Advertisement

ސެމީގައި ފެނުނީ ކުވެއިތުގެ ފެންވަރެއް ނޫން، ކުޅުން ރަނގަޅު ކުރަން ޖެހޭ: ބެންޓޯ

2 ޖުލައި 2023 - 08:38 0

ސެމީ ފައިނަލް މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބެންޓޯ ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ސެމީގައި ފެނުނީ ކުވެއިތުގެ ފެންވަރެއް ނޫން، ކުޅުން ރަނގަޅު ކުރަން ޖެހޭ: ބެންޓޯ

2 ޖުލައި 2023 - 08:38 0

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ފެނުނީ ފެނުނީ ކުވެއިތުގެ ފެންވަރެއް ނޫން ކަމަށާއި، ފައިނަލު މެޗަށް ޓީމްގެ ކުޅުން ރަނގަޅު ކުރަން ޖެހޭކަމަށް ކުވެއިތުގެ ޕޯޗުގަލް ކޯޗު ރުއީ ބެންޓޯ ބުނެފި އެވެ.

ކުވެއިތުން ވަނީ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ފުރަތަމަ ފަހަރު ވެސް މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ފައިނަލްގައި އެ ޓީމް ނުކުންނާނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމް އިންޑިއާއާ ދެކޮޅަށެވެ.

ސެމީ ފައިނަލުގައި ބަންގްލަދޭޝް އަތުން ހޯދި އުނދަގޫ މޮޅަށް ފަހު ވާހަކަދައްކަމުން ބެންޓޯ ބުނީ މިއީ އޭނާ ގަބޫލުކުރާ ފެންވަރަށް ވުރެ ދަށް މެޗެއް ކަމަށެވެ. މިއީ ކުވެއިތުގެ ޓީމްގެ ފެންވަރެއް ނޫން ކަމަށާއި، މި ކުޅުން ބަލައިގަންނަން އުނދަގޫ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނީ ފައިނަލު މެޗަށް ކުޅުން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

"ފަސޭހަ މެޗެއް ނޫން މިއީ. އަހަރުން ޓީމަށް މި މެޗުގައި ރަނގަޅަށް ނުކުޅެވުނު، ބޭނުންވި ހިތްވަރެއް ނުފެނުނު ޓީމްގެ ފަރާތުން. މަސައްކަތްކުރި އެ ކުޅުންތެރިން. މޮޅުވެ ފައިނަލުން ޖާގަ ލިބުނަސް އަހަރެން ގަބޫލުކުރާ ފެންވަރުގެ ކުޅުމެއް ނޫން މި ފެނުނީ." ބެންޓޯ ބުންޏެވެ.

ބެންޓޯ ވަނީ ސެމީ ފައިނަލުން ބަލިވި ބަންގްލަދޭޝް ޓީމުން ދެއްކި ކުޅުން ފާހަގަކޮށް އެ ޓީމުން ދެއްކި ހިތްވަރަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ ކުވެއިތުން ބޭނުންވާ ގޭމް ނުކުޅެވުނީ ބަންގްލަދޭޝް މޮޅުވުމުން ކަމަށާއި އެ ޓީމުން ބޭނުންވި ގޮތަށް މުޅި މެޗު ކޮންޓްރޯލް ކުރި ކަމަށެވެ.

"އެންމެންނަށްވެސް ފެންނާނެ ބަންގްލަދޭޝްއިން ކުޅުނު ގޮތް. އެމީހުންގެ ރޫހު ތަފާތުކޮށް ފެނުނީ. އެމީހުން 100 ޕަސެންޓް ދިން. އަހަރުމެންނަށް ރަނގަޅަށް ނުކުޅެވުނީ ބަންގްލަދޭޝް މޮޅުވީމަ، އެކަމުގެ ކްރެޑިޓްސް ދޭން ޖެހޭ. އަހަރެން ހައިރާނެއް ނުވޭ ބަންގްލަދޭޝް އިން އެގޮތަށް ކުޅެގެން. އެމީހުންނަށް އަހަރެން ފުރިހަމައަށް އިހުތިރާމް ކުރަން. ކޮންމެ ޓީމެއްގެވެސް ފެންވަރު ހުރީމަ މިހާ ހިސާބަށް މިއައީ." އޭނާ ބުންޏެވެ.

ކުވެއިތަކީ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން ކޮންމެ މެޗެއްގައި ވެސް ފުރަތަމަ އެގާރަ އަށް ގިނަ ބަދަލުތަކެއް ގެންނަ ޓީމެކެވެ. މި ބަދަލުތައް ގެންނަ ސަބަބާ ގުޅޭގޮތުން ބެންޓޯ ބުނީ މިއީ ކުވެއިތުގެ ފުޓްބޯޅަ ސީޒަން ބްރޭކަށް ވުމުން ކުޅުންތެރިންގެ ފިޓްނަސް ހުރީ އޭނާ ބޭނުންވާ ފެންވަރުގައި ނޫންކަމަށެވެ.

ކުވެއިތުގެ ފުޓްބޯޅަ ސީޒަން ކުރިއަށްދަނީ ކޮންމެ އަހަރެއްގެ އޮގަސްޓު މަހުން ފެށިގެން މެއި މަހަށެވެ.

އޭނާ ބުނީ ސާފް ޗެމްޕިއަންޝިޕުން ދައުވަތު ލިބުމުން މުބާރާތަށް ޕްރެކްޓިސް ކުރަން ލިބުނީ މަދު ދުވަސްކޮޅެއް ކަމަށާއި، އެކުވެރިކަމުގެ ދެ މެޗެއް ކުޅެން ލިބުމަކީ މި މުބާރާތުގައި ރަނގަޅަށް ކުޅެވޭ އެއް ސަބަބު ކަަމަށެވެ. އެންމެ އެކަށީގެންވާ ތަމްރީން ނެތި ކުޅުންތެރިން ގާތް ގާތުގައި މެޗުތައް ކުޅެން ޖެހުމުން އެކަމުގެ ވަރުބަލިކަން ފެންނަ ކަމަށް ވެސް ބެންޓޯ ބުނެފައިވެ އެވެ.

"ވަރުބަލިކަން ފެނޭ ކުޅުންތެރިންގެ ފަރާތުން. އެހެންވެ ކޮންމެ މެޗެއްގައި ބަދަލުތައް ގެންނަން ޖެހެނީ. އަނެއްކޮޅުން ގާތް ގާތުގައި މެޗުތައް މި ކުޅެނީ. އެހެންވީމަ ކުރިއަށް އޮތް މެޗުގައިވެސް ޗެލެންޖިން ވާނެ." ބެންޓޯ ބުންޏެވެ.

ބެންޓޯގެ ކޯޗުކަމުގައި ކުވެެއިތުން މި ވަނީ ބަލިނުވެ ނުވަ މެޗު ފުރިހަމަކޮށްފަ އެވެ.