިބިއްޖެ," ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިއަދު ބައްދަލުވި ރައްޔިތުންގެ މިހާރު އޮތީ އެންމެ ސުވާލެއް ކަމަށާއި އެއީ ހަމަ އަސްލުވެސް ގޯތި ދޭނެތޯ އަހައި ކުރާ ސުވާލު ކަމަށެވެ.

"އަދި އިއުލާނެއް ކޮށްލިއަސް، އަދިވެސް އެ ޝައްކު އޮންނަނީ، އެހެންނަމަވެސް އަޅުގަނޑު ހަމަ ޔަގީންކޮށް އެބޭފުޅުންނަށް ދެންނެވިން ލިސްޓުގައި ލިބޭނެ ކަމަށް އެއޮތް ހުރިހާ ބޭފުޅުންނަށް، ވަރަށް ވަރަށް ބޮޑު މައްސަލައެއް އޭގައި ނެތް ކަމުގައި ވަންޏާ އަޅުގަނޑުމެން [ގޯތި] ދޫކުރާނަމޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް އެންމެ 58 ދުވަހަށްވެފައި ވާއިރު ރައީސް ސޯލިހުގެ އިތުރުން ޖުމްހޫރީ ޕާޓީންނާއި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެސް ވަނީ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް ފަށައިފަ އެވެ.

އަދި މިއަދު ރެޖިސްޓަރީވި ޑިމޮކްރެޓްސް އިން ވެސް އަންނަނީ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެކަމަށް ބުނެ ކެމްޕޭނުތަކެއް ކުރަމުންނެވެ. އެހެންނަމަވެސް އަދި އެ ޕާޓީން ނެރޭނެ ކެންޑިޑޭޓެއް ކަނޑައަޅައިފަ އެއް ނުވެ އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭނު ރަސްމީކޮށް ފަށައިފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ށ. ފޯކައިދޫގަ އެވެ.