Advertisement

ގައުމީ ކޯޗުގެ މައްސަލައިގައި ގޮތެއް ނިންމަނީ ލެބަނަން މެޗަށް ފަހު

27 ޖޫން 2023 - 05:39 0

ބެންގަލޫރު، އިންޑިއާ

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބަންގްލަދޭޝް މެޗުގެ ނޫސްވެރިންގެ ބައްދަލުވުން ދޫކޮށްދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ގައުމީ ކޯޗުގެ މައްސަލައިގައި ގޮތެއް ނިންމަނީ ލެބަނަން މެޗަށް ފަހު

27 ޖޫން 2023 - 05:39 0

ބެންގަލޫރު، އިންޑިއާ

ގައުމީ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ މިދިޔަ އާދިއްތަ ދުވަހު، ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވި މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި އަމަލުކުރި ގޮތުން އޭނާއާ ވާހަކަ ދައްކާފައިވާނެ ކަމަށާއި އެ މައްސަލައިގައި ގޮތެއް ނިންމާނީ މާދަމާ ރާއްޖޭން މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗު ކަމަށްވާ ލެބަަނަން މެޗަށް ފަހު ކަމަށް ގައުމީ ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ) ބުނެފި އެވެ.

ފަހަތުން އަަރައި، 3-1 އިން ބަންގްލަދޭޝް އިން ރާއްޖެ ބަލިކުރި މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯ ވަނީ މެޗުގައި ކުޅުނީ އޭނާ ބޭނުންވާ ގޮތަށް ނޫން ކަމަށް ބުނެ، ކުޅުންތެރިން ބަދުނާމުވާ ގޮތަށް ވާހަަކަ ދައްކައި، ދިވެހި އެންމެން ކައިރީގައި މާފަށް އެދިފައި އެއްވެސް މީހަކު ދައްކާ ވާހަކައެއް އަޑުނާހައި، ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ނުކުމެގެން ގޮސްފަ އެވެ.

މޮރިއޭރޯ ދިއުމަށް ފަހު، ޝިބާ ވަނީ ނޫސްވެރިންގެ ބައްދަލުުމުގައި މީޑިއާގެ ސުވާލުތަކަކަށް ޖަވާބު ދީފަ އެވެ. އޭގެއިން އެއް ސުވާލަށް ދިން ޖަވާބުގައި ޝިބާ ވަނީ އޮންނަ އުސޫލުގެ ތެރެއިން އެކަން ބަލާނެ ކަމަށެވެ. މޮރިއޭރޯގެ މި އަމަލުގެ ކަންކަމާ ގުޅޭގޮތުން އެފްއޭއެމުން އަމަލުކުރި ގޮތާ ބެހޭގޮތުން ސުވާލުކުރުމުން ޝިބާ ބުނީ އެކަމަށް ބަލާނީ ފަހުން ކަމަށާއި މި ވަގުތު ފޯކަސް އޮތީ ކުރިއަށް އޮތް ލެބަނަން މެޗަށް ކަަމަށެވެ.

"އަހަރެމެން އެލަނަލައިޒްކުރާނަން ވީ ގޮތް (ނޫސްވެރިންގެ ބައްދަލުވުމުގައި ކަންތައްތައް ދިޔަ ގޮތް). އެނަލައިސިސް ހެދުމަށް ފަހު، ފިޔަވަޅެއް އަޅަންޖެހިއްޖެނަމަ އެ ކަމެއް ކުރާނަން،" އެފްއޭއެމްގެ ވަޓްސަޕް ގްރޫޕް މެދުވެރިކޮށް މީޑިއާ އަށް ފޯރުކޮށްދިން މެސެޖުގައި ޝިބާ ލިޔެފައިވެ އެވެ.

މީގެ ކުރިން، ގައުމީ ޓީމު ޖަޕާން ކޭމްޕަށް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ފުރިއިރު، މާލޭ ބަސް ޓާމިނަލްގައި ވެސް މޮރިއޭރޯ ވަނީ މިޑިއާއާ ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ. އެ ފަހަރު ވެސް މީޑިއާއާ ޓީމުގެ ފަރާތުން ވާހަކަ ދެއްކީ ޝިބާ އެވެ.

ބަންގްލަދޭޝް މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ޝިބާ ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ރާއްޖެ އަށް ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ކިރިޔާ ވެސް ޖާގައެއް އޮތީ މާދަމާ މެންދުރު ފަހު ކުޅޭ މެޗުން ލެބަނަން އަތުން މޮޅުވެގެންނެވެ.

ގައުމީ ކޯޗަށް މުސާރަ ނުދޭ؟ ސާފް ޗެމްޕިއަންޝިޕަށް ފަހު ކޯޗު ވަކިކުރަނީ؟

މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ގައުމީ ޓީމުތަކަށް ކޯޗުކޮށްދިން އެކި ބިދޭސީ ކޯޗުންނަށް އެފްއޭއެމުން މުސާރަ ނުދޭ މައްސަލައިގައި އެ ކޯޗުން ވަނީ ފީފާ އަށް މައްސަލަ ހުށަހަޅައިގެން ކާމިޔާބު ހޯދައިފަ އެވެ. ފީފާގެ އެންގުމާ އެއްގޮތަށް އެފްއޭއެމުން ވަނީ ބައެއް ކޯޗުންގެ މުސާރަ ދައްކައިފަ އެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަވާލުވި މޮރިއޭރޯ ވަނީ މިދިޔަ އޮކްޓޫބަރު މަހު އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އެކަމަކު، ކޮންޓްރެކްޓްގައި ބުނާގޮތަށް މޮރިއޭރޯ އަށް ވެސް މުސާރަ ނުދޭ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވާއިރު، އެ އަށް އެފްއޭއެމްގެ ޖަވާބެއް ނެެތެވެ. އިތުބާރު ހުރި ގޮތަކަށް ކަށަވަރުވެފައިވާ ގޮތުގައި މޮރިއޭރޯ އަށް ވެސް ގަވާއިދުން މުސާރަ ނުދެ އެވެ.

އެނގިފައިވާ ގޮތުގައި މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ފަހު އެފްއޭއެމް އިން މޮރިއޭރޯ ވަކިކުރާނެ އެވެ. އެ ކަމާ ގުޅޭގޮތުން، އެފްއޭއެމް ވަޓްސަޕް ގްރޫޕްގައި ނޫސްވެރިން ސުވާލުކުރުމުން އެ އަށް ޖަވާބެއް ލިބިފައިނުވެ އެވެ.

މޮރިއޭރޯގެ ކޯޗުކަމުގައި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުން ދަށްވެ، ނަތީޖާ އަށް އަސަރުކޮށްފައިވާއިރު، ގިނަ ބަަޔަކު އަންނަނީ އޭނާގެ އިސްތިއުފާ އަށް ގޮވަމުންނެވެ. އަދި މޮރިއޭރޯ ކަހަލަ ކޯޗަކާ ގައުމީ ޓީމު ހަވާލުކުރުމާއި ރާއްޖޭގެ ފުޓްބޯޅައިގެ ހިންގުން ދުވަހެއް ދުވަހަކަށް ދަށަށް ދާތީވެ، އެކަމާ ކަންބޮޑުވުން ފާޅުކޮށް، ގިނަ ސަޕޯޓަރުން އަންނަނީ ސޯޝަލް މިޑިއާގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާ އަށް ގޮވައި، ޝުއޫރު ފާޅުކުރަމުންނެވެ.