12 ޖުލައި 2023 - 12:18 0
އާމިނަތު ނިއުޝާ
އިސްމާއިލް އަބްދުއްރަހީމް (އިސޫ)
12 ޖުލައި 2023 - 12:18 0
ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި ބްލޮގަރު ޔާމީނު ރަޝީދުގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރި އިސްމާއިލް އަބްދުއްރަހީމް (އިސޫ) ދޫކޮށްލައިފި އެވެ.
ޔާމީނާއި ރިލްވާނުގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި އިސްމާއީލް ދޫކޮށްލާފައި ވަނީ މިއަދު އެވެ. "އަދަދު"އަށް އެނގިފައިވާ ގޮތުގައި އޭނާ ދޫކޮށްލާފައި ވަނީ ޓެގު އެޅުވުމަށް ފަހު އެވެ. އަދި, އޭނާ ދޫކޮށްލީ ވަކި ހާލަތްތަކެއްގައި ނޫން ގޮތަކަށް ބޭރަށް ނުނިކުމެވޭނެ ގޮތަށާއި ފުރައިގެން ނުދެވޭނެ ގޮތަށް ޕާސްޕޯޓު ވެސް ހިފެހެއްޓުމަށް ފަހު ކަމަށް ވެއެވެ.
ބޮޑެތި ކުށްތަކެއް ދައުވާ އުފުލިފައިވާ އިސްމާއިލް ދޫކޮށްލި ސަބަބެއް ސާފެއް ނުވެ އެވެ.
އޭނާގެ މައްޗަށް އުފުލާފައި ވަނީ ޓެރެރިޒަމްގެ އަމަލެއް ކުރުމުގައި އެހީވެދިނުމުގެ ކުށުގެ ދައުވާ އާއި ރިލްވާނު މަރާލުމުގައި ހަރަކާތްތެރިވި ކަމުގެ ކުށުގެ ދައުވާ އަދި ބްލޮގަރު ޔާމީން ރަޝީދަކީ އިސްލާމް ދީނާ ހިލާފު މީހެއްކަމަށް ބުނެ އޭނާ މަރާލުމުގައި ހަރަކާތްތެރިވިކަމަށް ތުހުމަތުކޮށް ޓެރަރިޒަމުގެ ދައުވާ އެވެ.
އިސޫއަކީ މާރާމާރީ ހިންގުމާއި ޓެރަރިޒަމްގެ އަމަލެއްގެ ތުހުމަތުގައި އަދި މުދަލަށް ގެއްލުންދިނުމުގެ ތުހުމަތުގައި މީގެ ކުރިން ހައްޔަރު ކުރި މީހެކެވެ. އަދި ސީރިޔާގެ ހަނގުރާމައަށް ދާން އުޅެނިކޮށް ކަމަށް ތުހުމަތުކޮށް ތުރުކީ ބޯޑަރު ކައިރިން 2015 ވަނަ އަހަރު ވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.
މިނިވަން ނޫހުގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. ޓެރަރިސްޓު ޖަމާއަތް އައިސިސް އަދި އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ކަނޑު ފެއްތި ކަމަށް މަރު ކޮމިޝަނުން ބުނެފައި ވަނީ ވެސް ސެޕްޓެމްބަރު، 2019، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް މަރު ކޮމިޝަނުން ބުންޏެވެ. އަދި ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވާ ކަމަށް ވެސް ކޮމިޝަނުން ހާމަ ކުރި އެވެ.
ބްލޮގަރު ޔާމީން ރަޝީދު މަރާލީ ރިލްވާންގެ މައްސަލައިގައި އިންސާފު ހޯދުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރަމުންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ. އޭނާ މަރާލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment