Advertisement

އަދީބު ބޭރަށް ފޮނުވަނީ އަނބުރާ ގެނެވޭނެކަން ކަށަވަރުވާ ގޮތަށް: ކަރެކްޝަންސް

11 ޖުލައި 2023 - 14:47 3

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި. އޭނާ ރާއްޖޭން ބޭރަށް ފޮނުވާނީ ސެކިއުރިޓީއާ އެކީ. ފޮޓޯ: އެމްޓީޑީ


އަދީބު ބޭރަށް ފޮނުވަނީ އަނބުރާ ގެނެވޭނެކަން ކަށަވަރުވާ ގޮތަށް: ކަރެކްޝަންސް

11 ޖުލައި 2023 - 14:47 3

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ބޭރަށް ފޮނުވާނީ ރާއްޖެއަށް އަނބުރާ ގެނެވޭނެކަން ކަށަވަރުވާ ގޮތަށް ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު "އަދަދު" އަށް ވިދާޅުވީ އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވާ އިރު އޭނާގެ އަރިހުގައި ސެކިއުރިޓީ އޮފިސަރުން ވެސް ދާނެ ކަމަށެވެ.

"އޭނާއާ އެކު ސެކިއުރިޓީ [އޮފިސަރުން] ފޮނުވޭނެ. އޭނާ ބެލެހެއްޓޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި،" ކަމިޝަނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަދީބު ސިންގަޕޫރަށް ފޮނުވާނީ މިރޭގެ ވަގުތެއްގަ އެވެ.

ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނީ އަދީބު ބޭސްފަރުވާއަށް ބޭރަށް ދިއުމުގެ ހުއްދަ ދިނީ މެޑިކަލް ބޯޑްގެ ލަފަޔާ އެކުގައި ކަމަށެވެ.

"މަނީ ލޯންޑްރިންގެ ކުށުގައި ހުކުމްތަންފީޛް ކުރަމުންދާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް ޢަބްދުލް ޣަފޫރު، ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ މެޑިކަލް ބޯޑުގެ ލަފައާއެކު މި ސަރވިސްއިން ވަނީ ދީފައި،" ކަރެކްޝަނަލް ސާވިސް އިން މިއަދު ކުރި ޓްވީޓެއްގައި ބުންޏެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށް ސާބިތުވެ 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ އަދީބު ޖަލުން ގެއަށް ބަދަލުކުރީ ވެސް އޭނާގެ ސިއްހީ ހާލަތާ ގުޅުވައިގެންނެވެ. އޭނާގެ ޖަލުހުކުމް ގޭބަންދުގައި ފުރިހަމަ ކުރަން ދޫކޮށްފައި ބަހައްޓާތީ ސަރުކާރަށް އަމާޒުވި ފާޑުކިއުންތަކާ ގުޅިގެން ހޯމް މިނިސްޓްރީން ކުރިން ބުނެފައި އޮތީ އޭނާ ގެއަށް ބަދަލުކުރީ ނިދާ އިރު މެޝިނެއް ބޭނުންކުރަން ޖެހޭތީ ކަމަށެވެ.

އަދީބު ފުރަތަމަ ގެއަށް ބަދަލުކުރަން ހައިކޯޓުން 2018 ވަނަ އަހަރު އަމުރުކުރީ އޭނާއަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ ކަމަށް ބުނެ އޭނާގެ ފަރާތުން އެކޯޓަށް މައްސަލައެއް ހުށަހެޅުމުންނެވެ.