Advertisement

އިޓަލީގެ ދެ ކޯޗުން: ތަފާތު ދެ "މެންޓަލިޓީއެއް"

26 ޖޫން 2023 - 09:41 3

ބެންގަލޫރު، އިންޑިއާ

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުން ފެންނަ އިޓަލީގެ ދެ ކޯޗުން: ރާއްޖޭގެ ކޯޗު މޮރިއޭރޯ އާއި ނޭޕާލުގެ ކޯޗު ވިންޗެންޒޯ.---


އިޓަލީގެ ދެ ކޯޗުން: ތަފާތު ދެ "މެންޓަލިޓީއެއް"

26 ޖޫން 2023 - 09:41 3

ބެންގަލޫރު، އިންޑިއާ

އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް ފެށުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ވަނީ އިޓަލީގެ "މެންޓަލިޓީ"ގެ ވާހަކަ ދައްކައިފަ އެވެ. އެކަމަކު، އިއްޔެ ބަންގްލަދޭޝް އަތުން ރާއްޖެ 3-1 އިން ބަލިވި މެޗަށް ފަހު މޮރިއޭރޯގެ އަމަލުތައް ހުރި އޭނާ އެ ވާހަކަ ދައްކަމުން އައި އިޓަލީގެ މެންޓަލިޓީއާ އެއް ގޮތަކަށްތޯ ސުވާލު އުފެދެ އެވެ.

މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާނާއި ބޫޓާން ފިޔަވައި ދެން ވާދަކުރާ ހަ ޓީމުގެ ބެންޗުން ވެސް ފެންނަނީ އެ ގައުމަކަށް ނިސްބަތްވާ ހެޑް ކޯޗުންނެއް ނޫނެވެ. އެ ގޮތުން، އެއް ގައުމަކަށް ނިސްބަތްވާ ހެޑް ކޯޗުންނަށް ބަލާއިރު، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުން ފެންނަނީ ގިނައިން އިޓަލީ ކޯޗުންނެވެ. އެއީ މޮރިއޭރޯގެ އިތުރުން ނޭޕާލާ ހަވާލުވެހުރި، އިޓަލީގެ ކޯޗު، ވިންޗެންޒޯ އަލްބާޓޯ އަނެސޭ އެވެ.

ކުރިން އިންޑިއާގެ އައި ލީގުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދައި، ފަހުން އިންޑިއަން ސުޕަ ލީގުގައި ވެސް މަސައްކަތް ކުރި ވިންޗެންޒޯ، ނޭޕާލްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ މާޗް މަހު އެވެ. އެ ގޮތުން، މާޗް މަހު ނޭޕާލު ޓީމުގެ ކުޅުންތެރިން ދެނެގަންނަން އޭނާ ވަނީ އެ ގައުމުގައި ބޫޓާނާއި ލާއޯސް ގެނެސްގެން ތުރީ ނޭޝަންސް ކަޕެއް ކުޅެ، އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ނޭޕާލްގެ މަސައްކަތް ފެށުނީ މި މަހު 11 ވަނަ ދުވަހު އެވެ. އެގާރަ ވަނަ ދުވަހު ޕްރެކްޓިސްތައް ފަށައި، އަމިއްލަ ގައުމުގައި ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސް، ވިންޗެންޒޯ ވަނީ ފިިލިޕީންސަށް ގޮސް، މެޗެއް ކުޅެ، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވެފަ އެވެ.

އެންމެ ފަހުން، 2021 ވަނަ އަހަރު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުޅެ، އިންޑިއާ އަތުން ބަލިވި، ނޭޕާލް ވަނީ މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު ދެ މެޗުން، ކުވެއިތާއި އިންޑިއާ އަތުން ބަލިވެ، މުބާރާތުން ކަޓައިފަ އެވެ.

މުބާރާތުން ކެޓި މެޗަށް ފަހު، ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުވެ، ވިންޗެންޒޯ ވަނީ "ނަތީޖާތަކުގެ ޒިންމާނަގާ ކަމަށް ބުނެ،" އެކަން އެ ގޮތަށް ދިމާވާ ސަބަބު މުބާރާތް ކަވަރުކުރާ ހުުރިހާ މީޑިއާ އަށް ހިއްސާކޮށްފަ އެވެ.

ނޭޕާލްގެ ފުޓްބޯޅަައިގައި ރަނގަޅުކުރަން ހުރި ކަންކަމާއި ބަދަލުވާން ޖެހޭ ކަންކަން ބުނެދީ އެ ގައުމުގެ ފުޓްބޯޅައިގެ ހާލަތު ވިންޗެންޒޯ ކިޔައިދިނެވެ. އަދި ގައުމީ ޓީމެއްގެ ނަތީޖާ އަށް އަަސަރުކުރާ މުހިންމު ކަންތައްތައް އޮޅުންފިލުވައިދިނެވެ.

ވިންޗެންޒޯ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބުނީ ނޭޕާލުގައި 10 މަސް ދުވަހުގެ މުއްދަތަށް ކުޅެވޭނެ ރަނގަޅު ލީގެއް ނެތް ވާހަކަ އެވެ. އަދި ނޭޕާލްގައި ކުޅުންތެރިންނަށް ތިން މަހު މުސާރަ ލިބިފައި ބާކީ އެއްވެސް މުސާރައެއް ނުލިބި ކުޅެން ޖެހޭތީ، ޒުވާން ކުޅުންތެރިން ވެސް ރަސްމީކޮށް ފުޓްބޯޅަ ނުކުޅެ، އެހެން ދިމަދިމާލަށް ފައިސާ ހޯދަން މަސައްކަތް ކުރަންދާ ކަމަށާއި އެއީ އެ ގައުމުގެ ފުޓްބޯޅަ ކުރިއަރަން އޮތް ހުރަހެއް ކަމެވެ.

ވިންޗެންޒޯ ވަނީ އޭނާ އަށް މަސައްކަތް ކުރެވޭނެ މިންވަރުން ނޭޕާލްގެ ޒުވާން ކުޅުންތެރިންނަށް އިންޑިއާގެ އައި ލީގާއި އެހެން ނޫނަސް ރަނގަޅު ލީގަކުން ފުރުސަތު ހޯދައިދީ އެ ކުޅުންތެރިންނަށް ފުޓްބޯޅައިން ދިރިއުޅުމެއް ފެނި ނޭޕާލް ފުޓްބޯޅަ އަށް ރަނގަޅު މުސްތަގުބަލެއް އޮންނާނެ ކަމަށް ބުނެފަ އެވެ.

މިއީ، އިޓަލީ އަށް ނިސްބަތްވާ ކޯޗަކު، ހަމަ އެ ގައުމުގެ "މެންޓަލިޓީ" ގައި ޖެހިޖެހިގެން ދެ މެޗުން ބަލިވެ، ބާކީ މެޗެއް އޮއްވައި، މުބާރާތުން ކެޓުމުން، އިންޓަނޭޝަނަލް މީޑިއާ ކުރިމަތީގައި ހުއްޓި ދެއްކި ވާހަކަތަކެވެ. އެކަމަކު، ރާއްޖޭގެ ބެންޗުގައި ހުރި އިޓަލީގެ ކޯޗު، މޮރިއޭރޯގެ "މެންޓަލިޓީ" މި ފެނުނީ މުޅިން ތަފާތު ކޮށެވެ. މީޑިއާގެ ސުވާލަކަށް ޖަވާބު ދިނުމެއް ވެސް ނެތި، ކުޅުންތެރިންނަށް ފާޑުކިޔައި، އަމިއްލަ ޒިންމާ އޮތް ކަމަކުން ރެކެން ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ދިޔަތަނެވެ.

ރަނގަޅު ވާހަކަ އެކެވެ. މޮރިއޭރޯ، އިނގިރޭސި އަށް ފަރިތަ ނޫން ކަމަށްވާތީ، އެންމެ ރަނގަޅަށް މުއާމަލާތު ކުރަން ދަތިތަކެއް އެބަހުއްޓެވެ. އެކަމަކު، މީގެ ކުރިން ވެސް މުބާރާތްތަކުގައި އަަމަލުކޮށްފައި ހުރި ގޮތަށް ތަރުޖަމާނެއްގެ އެހީ ހޯދަންވީ އެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ކުވެއިތުގެ ކޯޗު ޕޯޗުގަލްގެ ރުއީ ބެންޓޯ ވެސް އަމަލުކުރަމުން އަންނަނީ އެ ގޮތަށެވެ. ތަރުޖަމާނެއްގެ އެހީގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެނީ އެވެ.

އެކަމަކު، މޮރިއޭރޯގެ ފަރާތުން މި ފެނުނީ އަމިއްލަ އަށް ހަވާލުވެފައި އޮތް ޒިންމާއެއް ރަނގަޅަށް އަދާނުކުރެވި، އެކަން ކުޅުންތެރިން ބޮލަށް ޖަހާ މަންޒަރެވެ.

ސާފް ޗެމްޕިއަންޝިޕަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ޕްރެކްޓިސްތައް ފަށައި، އޭގެ ފަހުން، ޖަޕާނަށް 10 ވަރަކަށް ދުވަހުގެ ކޭމްޕެއް ދިއުމަށް ފަހު، ސާފްގެ ތައްޔާރީތަކުގައި ރަސްމީކޮށް އެއްވެސް މެޗެއް ނުކުޅެ މުބާރާތަށް އަންނަން ޖެހުން މޮރިއޭރޯ އެންމެ ފުރަތަމަ ދިފާއުކުރީ އެވެ. އެކަން ފުރަތަމަ މެޗުގައި ބޫޓާން އަތުން މޮޅުވި މެޗަށް ފަހު ދިފާއުކުރީ "ހެޕީ" އޭ ބުނެ އެވެ. އެކަމަކު، އިއްޔެ ބަލިވި ދުވަހު، "ސޮރީ" އޭ ބުނުމަށް ފަހު ކުޅުންތެރިން ރަނގަޅަށް ނުކުޅުނީއޭ ބުނުމަކީ ޒިންމާދާރުކަން ކުޑަކަމެކެވެ. ކުޅުންތެރިންނަށް ނުކުޅެވެނީ ކީއްވެތޯ ނޫނީ ހާލަތަކީ ކޮބައިތޯ ބުނެދިނުމުގެ ޒިންމާއާ ހަވާލުވެ ހުރީ މޮރިއޭރޯ އެވެ. އޭގެ ޖަވާބު ވެސް ދެވޭނީ މޮރިއޭރޯ އެވެ. ޖަޒުބާތުގައި ޖެހިގެން ހެދުނީ ގޯހެއް ކަމަށް ނިންމައި، އެ ކަމަށް މާފަށް އެދެން ވެސް މޮރިއޭރޯ ބޭނުންނުވާކަން އެ އޮތީ އަދިވެސް ފެންނާށެވެ.

ރާއްޖޭގެ ފުޓްބޯޅަ ފަހަތަށް ދާ ކަމުގެ "ނުރައްކަލުގެ ރަނގަބީލުގެ އަޑު" އިވޭތާ އަހަރުތައް ގުނަމުން މިދަނީ އެވެ. އެއީ، ފުރަތަަމަ ވަޅުޖެހެން ފެށީ ފުޓްބޯޅައިގެ ފޯރި އެވެ. އެ އަށް ފަހު، ކްލަބްތައް މާލީ އަޑިގަނޑަށް ވެއްޓި، ކުޅުންތެރިންނަށް މުސާރަ ނުދެވޭ ހިސާބަށް ގޮސް، އޭގެ އަސަރު ކުރާ ގިނަ ކުޅުންތެރިން ފުޓްބޯޅަ ދޫކޮށް އެހެން ދިމާލަކަށް މިސްރާބު ޖަހަނީ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ މެދު މީހުންގެ އިތުބާރު ދުވަހެއް ދުވަހަކަށް ދަނީ ކުޑަވަމުންނެވެ.

މި ފަހުން ދިވެހި ފުޓްބޯޅައިގައި ފެންނަ އެއް ކަމަކީ ގައުމީ ޓީމަށް ކުޅެން ބޭނުންނުވާ ކުޅުންތެރިން ގިނަވަމުން އަންނަ މަންޒަރެވެ. ގައުމީ ޓީމަށް ކުޅެލުން ފަދަ، ކުރިން ފަހުރަކަށް ވެފައި އޮންނަކަމެއް މިހާރު ވެދުމަށް ލިބުނަސް އަންނަން ބޭނުންވާ ކުޅުންތެރިން ގިނަވަނީ އެވެ. މިއީ، ރާއްޖޭގެ ފުޓްބޯޅަ ހިންގަން އޮތް ފަރާތް، އެފްއޭއެމް އިން ވިސްނައި، ފިޔަވަޅު އަޅަންޖެހޭ ކަމެކެވެ. ނޫންނަމަ ދުވަހެއް ދުވަަަހަކަށް ރާއްޖޭގެ ފުޓްބޯޅަ ދާނީ ދަށަށެވެ. ސަރަހައްދުގެ އެހެން ގައުމުތަކުން މި ރޭހުގައި މާ ކުރިއަށް ދިއުމުގެ ނިޝާންތައް މިހާރު އެ ދަނީ މެޗުތަކުގެ ނަތީޖާތަކުން ފެންނަމުންނެވެ. އެއީ އެއްވެސް ދިވެއްސަކު ދެކެން ބޭނުންވާނެ ދުވަހެއް ނޫނެވެ.

މޮރިއޭރޯގެ ފަރާތުން އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޖަވާބުދާރީ ވުމުގެ އެއްވެސް ކަމެއް ނުފެނުނެވެ. ނުވިތަނަކަށް މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުޅެން އައިސް ތިބިއިރު، ގައުމީ ސްކޮޑުގެ ގިނަ ކުޅުންތެރިންތަކެއް، ބޭރަށް ހިންގާ ރޯގާ ޖެހިގެން ތިބެ، މެޗު ކުޅެން ޖެހުނު ވާހަކަ ވެސް ބުނެނުލެވުނެވެ. ކުޅުންތެރިންގެ ހައްގުގައި ބަހެއް ނުބުނެވުނުއިރު، ބައިނަލްއަގުވާމީ މީޑިއާ ކުރިމަތީގައި ކުރީ ކުޅުންތެރިން ބަދުނާމެކެވެ.

ނޫސްވެރިންގެ ބައްދަލުވުންތަކުގައި މޮރިއޭރޯ އަށް ހަމައެކަނި ބުނެވުނީ އާންމުކޮށް ރާއްޖޭން ފަސޭހައިން ބަލިކުރާ ބޫޓާން އަތުން އުނދަގުުލުން މޮޅުވި ދުވަަހު "ހެޕީ" އެވެ. އަދި 20 އަހަރު ތެރޭ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން ރާއްޖެ ފުރަތަމަ ފަހަރަށް ބަލިވި ފަހު ދުވަހު "ސޮރީ" އެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯގެ ފަރާތުން ފެނުނީ، ބައިނަލްއަގުވާމީ ލެވަލްގައި ގައުމީ ޓީމު ތަމްސީލް ކުރަން ހުރި ކޯޗެއްގެ އަމަލުތައް ހުންނަން ޖެހޭ ގޮތްކަމަށް، އޭނާއާ ޒިންމާ ހަވާލުކުރަން ތިިބި ބަޔަކަށް ގަބޫލުކުރެވޭނަމަ، އޭގެ ނަތީޖާ އަކަށްވާނީ ގައުމީ ޓީމު މަތިން މާޔޫސްވާ މީހުން ދުވަހެއް ދުވަަހަކަށް އިތުރުވުމެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަވާލުވެ، މިވީ ދޮޅު އަހަަރެއްހާ ދުވަހު ގައުމީ ޓީމާ އެކު މޮރިއޭރޯ ކުރި މަސައްކަތުގައި މިއަދާ ހަމައަށް ވެސް ދެމެހެއްޓެނިވި ސިސްޓަމެއް ނުފެނުނުއިރު، ކުޅުންތެރިންނާއި ފުޓްބޯޅައިގެ ހާލަތު ބުނަން ޖެހޭ ދުވަހު ބުނެނުދެވޭނަަމަ، މަގާމުގައި ހުރުމުގެ މާނައެއް ނުފެނެ އެވެ. ގައުމީ ކޯޗުގެ މަގާމަކީ ހަމައެކަނި ނަމެއްގެ މަގާމެއް ނޫނެވެ. އެއީ ބޮޑު ޒިންމާ އެކެވެ.

ނޫސްވެރިންގެ ބައްދަލުވުުމުގައި މޮރިއޭރޯގެ އެ އަމަލުތަކުގެ ކަންކަން ބަލާނެ ކަމަށް ގައުމީ ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ) ވަނީ ބުނެފަ އެވެ. އެކަމަކު، އިއްޔެގެ މެޗު ނިމުނުތާ މިވީ 18 ވަރަކަށް ގަޑިއިރު ތެރޭ މި ވަރުގެ ކަަމަކާ ގުޅޭގޮތުން އެފްއޭއެމުން ބަޔާނެއް ވެސް ނުނެރެ އެވެ. އެހެންކަމުން، ގައުމީ ޓީމާ މެދު ދޭ އަހައްމިއްޔަތުކަން އޮތް މިންވަރު އެ އޮތީ ފެންނާށެވެ.