Advertisement

މެޓާގެ އައު އެޕް "ތްރެޑްސް" ބުރާސްފަތި ދުވަހު ނެރެނީ

4 ޖުލައި 2023 - 14:18 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

ޓްވިޓާއެކޭ އެއްގޮތަށް މިއީ "ޓެކްސްޓް ބޭސްޑް ކޮންވާޝަން" އެޕެއް ކަމަށް މެޓާއިން ބުނެފައިވެ އެވެ.


މެޓާގެ އައު އެޕް "ތްރެޑްސް" ބުރާސްފަތި ދުވަހު ނެރެނީ

4 ޖުލައި 2023 - 14:18 0

ފޭސްބުކްގެ މައި ކުންފުނި މެޓާ އިން ޓްވިޓާއާ ވާދަކުރުމަށް ތްްރެޑްސްގެ ނަމުގައި އާ އެޕެއް ތައާރަފް ކުރަން ނިންމައިފި އެވެ.

އެޕަލް އެޕް ސްޓޯރުން މިހާރު ޕްރީ އޯޑަރު ކުރެވޭ މި އެޕަކީ އިންސްޓަގްރާމް އާއި ގުޅިފައިވާ އެޕެކެވެ. ޓްވިޓާއެކޭ އެއްގޮތަށް މިއީ "ޓެކްސްޓް ބޭސްޑް ކޮންވާޝަން" އެޕެއް ކަމަށް މެޓާއިން ބުނެފައިވެ އެވެ.

ތްރެޑްސް އެޕްގެ ޔޫޒާ އިންޓަފޭސް


މިހަފްތާގެ ބުރާސްފަތި ދުވަހު ލައިވް ކުރަން ނިންމާފައިވާ ތްރެޑްސް އެޕްގެ ޑޭޝްބޯޑް، ޓްވިޓާއާ ގާތްގަނޑަކަށް އެއްގޮތެވެ. ޓްވިޓާ ފަދަ އެޕެއް މެޓާ އިން ނެރެން ތައްޔާރުވަމުން އަންނަނީ މެޓާގެ ވެރިޔާ މާކް ޒަކަބާގާއި ޓްވިޓާގެ ވެރިޔާ އިލޯން މަސްކްގެ ވާދަވެރިކަމެއް އާއްމުވެފައިވާ ވަގުތެއްގަ އެވެ.

މިދިޔަ ހަފްތާތަކުގައި ޒަކަބާގާއި މަސްކްގެ ސަމާސާ ބަހުގެ ހަމަލާތަކެއް ބަދަލުކުރުމަށް ފަހު، ދެ މީހުން ކޭޖް ފައިޓިން މެޗަކަށް އަރަން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް މިއެއްބަސްވުމުގެ ސީރިއަސްކަން އަދި ސާފެއް ނުވެ އެވެ.

މެޓާއިން ބުނެފައިވަނީ އެކުންފުނީގެ އަމާޒަކީ "ސޭންލީ ރަން" ނުވަތަ ބުއްދި ސަލާމަތުންހުރެ ހިންގާ ސޯޝަލް މީޑިއާ ތައާރަފުކުރުން ކަމަށެވެ. މިއީ މަސްކް ޓްވިޓާއަށް ގެންނަމުންދާ ބޮޑެތި ގިނަ ބަދަލުތަކަށް ނުސީދާ ގޮތަކަށް ކޮށްފައިވާ މަލާމާތެއް ކަމަށް ބެލެވެ އެވެ. މިކަމަށް ރައްދުދީ ސަމާސާ ރާގަކަށް މަސްކް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ތްރެޑްސްގެ "ސޭން" މެނޭޖްމަންޓަށް ޝުކުރުވެރިވާ ކަމަށެވެ.

މަސްކްގެ އެންމެ ފަހުގެ ބަދަލުތަކަށް ބަލާއިރު ދުވާލަކު ބެލޭ ޓްވީޓްތަކުގެ އަދަދު ލިމިޓްކުރުމުގެ އިތުރުން ޓްވީޓްޑެކް ޑޭޝްބޯޑަށް ފައިސާ ނެގުން ހިމެނެ އެވެ. މިއީ އެ ކުންފުނީގެ ސަބްސްކްރިޕްޝަން ހިދުމަތް ކަމަށްވާ ޓްވިޓާ ބްލޫ ޕްރޮމޯޓް ކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ.

މިފަދަ ކަންކަމުގެ ތެރޭގައި މެޓާގެ ތްރެޑްސް އެޕަށް ބޮޑު ތަރުހީބެއް ލިބި މަގުބޫލުވުމުގެ ފުރުސަތު ބޮޑެވެ. މިއީ ޓްވިޓާ ބޭނުންކުރާ މީހުންނަށް އެ އެމީހުން ބޭނުންވާ މުހިންމު ހުރިހާ ފީޗާތަކެއް، މަސްކް އަޅަމުންދާ ހުރަސްތަކާ ނުލާ ލިބޭނެ ފްރީ އެޕެކެވެ.

އެޕް ސްޓޯރުގެ ޑިސްކްރިޕްޝަންގައިވާ ގޮތުން ތްރެޑްސްގެ އަމާޒަކީ ގިނަ މައުލޫއުތަކެއްގެ މައްޗަށް މަޝްވަރާ ކުރުމަށް މުޖުތަމައުތައް އެއްކޮށްލުމެވެ. ނަމަވެސް މެޓާގެ ގިނަ ޕްލެޓްފޯމްތަކެކޭ އެއްގޮތަށް ތްރެޑްސް އިން ޔޫޒަރުންގެ ތަފާތު ޑޭޓާ އެއްކުރާނެ ކަމަށާއި އޭގެ ތެރޭގައި ލޮކޭޝަން، ގަންނަ ތަކެތި، އަދި ބްރައުޒިން ހިސްޓްރީ ހިމެނޭ ކަމަށްވެސްވެ އެވެ.

ފާއިތުވި އަހަރުތަކުގައި ޓްވިޓާ ފަދަ އެހެން އެޕްތަކަށް މަގުބޫލުކަން ލިބިފައިވީ ނަމަވެސް ތްރެޑްސް އަކީ މިހާތަނަށް ޓްވިޓާއަށް އޮތް އެންމެ ބޮޑު ނުރައްކަލަކަށް ވެދާނެ އެވެ. މެޓާ އަކީ އެހެން ކުންފުނިތަކުގެ ހިޔާލުތައް ނަކަލުކޮށް އަމިއްލަ ގޮތަކަށް ގެނެސްދީގެން މީގެ ކުރިންވެސް މަގުބޫލުކަން ހޯދާފައިވާ ކުންފުންޏެކެވެ. އެގޮތުން ޓިކްޓޮކާއި އެއްގޮތަށް ރީލްސް އަދި ސްނެޕްޗެޓާއި އެއްގޮތަށް ސްޓޯރީސް ތައާރަފުކުރުން ފާހަގަކުރެވެ އެވެ.