Advertisement

ސާފް ޗެމްޕިއަންޝިޕްގެ ސަބަބުން ލެބަނަން ޓީމްގެ ލެވެލް މަތި ކުރެވިއްޖެ: އިލިކް

2 ޖުލައި 2023 - 08:49 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ލެބަނަންގެ ސާބިއާ ކޯޗު އިިލިކް: ސާފް ޗެމްޕިންޝިޕާ އެކު ލެބަނަންގެ ލެވަލް މަތިކުރެވިފައިވާ ކަމަށް އިލިކް ބުނެފައިވޭ.


ސާފް ޗެމްޕިއަންޝިޕްގެ ސަބަބުން ލެބަނަން ޓީމްގެ ލެވެލް މަތި ކުރެވިއްޖެ: އިލިކް

2 ޖުލައި 2023 - 08:49 0

ސާފް ޗެމްޕިއަންޝިޕުގެ ސަބަބުން ލެބަނަންގެ ޓީމަށް ބޮޑު ކުރިއެރުމެއް އައިސްފައިވާ ކަމަށާއި، ވަކި ވަކި ކުޅުންތެރިންނަށް ބަލާއިރު ވެސް ތަފާތު ފެންނަ ކަމަށް އެ ޓީމް ކޯޗު ސާބިއާގެ އެލަގްސަންޑާ އިލިކް ބުނެފި އެވެ.

ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ލެބަނަން ސާފް ޗެމްޕިއަންޝިޕުން ކެޓި ނަމަވެސް ލެބަނަން ޓީމުގެ ކޯޗު ހުރީ ހިތްހަމަޖެހިގެންނެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވި ހަމައެކަނި ޓީމަކީ ލެބަނަން އެވެ.

އިންޑިއާ އަތުން ބަލިވި މެޗާ ގުޅޭގޮތުން ލެބަނަންގެ ކޯޗު އިލިކް ބުނީ މި މެޗުގައި އޭނާގެ ޓީމުން ގިނަ ފުރުސަތުތަކެއް ހޯދި ކަމަށާއި، އިންޑިއާ އަށް ވުރެ ގިނައިން ހުސް ފުރުސަތުތައް އެ ޓީމަށް ލިބުނު ކަމަށެވެ. ނަމަވެސް އެއްވެސް ފުރުސަތެއް ގޯލަކަށް ނިންމާ ނުލެވި ނަތިޖާ ބަދަލުކޮށް ނުލެވުނީ ކަމަށް އިލިކް ވަނީ ބުނެފަ އެވެ.

"އަހަރުމެންގެ ނިންމާލުންތައް ރަނގަޅުވި ނަމަ ޕެނަލްޓީއާ ހަމައަށް ނުދިޔައީސް. ފުރުސަތުތައް ހޯދުނު އެކަމަކު ފިނިޝިން ގޯސްކޮށް ދިޔައީ. ޕެނަލްޓީގައި ވާނެ ގޮތެއް ނޭނގޭނެ. އަހަރެން ފަހުރުވެރިވޭ ޓީމުން ދެއްކި ކުޅުމާމެދު." ސާބިއާ އަށް އުފަން އިލިކް ބުންޏެވެ.

އިންޑިއާ އިން މި ވަނީ 16 ދުވަސްތެރޭ ތިން ފަހަރު ލެބަނަންއާ ކުޅެ ދެ ފަަހަރު އެ ޓީމު އަތުން މޮޅުވެފަ އެވެ. އިންޑިއާގައި މިދިޔަ މަހު ބޭއްވި އިންޓަކޮންޓިނެންޓަލް ކަޕްގެ ލީގު ބުރުގައި އިންޑިއާ އާއި ލެބަނަން ވަނީ 0-0 އިން އެއްވަރުވެފަ އެވެ. އެ މުބާރާތުގެ ފައިނަލުގައި ލެބަނަން އަތުން އިންޑިއާ މޮޅުވީ 2-0 އިންނެވެ. މިއަދު އިންޑިއާ އަށް ލެބަނަން ބަލިކުރެވުނީ ޕެނަލްޓީގަ އެވެ.

އިލިކް ބުނީ އިންޑިއާއާ ދެކޮޅަށް ލެބަނަން އެންމެ މޮޅަށް ކުޅުނު މެޗަކީ ސެމީ ފައިނަލް ކަމަށާއި، އިންޑިއާއާ ދެކޮޅަށް ޓީމުން ދެއްކި ކުޅުމަށް ތައުރީފް ހައްގު ކަމަށެވެ.

މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ގޯލްކީޕަރު ބަދަލުކުރީ ކީއްވެތޯ އެހުމުން އޭނާ ބުނީ މަހުދީ ހަލީލްގެ ބަދަލުގައި ދެ ނަންބަރު ކީޕަރު އަލީ ސަބީހު ކުޅެން އެރުވީ ޕެނަލްޓީ ދިފާއުކުރަން ސަބީހު މޮޅުވުމުން ކަމަށެވެ. ނަމަވެސް އެއްވެސް ޕެނަލްޓިއެއް މަތަ ނުކުރެވުމުން އެކަން އޭނާ ފާހަގަކުރި އެވެ.

"ކީޕަރު ބަދަލުކުރީ ޕެނަލްޓީއަށް. އެއީ ބެންޗުގައި އިން ކީޕަރު ޕެނަލްޓީއަށް މާ މޮޅުވާނެތީ. އެކަމަކު އަހަރުމެންގެ ނަސީބުވެސް ނެތީ. އެއްވެސް ޕެނަލްޓީއެއް އަތުލެވޭ ގޮތް ނުވި އެ ކީޕަރަށް. އަހަރުމެން ބޭނުންވި ގޮތަށް ގިނަ ޗާންސްތަކެއް ހޯދުނު. ގޯލު ނުޖެހުން މައްސަލައަކީ. މި ޓީމުން ގޯލްތައް ޖެހެން ފެށީމަ އަސްލު ލެބަނަންގެ ނުރައްކާތެރިކަން އިނގޭނީ. ގޯލު ނުޖެހުން ހައްލުކުރަން މަސައްކަތްކުރަން ޖެހޭކަމަށް ގަބޫލުކުރަން." އިލިކް ބުންޏެވެ.

އިލިކް ބުނީ ސާފް ޗެމްޕިއަންޝިޕަކީ އެ ޓީމަށް ގިނަ ކުރިއެރުންތަކެއް އައި މުބާރާތެއް ކަމަށެވެ. އެ ގޮތުން ތަފާތު ޓީމްތަކާ ދެކޮޅަށް ތަފާތު ޕްރެޝަރެއްގައި ކުޅެން ލިބުނު ކަމަށާއި، އިންޑިއާގައި ކުރިއަށްދިޔަ އިންޓަ ކޮންޓިނެންޓަލް ކަޕަށް ފަހު ސާފްގައި ކުޅެން ޖެހުމުން ޓީމުގެ ތަފާތު ވަޒަންކޮށްލެވުނު ކަަމަށެވެ.

އިލިކް ވަނީ ވަކި ވަކި ކުޅުންތެރިން ހޯދި ކުރިއެރުންވެސް ފާހަގަކޮށްފަ އެވެ. އެ ގޮތުން ބައެއް ކުޅުންތެރިން މިހާރު ހުރި ލެވެލްއަށް ބަލާއިރު ވަރަށް ބޮޑު ތަފާތެއް ފެނުނު ކަމަށާއި، މިއީ އެޓީމްގެ ކުރިމަގަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ކަމަށް އިލިކް ބުނެފައިވެ އެވެ.

އިންޑިއާ އަށް އައިސް މަހެއްހާ ދުވަހު އެ ގައުމުގައި ތިބެ، ސާފް އާއި އިންޓަކޮންޓިނެންޓަލް ކަޕުގެ ސަބަބުން ލެބަނަން ޓީމްގެ މިސްރާބު ސާފުވެއްޖެކަމަށް ވެސް އިލިކް ވަނީ ބުނެފަ އެވެ.

"މިއީ އަހަރުމެންގެ ކުރިމަގަށް ވަރަށް މުހިންމު މުބާރާތެކޭ އަހަރެން ބުނާނީ. މި މުބާރާތުގައި ޓީމްގެ ގިނަ ކުޅުންތެރިންނަށް ފުރުސަތު ލިބިއްޖެ. އެކި ޕްރެޝަރުގެ އެކި ލެވެލްގެ މެޗުތައް ކުޅެވިއްޖެ. މި ދެ މުބާރާތުގެ ފަހު މެޗަށް އައިއިރު ޓީމުގެ ތަފާތު އެބަފެނޭ. ދެ މުބާރާތް މި ނިމުނީ، ކުޅުންތެރިންގެ ޕްރޮގްރެސް ފެނިއްޖެ. ބައެއް ކުޅުންތެރިން ވަރަށް ބޮޑު ކުރިއެރުމެއް ހޯދި. ތަފާތު ފެނުނު އެ ކުޅުންތެރިންގެ ކުޅުމުން. މިއީ އަހަރެން މި ކުރާ މަސައްކަތުގައި ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކެނީ." އިލިކް ބުންޏެވެ.