Advertisement

އަލީ ވަހީދުގެ ރާގު ބަދަލުވެއްޖެ؛ "ކަޅު ދަބަހުގެ ވާހަކައަކީ ސްމޯކްސްރީނެއް"

11 ޖުލައި 2023 - 16:05 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގެންނެވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: މިރާން ނާޝިމް/ އަދަދު


އަލީ ވަހީދުގެ ރާގު ބަދަލުވެއްޖެ؛ "ކަޅު ދަބަހުގެ ވާހަކައަކީ ސްމޯކްސްރީނެއް"

11 ޖުލައި 2023 - 16:05 1

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ނެންގެވި ކަމަށް ދެއްކި ވާހަކައަކީ "ސްމޯކްސްކްރީން" އެއް ކަމަށް ވިދާޅުވެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ރާގު ވަރަށް ބޮޑަށް ބަދަލުކުރައްވައިފި އެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލި ޖިންސީ ގޯނާގެ ދައުވާތައް ކުރިއަށް ނުގެންދިއުމަށް ދައުލަތުން ނިމިދިޔަ ޖޫން މަހު 14 ގައި ވަނީ ނިންމައިފަ އެވެ.

ތިން އަހަރަށް ފަހު ރާއްޖެ ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އަލީ ވަހީދު ވިދާޅުވީ އެ މައްސަލައިގެ އެއްކޮޅަށް ވެސް އަދި ދެކޮޅަށް ވެސް ސަރުކާރުން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑާ އިންސާފު އަރާ ހަމަވުމާ ހަމައަށް، ގަބޫލެއް ނުކުރަން ސަރުކާރަކުން އެކަމުގެ ތެރެއަށް އަޅުގަނޑާ އިދިކޮޅަށް ވެސް އަދި އެއްކޮޅަށް ވެސް މަސައްކަތް ކުރި ކަމަކަށް، ނުވަންނަވާ ކަމަށް ދެކެނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

މީގެ ކުރިން އަލީ ވަހީދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވަނީ އަލީ ވަހީދު ވަނީ ރޭޕުގެ ތުހުމަތުތަކަކީ ފްރޭމެއް ކަމަށް ވިދާޅުވީ ރައީސް ސޯލިހަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

"އަޅުގަނޑަށް ހަމަ ދަންނަވަން ކެރިދާނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ހުރީ ކަޅު ދަބަސް އުފުލާފައި. ވަރަށް ސާފުކޮށް މި ދަންނަވަނީ. އާދެ އެބޭފުޅާ (ރައީސް) ގެންދިޔަ ކަޅު ދަބަހެއް،" ރައީސް ސޯލިހަށް ކޮރަޕްޝަންގެ ތުހުމަތު ކުރައްވަމުން އަލީ އޭރު ވިދާޅުވެފައިވެ އެވެ.

އެހެންނަމަވެސް މިއަދު އެކަމާމެދު ސުވާލުކުރުމުން އޭނާ ވިދާޅުވީ އެއީ ޖެއްސި "ސްމޯކްސްކްރީން" އެއް ކަމަށެވެ. ތިން ގަޑިއިރަށް ދެމިގެން ދިޔަ ޕްރެސް ކޮންފަރެންސުގައި ހެދީ ދޮގު ނޫން ކަމަށާއި އެއީ ފްރޭމް ކުރި ބައެއް ހޯދުމަށް ޖެއްސި ޑްރާމާއެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

"އަޅުގަނޑު އެ ދުވަހު އެ ނޫސްކޮންފަރެންސެއް ބޭނުން ކުރީ ސްމޯކްސްކްރީނަކަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަޅުގަނޑު އެ ލަފްޒު އަމާޒުކޮށްލީ ސްމޯކްސްރީން އަކަށް،" އަލީ ވިދާޅުވި އެވެ.

"ސްމޯކްސްރީނެކޭ އެއީ އަޅުގަނޑު ފަހަތުގައި ވިއްދާފައި ހުރީ ކޮން ބައެއްތޯ ބަލަން، ހަނގުރާމައިގެ މައިދާނުގައި ނަސްރު ހޯދުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން ދީނުގައި ވެސް އޮވޭ،"

އެ ދުވަހު ދެއްކި ވާހަކަތައް ނަފީކޮށް، އަލީ ވަހީދު މިއަދު ވިދާޅުވީ ރައީސަކީ 35 މިލިއަން ރުފިޔާ ނަންގަވަން ޖެހޭ ވަރުގެ ބޭފުޅެއް ނޫން ކަމަށާއި އެއީ އެއަށް ވުރެ ލިބޭ ބޭފުޅެއް ކަމަށެވެ.

ފްރޭމް ކުރި ކަމަށް ބުނެ ދެއްކި ވާހަކަ ތަކުރާރު ކުރިނަމަވެސް، އެކަމާ މެދު "އަދަދު" އިން ސުވާލުކުރުމުން ވެސް އެއީ ކޮން ބައެއް ކަމެއް ކުރި ކަމެއް ކަން ވިދާޅުވާން އޭނާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ. ވިދާޅުވީ އެކަން ކުރީ ރައީސް ސޯލިހު އަދި ރައީސް ޔާމީން ވެސް ނޫން ކަމަށެވެ.

މައްސަލައިގެ ފަސްފަހަތް

އަލީ ވަހީދު ރާއްޖޭން ފިލީ ފެބްރުއަރީ 10، 2021 ގަ އެވެ. އޭގެ ފަހުން އޭނާ ހައްޔަރުކޮށްގެން ޝަރީއަތަށް ހާޒިރު ކުރުމަށް ނޮވެމްބަރު 28، 2021 ގައި ކޯޓުން އަމުރެއް ނެރުނު ނަމަވެސް މިހާތަނަށް އޭނާ ރާއްޖެއަށް ގެނެވިފައެއް ނުވެ އެވެ.

އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ކްރިމިނަލް ކޯޓުން ބާތިލްކޮށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ އެ ކޯޓުން ދިނުމުންނެވެ. އޭނާގެ ޕާސްޕޯޓް ދޫކުރީ ޖާމިނުވާ މީހެއްގެ ގޮތުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އެއްބަސްވުމުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ވެސް އަލީ ވަހީދު ރާއްޖެއަށް ވަޑައެއް ނުގަންނަވަ އެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފުކުރި އެވެ. ނަމަވެސް، އަލީ ވަހީދު އުޅޭނޫޅޭ ތަނެއް ނޭނގި، ޗިޓް ނުފޮނުވިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިދޭން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލީ އެވެ.

އޭގެ ފަހުން ދެވަނަ ފަހަރަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އަލީގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުގައި އެދުމުން އެ އަމުރު ނެރެނުދިން މައްސަލާގައި ހައިކޯޓަށް ދިޔަ އެވެ. ނަމަވެސް، އަލީގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، މައްސަލަ ބަލައިގެންފައިނުވެ އެވެ.

އަލީ ވަހީދު މައްޗަށް ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައިވެ އެވެ.

އެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރުމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުން ޖުލައި ނުވައެއް، 2020 ގައި އޭނާ މަގާމުން ވަކިކުރި އެވެ.