30 ޖޫން 2023 - 06:52 1
ރޫޙުލްއަމީން ޢަބްދުﷲ
30 ޖޫން 2023 - 06:52 1
ރައްޔިތުންނަށް ޖެހިފައިވާ ކަމެއް އަހަރެންނަށް ނުޖެހޭނަމަ، ރައްޔިތުންގެ ހާލު އިހުސާސްވާނެހެއްޔެވެ؟ މިއީ މުސްލިމުންގެ ދެވަނަ ޚަލީފާ އުމަރުގެފާނުގެ ބަސްފުޅެކެވެ. ޚަލީފާ މިހެން ވިދާޅުވީ މަޝްހޫރު ހަނަފަސްކަމުގެ އަހަރުގަ އެވެ. ހަނަފަސްކަމުގެ އަހަރޭ ކިޔަނީ، ހިޖުރައިން 18 ވަނަ އަހަރު އުމަރުގެފާނުގެ ހިލާފަތުގައި ކުރިމަތިވި ވަރަށް ބޮޑު ހަނަފަސްކަމުގެ ކާރިސާ އަށެވެ. އިސްލާމީ ދައުލަތުގެ ވެރިރަށް މަދީނާގެ ވަށައިގެންވާހާ ސަހަރާތަކަކަކީ ވާރެވެހިގެން މެނުވީ ފެން ލިބޭނެ ނިޒާމެއް ނުހުންނަ ތަންތަން ކަމަށްވުމާއެކު ދިގު މުއްދަތަކަށް ވާރޭ ވެހުން މެދު ކެނޑުމުގެ ނަތީޖާއެއްގެ ގޮތުން އާދަޔާ ހިލާފު ހަނަފަސް ކަމެއް މުސްލިމުން ތަހައްމަލުކުރާންޖެހުނީ އެވެ. ފެން ނުލިބުމުގެ ސަބަބުން ގަސްގަހާގެއްސާއި ގެރިބަކަރި ޖަނަވާރުތައް ހިތަށް މަރުވާން ފެށީ އެވެ. ކާނެބޯނެ ފަދައެއް ނެތިގެން ބައެއް ކަހަލަ ޖަނަވާރުން އިންސާނުންނާ ދިމާއަށް ވެސް މިސްރާބު ޖަހާ ހިސާބަށް ދިޔައީ އެވެ. ބަނޑުފުރާނަ މުއްތިކުރުމުގެ މަގުތައް އުނދަގޫވެ މުޅިން ދަތިވެ ބަންދުވީ އެވެ.
މިލިޔުމުގައި ބަލާލަން ގަސްދުކުރަނީ ހަނަފަސްކަމުގެ ކާރިސާ އުމަރުގެފާނު މެނޭޖުކުރެއްވި ގޮތުގެ މައްޗަށެވެ. އެހެނީ ހަނަފަސްކަމުގެ ކާރިސާއާ ގުޅިގެން އުމަރުގެފާނު މުޅިން އަލަށް އެޅުއްވި ފިޔަވަޅުތަކަކީ، އޭގެ ފަހަށް އައި ޒަމާންތަކުން އޭގެ ގޮތްތަކާއި ވައްތަރުތައް ތަރައްގީކުރެވި ފިލާވަޅު ލިބިގަތް ސިޔާސީ ދަރުސްތަކަކަށްވާތީ އެވެ. ދައުލަތެއް ހިންގެވުމުގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުން ހަނަފަސްކަމުގެ ކާރިސާގައި އުމަރުގެފާނު އެޅުއްވި ފިޔަވަޅުތަކަކީ، ވެރިކަންކުރުމާއި ސިޔާސަތުގެ ލާމަސީލެވެ.
ވެރިއެއްގެ ހައިސިއްޔަތުން އުމަރުގެފާނު ފުރަތަމަ ރައްޔިތުންނަށް ހަނދާންކޮށްދެއްވީ، ﷲ ގެ ހަޒުރަތަށް ރުޖޫއަވެ، އެކަލާނގެއަށް ދުއާ ދެންނެވުން ގިނަކުރުމާއި އިސްތިޣްފާރުކުރުން އިތުރުކުރުމާއި ސުންނަތް ނަމާދުކުރުން އިތުރުކުރުމުގެ މުހިންމުކަމެވެ. އެކަންކަމުގެ މައްޗަށް ބާރު އަޅުއްވައި، މީސްތަކުންނައިގެން އިމާމްވެ އިސްތިސްޤާ ނަމާދުކުރައްވާ އުޅުއްވި އެވެ. އެކަމަކު މާތް ﷲގެ ހަޒުރަތަށް ވަކީލުކުރުމުގެ ނަމުގައި ދުނިޔަވީ ސަބަބުތަކުގައި ހިފުން ފަހަރެއްގައި ވެސް ދުލެއް ނުކުރައްވަ އެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން އިސްލާމީ ދައުލަތް އޭރު އޮތީ ހަމައެކަނި މައްކާ މަދީނާއަކު ނޫނެވެ. މުޅި އަރަބިކަރައަކީ އިސްލާމީ ދައުލަތެވެ. އިރާގާއި ޝާމްކަރަ އަދި މިސްރުވެސް އެއީ އޭރު އިސްލާމީ ދައުލަތުގެ ތެރޭގައިވާ ޚަލީފާގެ ކިބައިން އައްޔަންކުރެވުނު ގަވަރުނަރުންގެ ބެލުމުގެ ދަށުން ހިންގަމުން ގެންދިޔަ މުސްލިމުންގެ ހިސާބުތަކެވެ. އިސްލާމީ ދައުލަތުގެ ވެރިރަށާއި ވެރިރަށް ނިސްބަތްވާ ކަރައަށް ޖެހުނު މި ކާރިސާއާ ގުޅިގެން އިސްލާމީ ދައުލަތުގެ އެހެން ސަރަހައްދުތަކުގެ ވެރިންނަށް އެހީ އާއި މަދަދަށް އެދިގެން ލިޔުއްވި އެވެ. އެހީގެ ގޮތުން އެންމެ ފުރަތަމައަށް ވަޑައިގަތީ ޝާމްކަރައިގެ އޭރުގެ އިސްވެރިޔާ އަބޫޢުބައިދާ ކަމުގައި ތާރީހު ލިޔުންތައް ބުނެ އެވެ. ހަތަރުހާސް ސަވާރީގައި ކާބޯތަކެތި ހިއްޕަވައިގެން ޚަލީފާގެ އަރިހަށް ސީދާ ގަވަރުނަރު ވެސް ވަޑައިގެންނެވި އެވެ. އަބޫޢުބައިދާ އަވަހާރަވުމުން ފަހުން ޝާމްކަރައިގެ ގަވަރުނަރު މުޢާވިޔާގެފާނު ވެސް ތިންހާސް ސަވާރީގައި ކާބޯތަކެތި ފޮނުއްވި އެވެ. އިރާގު ކަރައިން އެއްހާސް ސަވާރީގެ ގޮދަން ލިބިވަޑައިގަތެވެ. މިސްރުން ފޮނުވުނު އެހީ ބަޔާންކުރުމަށް ބޭނުންކުރުން ރަނގަޅީ މިސްރުގެ އޭރުގެ ގަވަރުނަރުކަމުގައި އުމަރުގެފާނު އައްޔަންކުރައްވާފައި ހުންނެވި މާތް ޞަޙާބީ ޢަމްރޫ ބުނުލްޢާޞްގެ ބަސްފުޅެވެ. "ކާބޯތަކެތީގެ ގާފިލާއެއް އަހަރެން ކަލޭގެފާނަށް ފޮނުވާހުށީމެވެ. އޭގެ ފެށުން ވަނީ ކަލޭގެފާނާ ހިސާބުގަ އެވެ. ނިމުން ވަނީ އަހަރެންނާ ހިސާބުގަ އެވެ."
ހައިހޫނުކަމުގެ މިކާރިސާއަކީ މުޅި އަރަބިކަރައަށް އާންމުވެ ކުރިމަތިވެގެން އައިކަމަކަށްވީ ހިނދު، ރަށްފުށުގައި ދިރިއުޅެމުންދިޔަ އަދި އެހެނިހެން ސަރަހައްދުތަކުގައި ދިރިއުޅެމުންދިޔަ އެތައްހާސް ބަޔަކު ވަނީ މަދީނާގެ ރަށްބޭރަށް ޖަމާވެފަ އެވެ. ޚަލީފާގެ އަރިހުން އެހީތެރިކަމެއް ލިބޭތޯ އަމިއްލަ ފަސްގަނޑު ދޫކޮށް އައިސްފައިވާހާ މީހުންނެވެ. އުމަރުގެފާނު ދެން ކަނޑައެޅުއްވީ މިގޮތަށް ޖަމާވެފައިވާ މީހުންނަށް ބައިތުލްމާލުންނާއި އެހީގެ ގޮތުގައި ލިބުނު ކާބޯތަކެތި ބަހާނެ ނިޒާމެއް ގާއިމުކުރެއްވުމަށެވެ. އެގޮތުން ކާބޯތަކެތި ބެހުމަށްޓަކައި ކޮމިޓީތައް އުފައްދަވައި އެކޮމިޓީތައް ލީޑްކުރައްވާނެ ބޭފުޅުން ކަނޑައަޅުއްވައިގެން އެކަން ކުރެއްވިއެވެ. އެއޮއްފަދަ ހައިހޫނުކަމުގެ ކާރިސާގައި، މުސްލިމުންގެ އެހެން ސަރަހައްދުތަކުގެ ގަވަރުނަރުންނާއި އަމީރުން ފޮނުއްވި ކާބޯތަކެތި އާންމުންނަށް ބެހިގޮތާމެދު ހިތްހަމަނުޖެހިގެން އެއްވެސް މީހަކު އެއްޗެއް ބުނިކަން ތާރީހުން އެނގޭކަށް ނެތެވެ. ޝައްކެތް ނެތް ގޮތުން އެއީ އުމަރުގެފާނު އެކުލަވާލެއްވި ކޮމިޓީތަކުން އެކަން ހިންގެވިލެއް ފުރިހަމަކަން ނޫން އެހެން ސަބަބެއް އޮވެގެންނެއް ނޫނެވެ.
ހައިހޫނުކަމުގެ މިކާރިސާގެ ތަބީއަތް ސާފެވެ. ގަސްގަހާގެއްސާއި ގެރިބަކަރި ޖަނަވާރު ހިތަށް މަރުވާ ހިސާބަށް ދިއުމުން މީސްތަކުންވަނީ ބަނޑަށް ޖެހިފައެވެ. ބަނޑުފުރާނަ މުއްތިކުރުމުގެ ގޮތުން ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ހިސާބުގައި މީސްތަކުން ތިނބިހިނދު، އިސްލާމީ ދައުލަތުގެ އިސްވެރިޔާގެ ހައިސިއްޔަތުން ވަރަށް މުހިންމު އެހެން ނިންމުންތަކެއް ވެސް ނިންމަވައިފިއެވެ. ވައްކަންކުރާ މީހާގެ އަތްކެނޑުން ހުއްޓަވައިލެއްވުމެވެ. އަދި ޒަކާތް ނެގުން ފަސްކުރެއްވުމެވެ.
މިއީ ވެސް އުމަރުގެފާނުގެ ފިޤުހުވެރިކަމުގެ ބޮޑުކަމާއި ދައުލަތެއްގެ ވެރިކަން ހިންގެވުމުގައި އާދަޔާ ހިލާފު ޤާބިލިއްޔަތު ލިބިގެންވާކަމުގެ ވަރަށް ހަރުދަނާ ހެކިތަކެވެ. އެއްވެސް ސަބަބަކާ ގުޅުވައި ކީރިތި ޤުރުއާނުން ފެންނާން އޮތް ހައްދެއްގެ ކަންތަކުގައި މިފަދަ ނިންމެވުމެއް އިސްވެ ގޮސްފައިނުވާއިރު، އައު އިޖުތިހާދީ މިފަދަ ހިޔާލެއް އައުމަކީ ވެސް ފަސޭހަ ގޮތަކުން ތަނަވަސްވާނެ ކަމެއް ނޫންތާ އެވެ.
ހަމަ މިފަދައިން ތާރީފު އޮއްސާންޖެހޭ އަނެއް ކަމަކީ ޒަކާތް ނެގުން ފަސްކުރެއްވުމެވެ. މުދަލު ޒަކާތަކީ މުދާވެރިންގެ ކިބައިން ނުވަތަ މުއްސަނދިންގެ ކިބައިން ނެނގޭ އެއްޗެކެވެ. އެހެންވީމާ ބަނޑަށް ޖެހޭ ހާލަތުގައި އެމީހުންގެ އަތުން ދައުލަތަށް ލިބެންޖެހޭ ބައި މަދުވުމަކީ އިންސާފުވެރިކަމެއްތޯ މީހަކު ސުވާލު އުފައްދަފާނެ އެވެ. ރަނގަޅެވެ. އާންމު އާދައިގެ މީހަކު ބަނޑަށްޖެހޭ ހިސާބަށް ދާއިރު އަދި މުއްސަންޖަކު ބަނޑަށް ނުޖެހިދާނެ އެވެ. އެކަމަކު ދުނިޔަވީ ކޮންމެ ކާރިސާއެއްގައި ވިޔަފާރިވެރިންނަށް ލިބޭ ގެއްލުމަކީ ބޮޑު އެއްޗެކެވެ. މިޒަމާނުގައި ކަންހިނގާ ގޮތަށް ބެއްޔަސް މިދިޔަ ކޮވިޑްތެރޭގައި ހުރިހާ ދައުލަތްތަކަކުންވެސް ވިޔަފާރިންނަށް ވެސް ހާއްސަ ލުއިތަކެއް ދީފައިވެ އެވެ.
ހައިހޫނުކަމުގެ މިކާރިސާއާ ގުޅިގެން އެހެނިހެން އިސްލާމީ ސަރަހައްދުތަކުގެ ތެރެއިން އެންމެ ބޮޑު އެހީތެރިކަމެއް ލިބެމުންދިޔައީ ކުރިންވެސް ބަޔާންކުރި ފަދައިން މިޞްރުގެ ބިމުންނެވެ. މިސްރުން އަރަބިކަރައާ ހަމައަށް ކާބޯތަކެތި ގެނައުން ފަސޭހަކުރުމުގެ ބޭނުމަށް އުމަރުގެފާނުގެ އަމުރުފުޅަށް ބޮޑު ސިންގާ އުމްރާނީ މަސައްކަތެއް ހަމަ މިދުވަސްވަރުކުރެވިގެންދިޔަ އެވެ. މިހާރުގެ ސުވޭސް ކެނަލް އޮތްތާނގައި އޭރު އޮތް ބަންދުކުރެވިފައިވާ މުސްކުޅި ކެނެލް އަލުން ތަރައްގީކޮށް ބޯޓުފަހަރަށް ދަތުރުފަތުކުރެވޭނެ އިންތިޒާމު ހަމަޖައްސަވައި، އަރަބިކަރައާއި މިސްރާ ދެމެދު ކަނޑުމަގުގެ މުވާސަލާތުތައް ތަރައްގީކުރެއްވުމެވެ.
ކާރިސާގެ މިދަނޑިވަޅުގައި ހާލުގައި ޖެހިފައިވާ އެންމެންގެ ކަންކަން ކައިރިން ބައްލަވަމުން، އަދި ދުރު ހިސާބުތަކުގައި ތިބި މުސްލިމުންގެ ހާލުއަހުވާލާއި އެބައިމީހުންގެ މައްޗަށް ވެރިކުރުވިފައިވާ ގަވަރުނަރުން އަމަލުކުރަމުންދާ ގޮތް ސުޕަވައިޒްކުރައްވަމުން، އަދި އެކި ސަރަހައްދުތަކުން ލިބެމުންދިޔަ އެހީތައް ރައްޔިތުންނަށް ބެއްސެވުމުގެ ފުރިހަމަ ނިޒާމު ގާއިމުކުރައްވައި، މިއެންމެހާ ބާރުވެރިކަމުގައި ހުންނެވި ޚަލީފާގެ ދިރިއުޅުއްވުމުގެ ހާލަތުން ވެސް އެއް ވާހަކަ ލިޔެނުލައި މިލިޔުން ކުރުކޮށްލާކަށް ގަސްދެއްނުކުރުމަވެ.
ބަޓަރާ އެއްކުރެވިފައިވާ ރޮށި ހިމެނިފައިވާ ފަރިއްކޮޅެއް އުމަރުގެފާނަށް އެރުވުނެވެ. އެހިނދު އެކެއުމުގައި އުމަރުގެފާނާއެކު ބައިވެރިވުމަށް ބަދަވީއަކަށް ދައުވަތުދެއްވައިގެން ގެންނެވިއެވެ. އުމަރުގެފާނަށް ފެނިވަޑައިގަތީ ތަށީގެ ކައިރިފަށުގައި ހޭކިފައި ހުންނަ ތެޔޮފޮދަށް ދަންދެން ބަދަވީ ކަލޭގެ ދޫކޮށްނުލައި ލޮއި ހަދާ މަންޒަރެވެ. މިމަންޒަރު ފެނިފައި އުމަރުގެފާނު ހުވާކުރައްވާފައި ވިދާޅުވިއެވެ. މީސްތަކުންގެ ހާލަތު ރަނގަޅުވެއްޖައުމަށް ދާންދެން މިއަދަށްފަހު މަހެއް، ބަޓަރެއް އަހަރެން ނުކާނަމެވެ. ރައްޔިތުންނަށް ޖެހިފައިވާ ކަމެއް އަހަރެންނަށް ނުޖެހޭނަމަ، ރައްޔިތުންގެ ހާލު އިހުސާސް ވާނެހެއްޔެވެ؟
Comment