Advertisement

ބެންޓޯ ދެކޭގޮތުގައި އޭޝިއާ ފުޓްބޯޅައިގައި މަދުވަނީ ފަރުދާގެ ފުރަގަހުގައި ކުރާ މަސައްކަތް

10 ޖުލައި 2023 - 08:57 0

ބެންގަލޫރު، އިންޑިއާ

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


ބެންޓޯ ދެކޭގޮތުގައި އޭޝިއާ ފުޓްބޯޅައިގައި މަދުވަނީ ފަރުދާގެ ފުރަގަހުގައި ކުރާ މަސައްކަތް

10 ޖުލައި 2023 - 08:57 0

ބެންގަލޫރު، އިންޑިއާ

ޕޯޗުގަލްގެ ފަސް ވަރަކަށް އުމުރުފުރާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ރުއީ ބެންޓޯ، ކުވެއިތު ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. އެއީ، ކުވެއިތުގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގައި ވެސް މަސައްކަތް ކުރާ ގޮތަށެވެ. ޕޯޗުގަލް ގައުމީ ޓީމަށް ވެސް ކުޅެފައިވާ ބެންޓޯ، އަށް ކުވެއިތާ ހަވާލުވުމުގެ ކުރިން އޭޝިއާ ފުޓްބޯޅައިގައި ލިބިފައިވާ ތަޖުރިބާ އަކީ ތައިލެންޑްގެ ބެންކޮކް ޔުނައިޓެޑާއި ސައުދީ އަރަބިއްޔާ ފުޓްބޯޅަ ފެޑެރޭޝަނާ ގުޅިގެން ކުރި ފުޓްބޯޅަ ޑިވެލޮޕްމަންޓްގެ މަސައްކަތެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބެންޓޯއާ އަމާޒުވި އެއް ސުވާލަކީ، އޭނާގެ ނަޒަރުގައި އޭޝިއާ ފުޓްބޯޅަ އާއި ޔޫރަޕްގެ ފުޓްބޯޅައިގައި ހުރި އެންމެ ބޮޑު ތަފާތަކީ ކޮބައިތޯ އެވެ.ބެންޓޯ، 51، ވަނީ ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި ކުރެވުނު ސުވާލަށް ތަފްސީލީ ގޮތެއްގައި ޖަވާބު ދީފަ އެވެ.

ބެންޓޯ، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އޭޝިއާ ފުޓްބޯޅައިގައި ހުނަރު ހުރި ކުޅުންތެރިން ހޯދައިގެން، ދެމެހެއްޓެނިވި ގޮތެއްގައި އެ ކުރާ މަސައްކަތް މަދުވުމެވެ. މަސައްކަތް ކުރަން ބަލާއިރު، މަތީ ފަންތީގެ ތަޖުރިބާ ލިބިފައިވާ އެންމެ ބޮޑަށް ކަމަށް އެކަށޭނެ މީހުން ލައްވައި، މަސައްކަތް ކުރަން ރަނގަޅު ވަސީލަތްތައް ގާއިމްވެފައި ނެތުމެވެ. ޓެކްނިކަލް ކަންތައްތައް ދިރާސާކުރުމާއި ކުޅުންތެރިން ކުރިއަރާ މިންވަރު ދެނެގަނެގެން، ދެން ކުރަން ހުރި މަސައްކަތްތައް ކިޔައިދެވޭނެ ގާބިލު މީހުން މަދުވުމެވެ.

"ޔޫރަޕް ފުޓްބޯޅަ ތި އެންމެންނަށް ޓީވީން އެ ފެންނަނީ. އެ އަށް ބަލައިގެން ގޮތް ނުކިޔަމާ، ހަގީގަތަކީ ދަނޑުމަތީގައި އެ ކުޅޭ ޓީމެއް އެ ހިސާބަށް އެ އަންނަނީ އެތައް އަހަރެއް ވަންދެން ކެނޑިނޭޅި އެތައް ބަޔަކު ކޮށްފައިވާ މަސައްކަތުން، އެއީ މުބާރާތެއް ކައިރީވީމަ އެ ކުރާ ޓްރެއިނިން އަކުން އަންނަ ކަމެއް ނޫން، އެ ގުޅިފައި އޮންނަނީ އެ ކުޅުންތެރިއެއްގެ ޑިވެލޮޕްމަންޓް ފެށޭ ހިސާބުން ވެސް،" ޕޯޗުގަލްގެ 17، 18، 19، 20 އަދި 21 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދިން ބެންޓޯ ކިޔައިދިނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބެންޓޯ ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


"ޔޫރަޕް ފުޓްބޯޅަ އެ ލެވަލްގައި އެ އޮތީ، ޒަމާނުއްސުރެ ލިބެމުން އަންނަ ތަޖުރިބާތަކުގެ އަލީގައި، ފަރުދާގެ ފުރަގަހުގައި ތިބޭ މީހުން ކުރާ މިންނެއް މަސައްކަތް ވަރަށް ރަނގަޅުވީމަ، ކޮންމެ ކަމަކަށް މީހުން ތިބޭނެ، ކޯޗުން، ޑޮކްޓަރުން، ފިޒިއޯ އިން، ސްޕޯޓްސް ސައިންޓިންސްޓުން،"

"ކުރިން ކުޅެފައިވާ ކުޅުންތެރިން އައިސް، ދެން އޮތް ޖީލުތަކަށް ބުނެދޭ ބުނެދިނުމާއި ޒަމާނަށް އަންނަ ބަދަލުތަކާ އެކު ފުޓްބޯޅައިގެ ކަންކަމަށް ހޭނެން އުނގަންނައިދިނުން، މިއީ ވަރަށް ކުޑަ އިރުއްސުރެ ޕްލޭޔަރެއްގެ ޑިވެލޮޕްމަންޓުން ފެށިގެން އަންނަން ޖެހޭ މަސައްކަތެއް،"

ބެންޓޯ ބުނީ ސައުދީ އަރަބިއްޔާ އާއި ކުވެއިތުގައި ވެސް އޭނާ އަށް ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ފެނުނު ކަމަށެވެ. އަދި ފުޓްބޯޅައިން ކުރިއަށްދާން ބޮޑު ޝައުގުވެރިކަމެއް ގެންގުޅޭ ކުޅުންތެރިން އެ އަށް މަސައްކަތް ވެސް ކުރާ ކަމަށެވެ.

"އެކަމަކު، މީގެ އޮތް މައްސަލަ އަކީ އެ ގައުމެއްގައި އެ އޮންނަ ފުޓްބޯޅަ ސިސްޓަމް. ފުޓްބޯޅަ އަށް ދޭ އަހައްމިއްޔަތުކަން، ޕްލޭޔަރު ޑިވެލޮޕްކުރާ މާހައުލުން އެކަމަށް ބާރު އަޅާ މިންވަރު، މޮޅު ކުޅުންތެރިންތަކެއް ނޫނީ މޮޅު ޓީމެއް ބިނާކުރުމަކީ އެއް ރެއިން ވާނެ ކަމެއް ނޫން، އެއީ އަހަރުތަކެއްގެ މަސައްކަތް،" ކުރިން ދެއްކި ވާހަކައެއް ތަކުރާރުކުރުމަށް ފަހު ބެންޓޯ ބުންޏެވެ.

"ކުރެވޭ މަސައްކަތާއި ދޭ އަހައްމިއްޔަތުކަމާ ވަސީލަތްތަކާއި ޕްރޮފެޝަނަލުން، މި ހުރިހާ ކަމަކުން ބަލާއިރު، ޔޫރަޕް އެ އޮތީ މާ ކުރީގައި، މި ވަގުތު، މިއީ މި ވަގުތަށް ފެންނަން އޮތް ހަގީގަތް، މިއީ ބަދަލުނުވާނެ ކަމެއް ނޫން،"

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކުވެއިތުގެ ކޯޗު ބެންޓޯ ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ބެންޓޯ ކޯޗުކޮށްދޭ ކުވެއިތު ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި ބަލިވީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިންޑިއާ އަތުންނެވެ.

ކުވެއިތު ޓީމާ ހަވާލުވެ، އަށް މަހެއްހާ ދުވަސްތެރޭ ބެންޓޯ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން، ޔޫތު ޓީމުތަކުން ސީނިއާ ޓީމަށް ކުޅުންތެރިން ނެގޭނެ ކްރައިޓީރިއާއެއް ގާއިމްކުރުމާއި އެ ގައުމުގެ ސަގާފަތުގެ ތެރެއިން ފުޓްބޯޅަ ސިސްޓަމަށް އެކަށޭނެ ޕްލޭނެއް އެކުލަވާލި އެވެ. އެންމެ ބޮޑު އިސްކަމެއް ދިނީ ޕްރޮފެޝަނަލް ވިސްނުމެއްގައި ފުޓްބޯޅައިން ކުރިއަށްދާން ތިބި ކުޅުންތެރިންނަށް ކުޅެން ލިބޭ ފުރުސަތު އިތުރު ކުރުމަށެވެ.

"އަހަންނަށް ސައުދީ އަރަބިއްޔާ އިން ވެސް މޮޅު ކުޅުންތެރިން ފެނުނު، ކުވެއިތުން ވެސް ހުނަރު ހުރި ކުޅުންތެރިން ފެނޭ، އަހަރެން އަބަދުވެސް ބުނަން، އިންވެސްޓް ކުރަންވީ ހުނަރު ހުރި އެ ޑިވެލޮޕްކުރަން މަސައްކަތް ކުރާ ކުޅުންތެރިންނަށޭ، އޭރުންނޭ ނަތީޖާ ފެންނާނީ، ފުޓްބޯޅަ އަކީ ޓީމު ސްޕޯޓެއް، ފުޓްބޯޅައިގެ ކޮންމެ ކަމެއްގައި ވެސް ނަތީޖާ ނެރެވޭނީ ޓީމެއްގެ ގޮތުގައި އެ މަސައްކަތް ކުރަން ތިބި ބަޔަކު ވެސް ކޮށްގެން،" ބެންޓޯ ބުންޏެވެ.

އޭޝިއާ ފުޓްބޯޅަ މިހާރު އޮތީ ރަނގަޅު މިސްރާބެއްގައިކަން ފާހަގަކޮށް، ބެންޓޯ ބުނީ އެންމެ މުހިންމު ކަމަކީ ކޮންމެ ބައެއް ވެސް ހަރުދަނާ ސިސްޓަމެއްގެ ތެރެއިން އަހަރުން އަހަރަށް ރިވިއުކޮށްގެން މަސައްކަތް ކުރުން ކަމަށެެވެ. އެ ގައުމެއްގެ ފުޓްބޯޅައިގައި އެ ވަގުތެއްގެ ހާލަތާއި އެ ވަގުތެއްގައި ހުރެވޭ ހިސާބެއް ނޭނގި، ކިތަންމެ މަސައްކަތެއް ކުރަން އުޅުނަސް، އެ ކަަމަކުން އުފެއްދުންތެރި ކަމެއްގެ ގޮތުގައި ނަތީޖާ ނުރެވޭނެކަމަށް ބެންޓޯ ބުނެފައިވެ އެވެ.

"މީގެ އޮންނާނީ މަސައްކަތުގެ ޕްލޭނަކަށް ފަހު ދެން އަންނަ ޕްރޮސަސް، އެއްވެސް އިރެއްގައި ވިސްނާނުލައި އެ ޕްރޮސަސް އެއްކޮށް ބަދަލުކުރަން އުޅެގެން ނުވާނެ، ގެންނަން ޖެހޭނީ ތަފާތު ރަނގަޅު ހިޔާލުތައް. އަހަރެން ގެންގުޅޭ އުސޫލަކީ، ޕްރޮސަސް ކުރިއަށް ގެންދިއުން، އެ ހުއްޓިގެން ނުވާނެ،" ބެންޓޯ ބުންޏެވެ.

ބެންޓޯ ބުނީ ޔޫރަޕްގެ ގިނަ ޕްރޮފެޝަނަލް ކޯޗުން އޭޝިއާގައި ވަޒީފާ އަދާ ކުރަން ޝައުގުވެރިވާ އެއް ސަބަބަކީ ރަނގަޅު މަސައްކަތެއް ކޮށްފިނަމަ ގައުމެއްގެ ފުޓްބޯޅަ އަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމުގެ ޔަގީންކަން އޮތުމެވެ. ކުވެއިތާ އެކު އޭނާ ވެސް ހުރީ އެ އަމާޒުގައި ކަމަށް ބެންޓޯ ވަނީ ބުނެފަ އެވެ.