13 އޭޕްރީލް 2024 - 13:27 1
މުހައްމަދު ޝަހްޒާން
ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު. -- ފޮޓޯ: އެމްޑީޕީ
13 އޭޕްރީލް 2024 - 13:27 1
ނޫ ގާނޫނުއަސާސީގެ ބަދަލުގައި ޑިމޮކްރެސީގެ ކުލަ ފުރިހަމައަށް ޖެހިފައިވާ ފެހި ގާނޫނުއަސާސީ އެކުލަވައިލީ މިނިވަން ފިކުރުގެ ބަޔަކު ނުކުމެ ކުރި މިންނެތް މަސައްކަތުންނެވެ. އެ މަސައްކަތުގެ ތެރެއިން ޖޫން، 2005 ގައި އެމްޑީޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް ވުޖޫދު ކުރީ ވަރަށް ދުރު ރާސްތާގެ އިސްލާހީ އެޖެންޑާއަކާ އެކު އެވެ.
އެމްޑީޕީ ރެޖިސްޓަރީވުމާއެކު އިސްލާހީ އެޖެންޑާގެ ދަށުން ޕާޓީގެ އޮނިގަނޑު އެކުލަވައިލައި ފުރަތަމަ ކޮންގްރެސްއާ ދިމާލަށް އެ ޕާޓީން މިސްރާބު ޖެހި ހިތްވަރުގަދަ މާލިމީންތަކަކާ އެކު އެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް ގޮނޑި މިހާރު ފުރުއްވަމުން ގެންދަވާ ހަސަން ލަތީފަކީ އޭގެ ތެރެއިން އެކަކެވެ. އޭނާގެ ސިޔާސީ ހަޔާތް ފެށީ ބަރުލަމާނީ ގޮފީގެ ނަމުގައި އެންމެ ފުރަތަމަ އެމްޑީޕީގައި ރެޖިސްޓަރީ ކުރި އެއް ގޮފީގެ ރައީސްގެ ޒިންމާއާ އެކު އެވެ.
އިސްލާހީ އެ ދަތުރަށް ފުރިތާ 18 އަހަރު ވެގެންދިޔައިރު، މިއަދު ވެސް ހަސަން ލަތީފުގެ ބުންވަރަށް ބަދަލެއް ނާދެ އެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް އޭނާ އެތައް ކަނޑެއްގައި ދަތުރުކޮށް ކާމިޔާބީތަކެއް ހޯދި ނަމަވެސް އަދިވެސް ދައްކާން އޮތީ އެ އޭރު ވެސް ދެއްކި ވާހަކަ އެވެ. ދިވެހީންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ކުރާންޖެހޭ މަސައްކަތްތައް ގިނަގުނަ ކަމެވެ.
އެމްޑީޕީގެ ފުރަތަމަ ކޮންގްރެސްގައި އޭރު އެ ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދުގެ އަރިހުގައި ހަސަން ލަތީފު (ކ) އަދި އަލީ ހާޝިމް.
އޯލެވެލް އިމްތިހާނު ނިންމަވައިލެއްވުމަށްފަހު ބިސްމި ކިޔާފައި ވަޒީފާއެއްގެ ގޮތުގައި ހަސަން ލަތީފް އިހުތިޔާރު ކުރެއްވީ ގާނޫނީ ދާއިރާ އެވެ. ރައީސް މައުމޫނުގެ ދުވަސްވަރު ފުރަތަމަ ވަޒީފާއެއްގެ ގޮތުގައި ނުކުންނެވީ ބަންޑާރަ ނައިބުގެ އޮފީހަށެވެ. އެ އޮފީހުގައި މަސައްކަތް ކުރައްވަމުން 2000 ވަނަ އަހަރު އިނގިރޭސިވިލާތުގެ މިޑްލްސެކްސް ޔުނިވާސިޓީން ބެޗްލާސް އޮފް ލޯސް ކިޔަވައިވިދާޅުވި އެވެ.
"އެޓާނީ ޖެނެރަލް އޮފީހުގައި ވަރަށް ގިނަ މަސައްކަތް ކުރެވިފައި ހުންނާނެ ގާނޫނު އެކުަވައިލުމުގެ، އޭރު ވަރަށް ބޮޑަށް ރައީސް މައުމޫންގެ ސަރުކާރު އޮތްއިރުގައި ގާނޫނުތައް ޑްރާފްޓު ކުރަމުންދާނީ އެޓާނީ ޖެނެރަލް އޮފީހުން، މިހާރުވެސް އެހެން ސަރުކާރުގެ ބިލުތައް ޑްރާފްޓު ކުރަނީ،" ހަސަން ލަތީފް ވިދާޅުވި އެވެ.
ސަރުކާރުގެ ބިލުތައް ޑުރާފްޓު ކުރުމުގެ އިތުރުން އޭރު މަޖިލިސް މެންބަރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ވެސް ހަސަން ލަތީފް ބިލުތައް ޑުރާފްޓު ކޮށްދެއްވި އެވެ.
އިސްލާހީ މަސައްކަތުގައި ސިޔާސީ މައިދާނަށް ހަސަން ލަތީފު ނުކުންނެވިއިރު، އޭނާ އަތުގައި ކްރިމިނޮލޮޖީ ދާއިރާއިން މާސްޓާ އޮފް އާޓްސްގެ ސަނަދު އޮތެވެ. މިހާރު އަމަލުކުރަމުން މިދާ ފެހި ގާނޫނު އަސާސީ އެކުލަވާލި ޑްރާފްޓިން ކޮމިޓީގައި ވެސް ހަސަން މަސައްކަތް ކުރެއްވި އެވެ. އޭރު އެއީ އެ ކޮމިޓީގެ މަސައްކަތްތައް ކުރެއްވުމުގައި ބައިވެރިވީ ގާނޫނީ ދާއިރާގެ ބޭފުޅެއްގެ ގޮތުންނެވެ. އެއަށް ފަހު 2008 ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަމައަށް ފުރަތަމަ ވާސިލުވީ ހަސަން ލަތީފްގެ ފުރިހަމަ ބައިވެރިވުމާއެކު އެވެ.
އެ ސަރުކާރުގެ ޔޫތު އެންޑް ސްޕޯޓްސްގެ މަގާމު ފުރުއްވީ އޭނާ އެވެ. އެ މަގާމުގައި ހުންވައިގެން ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިޔުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި އެވެ.
އެ މަސައްކަތުގައި ދެމި ހުންނަވަނިކޮށް އެމްޑީޕީގެ ސަރުކާރު މަގުމަތިން ވައްޓާލުމުން އިދިކޮޅު ލީޑަޝިޕުގައި ހުންނަވައިގެން ހަސަން ލަތީފް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އެގޮތުން 2013 ވަނަ އަހަރު އުފެދުނު ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ރައީސް ނަޝީދު ޖަލަށްލުމާ ގުޅިގެން އެމަނިކުފާނުގެ ދިފާއުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި އެވެ. ހަސަން ލަތީފަކީ ނަޝީދުގެ ވަކީލުންގެ ޓީމުގެ މެމްބަރެކެވެ.
ސިޔާސީ އެ ހަލަބޮލިކަމުގެ ތެރެއިން އިސްލާހީ މަސައްކަތުގެ ބޮކި ނިވުނަ ނުދީ ހަސަން ލަތީފް ވަނީ 2017 ވަނަ އަހަރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެވަޑައިގެން އެ ޕާޓީ ލީޑު ކުރުމުގައި ވެސް މުހިންމު ދައުރެއް އަދާ ކުރައްވައިފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވެރިކަން ހޯއްދަވައިދެއްވުމުގެ ބޮޑު ހިއްސާއެއް ހަސަން ލަތީފްގެ އޮތެވެ.
ނަމަވެސް އެ ވެރިކަމުގެ ފަހުކޮޅު އުފެދުނު ހިޔާލުތަފާތުވުންތަކާއެކު އެމްޑީޕީން އޭނާ ވަކިވީ އެވެ. ހަސަން ލަތީފާއިއެކު އެމްޑީޕީން ވަކިވި މެންބަރުން ގަބޫލު ކުރާ ހަމަތަކުގެ މަތީން ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފެއްދި އައު ސިޔާސީ ޕާޓީގެ މުއައްސިސަކީ ހަސަން ހަސަން ލަތީފު އެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސް އިން ވާދަކުރީ އެ ޕާޓީގެ ރައީސް ކަމުގައި ހަސަން ލަތީފް ހުންނަވައިގެންނެވެ.
"އަޅުގަނޑަށް އަޅުގަނޑު ކުރި މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭ، އެކަމަކު ރައްޔިތުންގެ މަޖިލީހުން ކުރެވުނު މަސައްކަތާ ގުޅޭގޮތުން އެއްޗެއް ދަންނަވަންޏަކާ އެންމެ ފުރިހަމައަށް މަސައްކަތް ކުރެވިފައި އޮތް ކަމަކަށް އަދި ގަބޫލެއް ނުކުރެވޭ، މުޅި މަޖިލީހުގެ މަސައްކަތަށް ބަލާއިރު،"
ހަސަން ލަތީފު ވެސް އިންނެވި 19 ވަނަ މަޖިލީހުގެ މަސައްކަތާ ބެހޭ ގޮތުން ސުވާލުކުރުމުން ވިދާޅުވީ މިހެންނެވެ. އަމިއްލަ މަސައްކަތާ މެދު ހިތްހަމެޖެހޭ ވާހަކަ ހަސަން އެ ފާހަގަކުރެއްވީ ސަބަބެއް ނެތި އެއް ވެސް ނޫނެވެ.
ނިމިގެން މިދާ މަޖިލީހުގެ ދައުރުގައި ހަސަން ލަތީފު ވަނީ ކުޅިވަރާ ބެހޭ ގާނޫނާއި މަސްތުވާތެކި ރާއްޖެއަށް އެތެރެ ކުރާ ބިދޭސީންނާ ބެހޭ ބިލަކާއި މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައި ތިބި މީހުންގެ އާއިލާތަކަށް ގާނޫނީ ހައްލު ހޯއްދަވައިދެއްވަން އަމަލީ މަސައްކަތް ކުރައްވައިފަ އެވެ.
"އަޅުގަނޑު ކުރި މަސައްކަތަށް ހިތްހަމަޖެހެޔޭ މިދަންނަވަނީ ވަރަށް ގިނަ ބިލު ހުންނާނެ، ސަރުކާރު ބިލުގެ މަސައްކަތް ކޮމެޓީ މަރުހަލާގައި ކުރެވިފައި އަދި ބައެއް ބިލު ހުންނާނެ އަޅުގަނޑު އަމިއްލައަށް މެންބަރެއްގެ ގޮތުގައި ހުށަހަޅައިފަ ވެސް، އެތައް ބައިވަރު ގަރާރެއް ހުށަހަޅާފައި ހުންނާނެ ވަޒީރުންނާ ސުވާލުކޮށްފައި ހުންނާނެ، މައްސަލަތައް ހުށަހަޅައިފައި ހުންނާނެ، ކުއްލި މައްސަލަ ހުށަހަޅައިފައި ހުންނާނެ،" އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހެއްގައި މެންބަރަކު އަޅުގަނޑު ކޮށްފައި ހުރި މަސައްކަތް ވަކި އެހެން މެންބަރަކު ނުހުންނާނެ އަޅުގަނޑު ނުކުރާ މަސައްކަތެއް ކޮށްފައެއް، އެވަރަށް މަސައްކަތް ކޮށްފައި ހުންނާނެ، އެކިކަހަލަ މަސައްކަތް،"
ކުރެވުނު މަސައްކަތާމެދު ހަސަން ލަތީފް ހިތްހަމަޖެހުނު ނަމަވެސް ރައްޔިތުންގެ ހުރި ގިނަ ކަންބޮޑުވުންތަކަށް އެކަށީގެންވާވަރުގެ ހައްލެއް އައި ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. އެކަމުގެ ސަބަބު ގޮސް ގުޅެނީ ސަރުކާރުތަކުން އަމަލު ކުރާ ގޮތަށް ކަމަށް ހަސަން ގަބޫލު ކުރައްވަ އެވެ.
ސަރުކާރުން ކުރިމަތި ކުރާ ގޮންޖެހުންތަކާ އެކު ވެސް ރައްޔިތުންނަށް ދިމާވެފައި ހުރި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ޒިންމާ ކޮނޑުގައި އަޅުއްވައިގެން ހަސަން ނުކުމެ ހުންނެވީ ވަރަށް ޔަގީން ކަމާއެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް މުހިންމުކަމެއް އެއީ މިހާރު ހަދަން ފަށާފައި ނުހެދި ހުރި ގޯތިތައް، އެ ތަންތަނަށް ގޮތެއް ހޯދައިދޭން، ހަމަ އެއާއެކީގައި ކޮންޓްރެކްޓަރު ފިލައިގެން ގޮސްފައި އެބަހުރި އެތައް ބައިވަރު ގޯއްޗެއް ހަދަން ފަށާފައި، އެމީހުންނަށް ގޮތެއް ހޯދައިދިނުން،" ކުރިއަށް އޮތް ދައުރުގައި ކުރައްވާނެ ކަންކަމުގެ ލިސްޓު ހަސަން ފެށީ މިހައި ހިސާބުންނެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެއްޖެ ނަމަ އެންމެ މުހިންމުކަމެއްގެ ގޮތުގައި ދެކިގެން ކުރައްވާނެ ކަމަކީ ގާނޫނުގެ ތެރެއިން ސޯޝަލް ހައުސިން ސްކީމެއް ގާއިމު ކުރުން ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
އޭގެ އިތުރުން އަލަތު ގޯތި ލިބޭ މީހުންނަށް އެމީހުންގެ ގެދޮރު އިމާރާތް ކުރުމަށް ކުޑަ އިންޓްރެސްޓުގައި ލޯނު ލިބޭނެ މަގެއް ގާނޫނީ ބާރުވެރިކަމާއެކު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
"އަޅުގަނޑަށް ކުރިގެން ދަންނަވަން ކެރިދާނެ ރައްޔިތުންގެ ވަކި އެހެން މެންބަރެއް ނުހުންނާނެ އަޅުގަނޑު ކޮށްފައި ހުރި ވަރަށް ވެސް އަދި ކޮށްފައި ހުރި ގޮތަށް ވެސް އެ މަސައްކަތް ކޮށްފައި ހުރި އެހެން މެންބަރެއް ނުހުންނާނެ، އެހެންވީމާ އެއީ އަޅުގަނޑަށް ވަރަށް ޔަގީންކަން އޮންނަކަމެއް އަދި ކުރިއަށް އޮތް ފަސްއަހަރު އެ ތަޖުރިބާއާއެކު މާރަނގަޅަށް މަސައްކަތް ކުރެވޭނެކަން،" ހަސަން ލަތީފް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް މެންބަރަކު މަސައްކަތް ކުރުމުގައި ރިއާޔަތް ކުރަންވީ ކަންކަން ބަޔާން ކޮށްދެމުން ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ލިޔެފައި ވަނީ މެންބަރުން އަމަލު ކުރާން ވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަން ދީގެން ކަމަށެވެ.
އެއްވެސް މެންވަރަކު އެމީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮންނަ އެހެން މީހެއްގެ ވެސް ޒާތީ މަސްލަތަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުން ކޮށްގެން ނުވާނެ ކަމަށާއި މަޖިލިސް މެންބަރުން، އެ މެންބަރުން އިންތިހާބުވި ދާއިރާ ތަމްސީލު ކުރާން ވާނީ މުޅި ގައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިއާޔަތް ކޮށްގެން ކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.
ކަން މިހެން އޮތްކަން ރަނގަޅަށް ދެނެހުރެ، ހަސަން ލަތީފް ވިދާޅުވީ އޭނާއަކީ ވެރިކަމުގައި ހުންނަވާ ބޭފުޅަކާ ޒާތީވެގެން އުޅުއްވާ ބޭފުޅެއް ނޫންކަމާއި ވިޔަފާރިވެރިއެއްގެ ނުވަތަ އެ ނޫން ވެސް ގާތް އެހެން މީހެއްގެ މަސްލަހަތު ކުރިއަރުވަން މަސައްކަތް ކުރައްވާނެ ބޭފުޅެއް ނޫންކަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރުންނަށް އެނގޭނެ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސަން ލަތީފު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަދަދު
"އަޅުގަނޑަކީ އެއްވެސް ރައީސުލްޖުމްހޫރިއްޔާއަކާ ޒާތީ ގޮތުން ދެކޮޅުވެގެން ރައްޔިތުންގެ މަޖިލީހަށް ހޮވެން އަންނަ މީހެއް ނޫން، އަދި އަޅުގަނޑަކީ ސަރުކާރުގެ ރަބާ ސްޓޭންޕެއް ވެސް ނޫން، އަދި އަޅުގަނޑަކީ ވިޔަފާރިވެރިއެއްގެ ބާރުވެރިކަން އިތުރު ކުރުމަށްޓަކައި އޭނައަށް މަސައްކަތް ކޮށްދޭން އަންނަ، އޭނައަށް ގުލާނު ކޮށްދޭން އަންނަ މީހެއް ވެސް ނޫން، އަޅުގަނޑަކީ އަޅުގަނޑު މި ގަބޫލުކުރާ ހަމަތަކާ އުސޫލުތަކާއި އަސްލެއް މަތީގައި މިހައިތަނަށް ވެސް ދެމިހުރި މީހެއް،" ހަސަން ލަތީފް ވިދާޅުވި އެވެ.
ތިންބާރު ވަކިވެފައި އޮންނަ ނިޒާމެއްގެ ތެރެއިން ގައުމު ހިންގާއިރު، އެއް ބާރުގެ ނުފޫޒުން އަނެއް ބާރު އޮންނާން ޖެހޭނީ މިނިވަންވެފައި ކަމަށް ހަސަން ގަބޫލު ކުރައްވަ އެވެ. އެހެން އެކަން ނުވެއްޖެނަމަ ސަރުކާރަށް ފާރަވެރިވާނެ ބަޔަކު މަޖިލީހުގައި ނުތިބޭނެ ކަމަށާއި އޭގެން ނުކުންނަ ނަތީޖާ ހިތިވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި ސަރުކާރު ޖަވަބުދާރީ ކުރުވުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް، އަޅުގަނޑު އެއްގޮތަކަށް ވެސް ގަބޫލުކުރާ ކަމެއް ނޫން އެއީ ސަރުކާރެއް އޮވެފައި ސަރުކާރުގެ މެންބަރުން ނުވަތަ އެ ސަރުކާރެއް ހިންގާ ޕާޓީގެ މެންބަރުންގެ މެޖޯރިޓީއެއް ސަރުކާރުގައި އޮތުން އެއީ ރަނގަޅު ކަމަކަށް ވާނެ ކަމަށެއް،" ނިމިދިޔަ ސަރުކާރުގައި ނުރަނގަޅު ކަންތައްތަކެއް ހިނގީ އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ އޮތުމުންކަން ފާހަގަކުރައްވައި ހަސަން ލަތީފް ވިދާޅުވި އެވެ.
މި ސަރުކާރު އުފެދުނު ފަހުން މިވީ ހަތަރު ފަސްމަހެއްހައި ދުވަހުގެ ތެރޭގައި ސަރުކާރަށް މަޖިލިސް ދީގެން ނުވާނެ އެތައް ސަބަބެއް ފެންނާން އެބަހުރި ކަމަށް ހަސަން ވިދާޅުވި އެވެ. ރައްޔިތުންނަށް އެންމެ ރަނގަޅު މަގެއް ފެންނާނީ ސަރުކާރު ޖަވާބުދާރީ ކުރުވާނެ މަޖިލީހެއް އެކުލަވައިލައިގެން ކަމަށް ހަސަން ގަބޫލު ކުރައްވަ އެވެ.
"ސަރުކާރުން ކަންކަމާ ގުޅޭގޮތުން [ގޮތް ނިންމާއިރުގައި] ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކެއް މުހިންމުކަން ފެންނަން އެބަ ހުރި، އެ ހުރިހާ މަސައްކަތެއް ކުރެވޭނީ އެ މަސައްކަތް ކުރާނެ އެކަމަށް ވަގުތު ދޭނެ އަދި އެކަމުގެ ތަޖުރިބާ ވެސް ހުރި އަދި އެކަން ކުރާނެ ގޮތުގެ ވިސްނުމެއް ވެސް ހުރި ބަޔަކު އެތަނުގައި ތިބެގެން، އެހެންވީމާ އަޅުގަނޑު ގަބޫލު ކުރަން އަޅުގަނޑަކީ އޭގެ މެންބަރެއް ގޮތުގައި،" ހަސަން ލަތީފް ވިދާޅުވި އެވެ.
މީގެ 19 އަހަރު ކުރިން ހަސަން ލަތީފް ފެށި ދަތުރުގެ މޯހިރުން ފެންނާން އޮތީ ކޮޅެއް މެދެއް ފެންނާން ނެތް ބުރަ މަސައްކަތެވެ. ރާއްޖޭގެ އިސްލާހީ މަސައްކަތުގައި ކުރާން ހުރި މަސައްކަތް ކިތަންމެ ގިނަ ނަމަވެސް އެކަންކަން ކުރުމުގައި ހަސަން ފަހަތު ފަޔަށް ބުރަ ނުވާނެ ކަމުގެ އިތުބާރު ހެންވޭރު ހުޅަނގު ދާއިރާގެ ރައްޔިތުންގެ އޮންނާނެ ކަމަށް ހަސަން ގަބޫލު ކުރައްވަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment