މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮންމެ ގޮތަކަށް ކަން ކުރެއްވިޔަސް، އެކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް ސިފައިން ނުފޮނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަމުގެ ދެ ވަނަ ދައުރަކަށް ވާދަ ކުރައްވާ ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ށ. ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ފާހަގަ ކުރެއްވީ އެ މަނިކުފާނު ވެސް ތަމްސީލު ކުރެއްވި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހާލަތެވެ.
"މެންބަރުން އުޅެން ޖެހުނީ ކޮން ގޮތަކަށްތޯ، ކިތައް ކިތައް މެންބަރުންތޯ ޖަލަށް ވަންނަން ޖެހުނީ، ރައްޔިތުން އިންތިހާބުކޮށްފައި ތިބި ރައްޔިތުންގެ މެންބަރުން މަޖިލީހަށް ވަންނަން އުޅުނީތީ ހިފާ ހައްޔަރުކޮށް ޝަރީއަތަށް ފޮނުވި،" އޭރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރެއްގެ ގޮތުގައި ހުންނެވި ރައީސް ސޯލިހު ވިދާޅުވި އެވެ.
މަންޒަރު މުޅިން ބަދަލު ވެފައިވާކަން ފާހަގަކޮށް، ރައީސް ވިދާޅުވީ މާޒީގައި ކަން ހިނގައި އެ ދިޔަ ގޮތަށް ދެން ކަންކަން ނުހިނގާނެ ކަމަށެވެ.
"[މިއަދު]ސިޔާސީ ލީޑަރުން މިނިވަންކަމާ އެކީ އެބަ ހަރަކާތްތެރިވޭ، ރައްޔިތުންގެ މަޖިލިސް ވެސް، އެ މަޖިލީހުގެ ރައީސް ބޭނުންފުޅު ގޮތަކަށް ހިންގަވަމުން ގެންދަވާ، ސިފައިން ވަދެ ނުހުއްޓުވާ،" މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ހިންގަވާގޮތާމެދު އެމްޑީޕީގެ ނުރުހުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި މަޖިލީހުގެ ޖަލްސާތައް ހުއްޓާލާފައިވަނީ ސީދާ ނަޝީދު އަންގަވައިގެންނެވެ. އެއީ މަޖިލީހަށް ހުށަހަޅާފައިވާ އޮތް ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުމަށް ކަމަށް ވެސް ތުހުމަތު ކުރެ އެވެ.
Comment