Advertisement

"ބަންގްލަދޭޝް ވީމަ ފަސޭހަވާނެއޭ ނުބުނާނަން"

1 ޖުލައި 2023 - 08:35 0

ބެންގަލޫރު، އިންޑިއާ

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ކުވެއިތުގެ ކޯޗު ރުއީ ބެންޓޯ: އޭނާގެ ފިލޯސަފީގައި ފުޓްބޯޅައިގައި ފަސޭހަ މެޗެއް ނޯންނާނެ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


"ބަންގްލަދޭޝް ވީމަ ފަސޭހަވާނެއޭ ނުބުނާނަން"

1 ޖުލައި 2023 - 08:35 0

ބެންގަލޫރު، އިންޑިއާ

ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅެން ޖެހުނަސް އެއީ ފަސޭހަވާނެ މެޗެއްގެ ގޮތުގައި ނުދެކޭ ކަމަށް ކުވެއިތުގެ ކޯޗު ރުއީ ބެންޓޯ ބުނެފި އެވެ.

މި ފަހަރު ސާފް ޗެމްޕިއަންޝިޕަށް ދައުވަތު ދީގެން ވާދަކުރާ ކުވެއިތުން ވަނީ ގްރޫޕް ސްޓޭޖުގައި ޕާކިސްތާނާއި ނޭޕާލް ބަލިކޮށް އިންޑިއާއާ އެއްވަރުކޮށްފަ އެވެ. އެހެންކަމުން، ސާފްގެ ތިން ގައުމާ ކުޅުމަށް ފަހު، ސެމީ ފައިނަލުގައި މިއަދު ބަންްގްލަދޭޝާ ކުޅޭއިރު، ކުވެއިތު އޮންނާނީ ވަރަށް ބޮޑަށް އިތުބާރާ އެކު ކަމަށް ބެލެވެ އެވެ.

އެކަމަކު، ކުވެއިތު ކޯޗު ބެންޓޯ ބުނީ ފަސޭހަކޮށްލައިގެން މެޗު އާދައިގެ ގޮތަކަށް ނުނަގާނެ ކަމަށެވެ.

"އަހަރެން އެއްވެސް މެޗެއް ފަސޭހައެއް ނުކުރާނަން. އަހަންނަށް ފުޓްބޯޅަ ދަސްވެފައި އޮތް މިންވަރަށް ބަލާއިރު، މެޗެއްގެ ކުރިން އެއީ ފަސޭހަ މެޗެކޭ ގަބޫލުކުރާ ހިސާބުން އެ ހެދެނީ ގޯހެއް، އެހެންވީމަ މި ސެމީ ފައިނަލް މެޗުގައި ބަންގްލަދޭޝާ ދެކޮޅަށް ވެސް އަހަރެން ނުކުންނާނީ މިއީ ވަރުގަދަ މެޗެއްގެ ގޮތުގައި ދެކިގެން،" ސެމީ ފައިނަލް މެޗުތަކާ ބެހޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބެންޓޯ ބުންޏެވެ.

ބަންގްލަދޭޝް އިން މި މެޗުގައި ފުރަތަމަ ގޯލު ޖެހުމުގެ މުހިންމު ކަމުގެ ވާހަކަ ދައްކާފައިވާތީވެ، އެ ކަމާ ބެހޭގޮތުން ދެކެނީ ކިހިނެއްތޯ އެހުމުން، ބެންޓޯ ބުނީ އެއީ އެ މީހުންގެ ވިސްނުން ކަމަށާއި ވަކި ކަމެއް ކުރަން ހާއްސަ ރޭވުމެއް ނުގެންގުޅެ، ކުވެއިތުން އަބަދުވެސް ކުރިއަށްދާނީ އެ ޓީމުގެ ޓެކްޓިކްސްގައި ދެމިތިބެ ކަމަށެވެ.

"އަހަރެން ޓެކްޓިކްސް އެއް ބަދަލެއް ނުކުރާނަން. އަހަރެން ގަބޫލުކުރާ ގޮތެއް ނޫން އެއީ ވަކި ޓީމަކަށް ވަކި ރޭވުމެކޭ، އަހަރެމެން ޓީމެއްގެ ގޮތުގައި ވަރުގަދަވާނީ އެއް ޓެކްޓިކްސް އެއް ފޮލޯ ކޮށްގެން، މިއީ ޕްރޮސަސް އެއް، މި ކުރިއަށްދާނީ ވެސް އެ ގޮތަށް،" ބެންޓޯ ބުންޏެވެ.

މިދިޔަ އަހަރު ނޮވެމްބަރުގައި ކުވެއިތު ޓީމު ގޮވައިގެން، ބެންޓޯ މަސައްކަތް ފެށިއިރު، އެ ޓީމުގެ ނަތީޖާތަށް އެންމެ ރަނގަޅެއް ނޫނެވެ. އެކަމަކު، އެންމެ ފަހުން އަށް ވަރަކަށް މެޗަށް ބަލާއިރު، ކުވެއިތަކީ ދެމެހެއްޓެނިވި ގޮތެއްގައި އެއް ސިސްޓަމަކަށް ކުޅެ ނަތީޖާ ނެރެވޭ ޓީމެއްގެ ގޮތުގައި ބައްޓަންވާތީ ބެންޓޯ ހުރީ އުފަލުންނެެވެ.

ކުވެއިތާއި ބަންގްލަދޭޝްގެ ސެމީ ފައިނަލް މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 2:30 ގަ އެވެ.