Advertisement

ރައީސް ނަޝީދުގެ ސިޔާސީ ހަޔާތުން ދެ ގަލަންކޮޅު

22 ޖޫން 2023 - 10:40 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ރައީސް ނަޝީދުގެ ސިޔާސީ ހަޔާތުން ދެ ގަލަންކޮޅު

22 ޖޫން 2023 - 10:40 1

ހަނދާންތައް ހިތުގެ ވިކަމުން ގެނުވަނީ، ފިލުވޭ ތަދެއް ނޫނޭ،

އަދާ ހަމައަށް މިހާލަތު ގެނައުމީ ކުޑަކުޑަ ކުށެއް ނޫނޭ،

ޒަމާންތަކަކަށްވި ގުރުބާނީ ފަނާވެވި ޖިސްމު އިންސާނީ،

އަމާންކަން ނެއްޓި އުދުވާނީ މައާފް ކުރާ ވަރެއް ނޫނޭ،

މިއީ ރައީސް ނަޝީދުގެ ސިޔާސީ ހަޔާތްޕުޅުގައި ކުރިމަތިވެވަޑައިގެން އެންމެ އަނދިރި ދުވަހުގެ ހަނދާންތައް އާ ކުރައްވަމުން އެ މަނިކުފާނު ލިޔުއްވާފައިވާ ދެ ޅެން ބައިތެވެ. އެއީ މީގެ 11 އަހަރު ކުރިން، 7 ފެބްރުއަރީ، 2012 ގައި ކުރިމަތިވި ހާލަތުން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ސިއްކަ ޖެހި ދުވަހުގެ ހަނދާންތަކެވެ.

ރައީސް ނަޝީދު އެންގެވި ގޮތަށް އޭރުގެ ކެބިނެޓު ސެކްރެޓަރީ ސިޓީ ތައްޔާރު ކުރައްވާފައި ނެތުމުން ތާރީހީ އެ ސިޓީފުޅު އެމަނިކުފާނު ލިޔުއްވީ ރައީސް އޮފީހުގައި ހުރި ޕޯޑިއަމެއްގެ މަތީގައި ރިޔާސީ ލެޓާ ހެޑު ބާއްވަވައިއިގެން ކޮޅަށް ހުންނަވައިގެންނެވެ.

"ރާއްޖޭގެ ހާލަތު މިއަދު އޮތް ގޮތުން އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި އިތުރަށް ހުރެއްޖެނަމަ ރާއްޖެއަށާއި ރައްޔިތުންނަށް ނުހަނު ގެއްލުން ދެވިދާނެކަމަށް އަޅުގަނޑަށް ފެންނަކަމުން، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދީފީމެވެ،" އިސްލާހީ ހަރަކާތުން ފުރަތަމަ ނުކުތް ކުރި ކަނޑާލައްވަމުން އެމަނިކުފާނު ލިޔުއްވާފައިވެ އެވެ.

ސިޓީފުޅު ލިޔެ ނިންމަވާލެއްވުމަށްފަހު އޭގައި ސޮއި ކުރެއްވި ގަލަންކޮޅު އެދުވަހު ދެއްވީ އޭރު އެމަނިކުފާނުގެ ލީގަލް އެފެއާޒް ސެކްރެޓަރީ، ހިސާން ހުސެއިން އަށެވެ. މީޑިއާގެ ކުރިމައްޗަށް ވަޑައިގެން އިސްތިއުފާދެއްވީ އޭގެފަހުންނެވެ.

އެ ދުވަހުގެ ހަނދާންތައް މިއަދު އަނެއްކާ އާ ވެގެން މިދަނީ، އެ މަނިކުފާނު ވެސް ހިމެނޭހެން، އެތައް ބަޔަކު އިސްލާހަށްޓަކައި ކުރެއްވި މަސައްކަތުން މީގެ 18 އަހަރު ކުރިން އުފަންކުރުވި، އެމްޑީޕީން އެ މަނިކުފާނު ވަކިވެވަޑައިގަތުމުންނެވެ. އެމަނިކުފާނުގެ ސިޔާސީ ގުލްޒާރުގައި ފޮޅުނު ނޫރާނީ މަލަށް އަލްވަދާއު ކިއުމުންނެވެ.

ދެދުވަހުގެ އެއްގޮތް ކަމަކަށް އޮތީ އަތު ލިޔުމުން ލިޔުއްވި ސިޓީފުޅާއި ދެ ގަލަންކޮޅެވެ. އަތުންލިޔެ މީސް މީޑިއާގައި އިއްޔެ އާންމު ކުރެއްވި ސިޓީފުޅުގައި ވެސް ލިޔުއްވާފައި ވަނީ މީގެ އެގާރަ އަހަރު ކުރިން ލިޔުއްވި ސިޓީފުޅުގައި އޮތް ފަދަ މޭރުމަކުންނެވެ.

"ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލައި، އަޅުގަނޑު ތިޔަ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭކަމުން އަޅުގަނޑު ތިޔަ ޕާޓީން ވަކިވި ވާހަކަ ދެންނެވީމެވެ،" އެމްޑީޕީގެ ޗެއާޕާސަންއަށް އެޑްރެސްކޮށް އިއްޔެ ލިޔުއްވާފައިވެ އެވެ.

އިއްޔެ ސިޓީ ލިޔެ ނިންމަވާލެއްވުމަށްފަހު އެ ގަލަންކޮޅު ދެއްވީ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ، ހަސަން ލަތީފަށެވެ. އޭނާ ވަނީ އިއްޔެ ހަވީރު އެކަން ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަށަވަރު ވެސް ކޮށްދެއްވާފަ އެވެ.

ރައީސް ނަޝީދުގެ ސިޔާސީ ހަޔާތާ ގުޅިފައިވި އެ ދެ ސިޓީގައި ސިއްކަ ޖެއްސެވި ދެ ގަލަންކޮޅު ދެފަހަރު ވެސް ދެއްވީ އެންމެ ގާތުގައި، އެންމެ އަރިހުގައި ތިއްބެވި ދެ ބޭފުޅުންނަށެވެ.