Advertisement

ޓޫރިސްޓަކު ރޭޕްކުރި މައްސަލާގައި ތުހުމަތުކުރެވޭ މީހާގެ ޕާސްޕޯޓު ހިފަހައްޓައިފި

23 ޖޫން 2023 - 15:32 0

އަހުމަދު އާއިދު

އަހުމަދު އާއިދު


ޓޫރިސްޓަކު ރޭޕްކުރި މައްސަލާގައި ތުހުމަތުކުރެވޭ މީހާގެ ޕާސްޕޯޓު ހިފަހައްޓައިފި

23 ޖޫން 2023 - 15:32 0

ކ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޓުއަރިސްޓަކު ރޭޕްކުރި މައްސަލާގައި ތުހުމަތުކުރެވޭ މީހާއަށް ރާއްޖެއިން ނުފުރޭ ގޮތަށް ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ތުހުމަތުކުރެވޭ 30 އަހަރުގެ ދިވެހި ފިރިހެނެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އޭނާ ރާއްޖެ ދޫކޮށް ފުރުން މަނާކުރުމުގެ އަމުރަކަށް ކޯޓުގައި އެދުމުން ކަމަށެވެ. އެ އަމުރު ކޯޓުން ނެރުނީ އިއްޔެ ކަމަށްވެސް ފުލުހުން ބުންޏެވެ.

ޓޫރިސްޓް ރޭޕްކުރި މައްސަލާގައި ތުހުމަތުކުރެވެނީ ރިސޯޓްގެ ބަޓްލަރަކަށެވެ.

މިދިޔަ ހަފުތާ ފެންމަތިވި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޖޫން 11 ގަ އެވެ. އެޔާއެކު ރޭޕްގެ ޝިކާރައަކަށްވި ފަތުރުވެރިޔާ ވަނީ ހާދިސާގެ ތަފުސީލު ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެއާއެކު މި މައްސަަލައަށް ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ލިބި، ބޭރުގެ ގައުމުތަކާއި އާންމުންގެ ފާޑުކިޔުން އަމާޒުވުމުން ފުލުހުން ވަނީ މި މަހުގެ 18 ގައި ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުނުކުރެވި ލަސްވަނީ ނަގާފައިވާ ފޮރެންސިކް ސާމްޕަލްތަކުގެ ނަތީޖާ ނުލިބިގެން ކަމަށެވެ. އަދި، އެ މައްސަލަ ރިޕޯޓުކުރުމާ އެކު ވަގުތުން ފޮރެންސިކް ޓީމުތައް ފޮނުވައި ހެކި ހޯދުމުގެ މަސައްކަތް ފެށި ކަމަށާއި އެކަމުގައި އަނިޔާ ލިބުނު ޓޫރިސްޓަށް ވަގުތުން ސިއްހީ އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެ އިދާރާއިން އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ފުލުހުން ބުންޏެވެ.

މި މައްސަލާގައި ރޭޕްގެ ޝިކާރައަކަށްވި ފަރާތުން ވަނީ މައްސަލަ ބަލައިދިނުން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގެ ޖަވާބުގައި ނަޝީދު ވަނީ މި މައްސަލައާމެދު ކަންބޮޑުވާކަން ފާހަގަކުރައްވާ ތަހުގީގު އަވަސްކޮށްދެއްވުމަށް ފުލުހުންގެ އިދާރާއިން އެދޭކަމަށް ވިދާޅުވެ ޓުވީޓު ކުރައްވާފަ އެވެ.