Advertisement

އެއްވެސް ބަޔަކު ފައިނަލުގައި ރެފްރީ އަށް ޕްރެޝަރު ނުކުރާނެކަމަށް އުންމީދުކުރަން: ކުވެއިތު

3 ޖުލައި 2023 - 12:34 0

ބެންގަލޫރު، އިންޑިއާ

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކުވެއިތުގެ ކޯޗު ބެންޓޯ ވާހަކަ ދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އެއްވެސް ބަޔަކު ފައިނަލުގައި ރެފްރީ އަށް ޕްރެޝަރު ނުކުރާނެކަމަށް އުންމީދުކުރަން: ކުވެއިތު

3 ޖުލައި 2023 - 12:34 0

ބެންގަލޫރު، އިންޑިއާ

އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މާދަމާރޭ ކުވެއިތާއި އިންޑިއާ ބައްދަލުކުރާއިރު، އެ މެޗުގައި އެއްވެސް ބަޔަކު ރެފްރީ އަށް ޕްރެޝަރު ނުކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ކުވެއިތުގެ ކޯޗު ޕޯޗުގަލްގެ ރުއީ ބެންޓޯ ބުނެފި އެވެ.

ގްރޫޕް ސްޓޭޖުގައި އިންޑިއާ އާއި ކުވެއިތު 1-1 އިން އެއްވަރުވި މެޗުގައި ދެ ޓީމުގެ މެދުގައި ހަމަަނުޖެހުންތަކެއް ވަނީ ހިނގައިފަ އެވެ. އެ މެޗުގައި އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް އަށް ރަތް ކާޑު ދެއްކިއިރު، ކުވެއިތުގެ އޮފިޝަލަކަށް ވެސް ރީނދޫ ކާޑު ދެއްކި އެވެ. އަދި އެ މެޗުގައި ރެފްރީކަން ކުރި، ބަންގްލަދޭޝްގެ ރެފްރީ އަލަމްގީރު ވަނީ ކުވެއިތުގެ ހަމަދް އަލް ގަލަފް އާއި އިންޑިއާގެ ރަހިމް އަލީ އަށް ވެސް ރަތް ކާޑު ދައްކައިފަ އެވެ.

މާދަމާރޭ ކުޅޭ ފައިނަލުގެ ކުރިން މިއަދު ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބެންޓޯ ބުނީ 21 ދުވަސް ތެރޭގައި ހަތް މެޗު ކުޅެން ޖެހުނުއިރު، މި މުބާރާތުގައި ކުވެއިތުގެ ހަތަރު މެޗުގެ ތެރެއިން ތިން މެޗު ވެސް ކުޅެން ޖެހުނީ މެންދުރުފަހު ތިނެއް ޖެހިއިރު ކަމަށެވެ. އަދި އެ ވަގުތު ކުޅެން އުނދަގޫ ވިޔަސް ކުވެއިތުން އެއްވެސް ޝަކުވާއެއް ނުކުރާ ކަމަށާއި މުބާރާތުގެ ކަންކަން ހުންނަ ގޮތުން ވާހަކަ ނުދެއްކި ކަމަށް ވިޔަސް، އުންމީދަކީ ފައިނަލުގައި ގިނަ ކަންކަން ރަނގަޅުވާނެ ކަމަށް ކަމުގައި ބެންޓޯ ވަނީ ބުނެފަ އެވެ.

"އަހަރެމެން ރެފްރީންގެ ނިންމުންތަކަށް ވެސް ފާޑެއް ނުކިޔަން. އަހަރެމެން ބޭނުންްވަނީ، އަދި އެދެނީ ނޫނީ އުންމީދުކުރަނީ ވެސް ފައިނަލް މެޗުގައި އެއްވެސް ބަޔަކު ރެފްރީންނަށް ޕްރެޝަރު ނުކުރަން،" ޕޯޗުގަލް ގައުމީ ޓީމަށް ވެސް ކުޅެފައިވާ ބެންޓޯ ބުންޏެވެ.

ގްރޫޕް ސްޓޭޖުގައި އިންޑިއާ އާއި ކުވެއިތު ބައްދަލުކުރި މެޗާއި މި މެޗު ހުރިހާ ގޮތަކުން ވެސް ތަފާތުވާނެކަން ފާހަގަކޮށް، ބެންޓޯ ބުނީ ކުޅުންތެރިންނަށް ޕްރެޝަރެއް ނުދީ ބޭނުންވަނީ "ހަމަޖެހިލައިގެން" ކާމިޔާބު ހޯދޭ ވަރުގެ ކުޅުމެއް ދެއްކުމަށް ކަމަށެވެ.

އެންމެ ފަހުން ކުޅުނު ދެ މެޗުގައި ކުވެއިތުގެ ކުޅުންތެރިއަކަށް ލަނޑެއް ނުޖެހޭތީ އެއީ ޕްރެޝަރެއްތޯ ނޫނީ ޓީމު ކުޅޭ ސިސްޓަމް ބަދަލުކުރާނެ ސަބަބެއްތޯ އެހުމުން، ބެންޓޯ ބުނީ އެއްވެސް އިރެއްގައި އޭނާ ޓެކްޓިކްސް ބަދަލުކުރާ ވިސްނުމެއްގައި މަސައްކަތް ނުކުރާނެ ކަމަށެވެ.

ބެންޓޯ ވަނީ ވީހާވެސް ގިނަ ބަޔަކު މި ފައިނަލް މެޗު ބަލަން އައިސް، ފުޓްބޯޅައިގެ ފޯރި ނަގަން އެދޭ ކަމަށް ބުނެފަ އެވެ. އަދި މި މެޗުގައި ވެސް 120 މިނިޓް ކުޅެން ޖެހުނަސް، އެ ވަރަށް ޓީމު ފިޓްވާނެ ކަމަށް ބެންޓޯ ވަނީ މިއަދު ދެއްކި ވާހަަކައިގައި ފާހަގަކޮށްފަ އެވެ.

ސާފް ޗެމްޕިއަންޝިޕް ފައިނަލް މެޗު އޮތީ މާދަމާރޭ ހަތެއް ޖަހާއިރު އެވެ.