Advertisement

ހިމްނާ އަނެއްކާ ވެސް 400 މީޓަރުގެ ގައުމީ ރެކޯޑް އާކޮށްފި

27 ޖޫން 2023 - 05:14 0

ެރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ ހިމްނާ މިދިޔަ އަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ދުވަނީ.--- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ހިމްނާ އަނެއްކާ ވެސް 400 މީޓަރުގެ ގައުމީ ރެކޯޑް އާކޮށްފި

27 ޖޫން 2023 - 05:14 0

ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ، އައިޝަތު ހިމްނާ ހަަސަން، އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް، 10 ވަރަކަށް ދުވަހުގެ ތެރޭ ދެ ވަނަ ފަހަރަށް އާ ކޮށްފި އެވެ.

ހިމްނާ، އަތުގައި މީގެ ކުރިން ވެސް އޮތް 400 މީޓަރުގެ ރެކޯޑް އޭނާ ވަނީ މި މަހު މެދުތެރޭގައި ޖެމެއިކާގައި ކުރިއަށްދިޔަ އިވެންޓެއްގައި ދުވެ، 56.86 އިން ރޭސް ނިންމައިގެން އާ ކޮށްފަ އެވެ. އެ ރެކޯޑް، އެއް މަސް ތެރޭގައި ދެ ވަނަ ފަހަރަށް އާ ކުރީ މި މަހު 24 ވަނަ ދުވަހު ކުރިއަށްދިޔަ ޖެމެއިކަން އޯލް ކަމާސް މީޓުގައި ދުވެގެންނެވެ.

މިދިޔަ އަހަރު ގައުމީ ޓައިމް ޓްރަޔަލްގަައި 400 މީޓަރު ރޭސް ދުވެގެން، ހިމްނާ ރެކޯޑް ހޯދިއިރު، ޓައިމިން އަކީ 57.56 ސިކުންތެވެ. އެހެންކަމުން، ޕެރިސް 2024 އޮލިމްޕިކްސް ސްކޮލަޝިޕެއްގައި ޖެމެއިކާގައި ޓްރެއިނިން ހަދަން ފެށި ފަހުން ހިމްނާގެ ފަރާތުން ބޮޑު ކުރިއެރުމެއް މި ވަނީ ފެނިގެންގޮސްފަ އެވެ.

މި އަހަރު ހިމްނާ އަށް އޮތް އެންމެ ބޮޑު ދެ މުބާރާތަކަށްވާނީ އޮގަސްޓް މަހު މަޑަގަސްކަރާގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސެޕްޓެމްބަރު މަހު ޗައިނާގައި ބާއްވާ ހަންޒޫ އޭޝިއަން ގޭމްސް އެވެ.

އުމުރުން 10 އަހަރުގައި އިންޓަ ސްކޫލް ލެވަލުން ފެށިގެން އެތުލެޓިކްސްގައި ކުރިއެރުންތައް ހޯދަމުން އައިސް، 2017 ވަނަ އަހަރު ރަސްމީކޮށް އެތުލީޓެއްގެ ވިސްނުމުގައި ޓްރެއިނިން ފެށި ހިމްނާ އަކީ މި ވަގުތު ވެސް ގައުމީ ލެވަލްގެ ގިނަ ރޭސްތަކެއްގެ ގައުމީ ރެކޯޑް ހޯލްޑަރެވެ. އެ ގޮތުން، ހިމްނާ ވަނީ މިދިިޔަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ވާދަކޮށް 21 އަހަރުވީ ރާއްޖޭގެ 100 މީޓަރު ދުވުމުގެ ރެކޯޑް މުގުރާލައިފަ އެވެ. އަދި އެ ރެކޯޑް މުގުރާލިތާ އަށް ދުވަސް ފަހުން ހިމްނާ ވަނީ ހަ އަހަރު ވެފައިވާ ރާއްޖޭގެ 200 މީޓަރު ދުވުމުގެ ރެކޯޑް ވެސް މުގުރާލައިފަ އެވެ.