Advertisement

ކްލަބް ވޯލްޑް ކަޕްގެ އާ މުބާރާތް 2025 ގައި އެމެރިކާގައި

23 ޖޫން 2023 - 23:31 0


ކްލަބް ވޯލްޑް ކަޕްގެ އާ މުބާރާތް 2025 ގައި އެމެރިކާގައި

23 ޖޫން 2023 - 23:31 0

ލަންޑަން (ޖޫން 23) - ބޮޑެތި ބަދަލުތަކާ އެކު، 32 ކްލަބާ ހިމަނައިގެން ފީފާ އިން ފަށާ ކްލަބް ވޯލްޑް ކަޕްގެ އަލަތު މުބާރާތް، 2025 ވަނަ އަހަރު ބާއްވާނީ އެމެރިކާގައި ކަމަށްފ ފީފާ އިން އިއުލާނުކޮށްފި އެވެ.

ފީފާ ކޮންފަޑެރޭޝަން ކަޕްގެ ބަދަލުގައި ކްލަބްތަކަށް ކޮންމެ ހަތަރު އަހަރުން އެއް އަހަރަކު ބާއްވާ މުބާރާތެއް ގޮތަށް ކްލަބް ވޯލްޑް ކަޕް ފޯމެޓް ރޭވީ 24 ޓީމު ކުޅޭގޮތަށް 2021 ގައި ޗައިނާގައި ފުރަތަމަ މުބާރާތް ބާއްވާށެވެ. އެކަމަކު، އޭރު ކޮވިޑް-19ގެ ދުވަސްވަރު ކަމަށްވާތީ ފީފާ އަށް ޖެހުނީ މުބާރާތް ފަސްކުރާށެވެ.

ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ މިއަދު ވިދާޅުވީ ކްލަބް ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތުގެ ފެށުން 2025 ވަނަ އަހަރު އޮންނާނީ އެެމެރިކާގައި ކަމަށެވެ. މިއާ އެކު، ޖެހިޖެހިގެން ތިން އަހަރު އެމެރިކާގައި ފުޓްބޯޅައިގެ ބޮޑު ތިން މުބާރާތް އޮންނާނެ އެވެ. އެ ގޮތުން، 2024 ވަނަ އަހަރު އެމެރިކާގައި ކޮޕަ އެމެރިކާ ވެސް ހޯސްޓްކުރާއިރު، 2025 ގައި ކްލަބް ވޯލްޑް ކަޕް އޮންނާނެ އެވެ. އަދި 2026 ވަނަ އަހަރު އެމެރިކާ އިން މެކްސިކޯ އަދި ކެނަޑާއާ ގުޅިގެން 48 ގައުމު ވާދަކުރާ ފުރަތަމަ ފީފާ ވޯލްޑް ކަޕް ހޯސްޓް ކުރާނެ އެވެ.

ފުރަތަމަ ކްލަބް ވޯލްޑް ކަޕް އޮންނާނެ ތާރީހެއް ފީފާ އިން ހާމަކޮށްފައިނުވި ނަމަވެސް މުބާރާތް އޮންނާނީ ޖޫން މަހު ކަމަށް ބެލެވެ އެވެ.

ގިނަ އަހަރުތަކެއްގެ މަޝްވަރާ އަށް ފަހު ފީފާ އިން މިދިޔަ ޑިސެމްބަރު މަހު ފައިނަލް ކުރި 32 ޓީމު ކުޅޭ ކްލަބް ވޯލްޑް ކަޕްގެ އާ ފޯމެޓާ މެދު އެންމެ ފުރަތަމަ ޔޫރަޕްގެ ކްލަބްތަކުގެ ފާޑުކިޔުންތައް އަމާޒުވި އެވެ. އެހެން ނަމަވެސް، ޔޫރަޕް ކްލަބް އެސޯސިއޭޝަން (އީސީއޭ) އިން މިދިޔަ މާޗް މަހު ވަނީ އެ ފޯމެޓް ބަލައިގަންނަން ނިންމައިފަ އެވެ.

މިހާރު ވެސް ކްލަބް ވޯލްޑް ކަޕް ބާއްވަމުން އަންނަ ފޯމެޓް (ބައްރުތަކުގެ ޗެމްޕިއަނުން ކުޅޭ ގޮތަށް އޮންނަ މުބާރާތް) މި އަހަރު ހޯސްޓްކުރާނީ ސައުދީ އަރަބިއްޔާގަ އެވެ. މުބާރާތް ބާއްވާނެ ތާރީހަކީ 12-22 ޑިސެމްބަރަށެވެ. އެންމެ ފަހުން، ކްލަބް ވޯލްޑް ކަޕް ބޭއްވީ މި އަހަރު ފެބްރުއަރީގައި މޮރޮކޯގަ އެވެ. ތަށި އުފުލާލީ ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑުންނެވެ.