22 ޖޫން 2023 - 09:38 0
22 ޖޫން 2023 - 09:38 0
އިންޑިއާ އަތުން ބޮޑު ތަފާތަކުން ބަލިވުމަކީ އުއްމީދުކުރި ނަތީޖާއެއް ނޫންކަމަށާއި، ކުރިން ވިސާ ހަމަޖެހި މުބާރާތަށް އަންނަން ކަނޑައަޅާފައި އޮތް ދުވަހު ބެންގަލޫރަށް އާދެވުނު ނަމަ ނަތީޖާ ތަފާތުވީސްކަމަށް ޕާކިސްތާންގެ އެސިސްޓަންޓް ކޯޗު ޖަރުމަންގެ ޓޯބެން ވިޓަޖެވްސްކީ ބުނެފި އެވެ.
ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން 4-0ގެ ބޮޑު ތަފާތަކުން ބަލިވިއިރު، މެޗުގައި ޕާކިސްތާނަށް އެކަށީގެންވާ ކުޅުމެއްވެސް ނުދެއްކެ އެވެ. ޕާކިސްތާނަށް އިންޑިއާގެ ގޯލަށް އަމާޒުކޮށް އޮން ޓާގެޓް ހަމަލާއެއްވެސް މި މެޗުގައި ފޮނުވާ ނުލެވުނެވެ.
ދެ ޓީމްގެ ކޯޗުންނަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި މި މެޗާއި ގުޅޭގޮތުން ވާހަކަދައްކަމުން ޕާކިސްތާންގެ ކޯޗު ބުނީ މި މެޗުގައި މޮޅަށް ކުޅުނީ އިންޑިއާ އިން ކަމަށާއި، ޕާކިސްތާނުން އުއްމީދުކުރީ މިކަހަލަ ނަތީޖާއަކަށް ނޫންކަމަށެވެ.
"އަހަރުމެން އުއްމީދުކުރި ނަތީޖާއެއް ނޫން މިއީ. އެކަމަކު މިއަދުގެ މެޗުގައި އިންޑިއާ މޮޅަށް ކުޅުނީ. ގިނަ ޗާންސްތަކެއްވެސް ހޯދީ އެ ޓީމުން. އެހެންވީމަ އެޓީމް މިމެޗުން ހައްގުކަމަށް ދެކެނީވެސް." ޓޯބެން ބުންޏެވެ.
ވިޓަޖެވްސްކީ ބުނީ ޕާކިސްތާނަށް މި މުބާރާތަށް އާދެވުނީ ގިނަ ގޮންޖެހުންތަކެއް ގިރާކުރުމަށްފަހުކަމަށާއި، ވިސާ ކަންތައްތައް ހަމަޖެހުން ލަސްވުމާއި އެއާޕޯޓުގައި އެތައް އިރަކު ތިބެން ޖެހުމުގެ ސަބަބުން މި މެޗުގައި ރަނގަޅަށް ކުޅެން އުނދަގޫވިކަމަށެވެ.
ސާފް ޗެމްޕިއަންޝިޕް އޮންނަ އިންޑިއާގެ ބެންގަލޫރަށް ޕާކިސްތާނަށް އާދެވުނީ މެޗުގެ ހަ ގަޑިއެއްހާއިރު ކުރިންނެވެ.
ޓޯބެން ބުނީ ދަންވަރު ފްލައިޓުގައި ތިބެންޖެހި ކުޅުންތެރިން ރަނގަޅަށް ނިދި ނުލިބި މި މެޗަށް އައުމަކީވެސް ނަތީޖާއަށް އަސަރުކުރި ކަމެއްކަމަށެވެ.
"ވިސާ ކަންތަކުގައި އުނދަގޫތަކެއް ދިމާވި. އެއާޕޯޓުގައިވެސް އެތައް އިރަކު ތިބެންޖެހުނު. އެހެންވީމަ ތިމީހުންނަށްވެސް އިނގޭނެ މި މެޗަށް އަހަރުމެން ނިކުތީ ކޮން ހާލަތެއްގައިކަން. ވަރަށް އުނދަގޫ ހާލަތެއްގައި ކުޅެން ޖެހުނު މެޗެއް މިއީ. އެކަމަކު މި ހާލަތު ބަދަލުކުރެވޭކަށް ނެތް މިގޮތަށް ހޭނި އަހަރުމެން ކުޅެން ޖެހޭނީ." ޓޯބެން ބުންޏެވެ.
ޕާކިސްތާނުގެ އަސްލު ފެންވަރަކީ މިއީ ނޫންކަން ފާހަގަކުރަމުން އޭނާ ބުނީ ޕާކިސްތާންގެ ހުނަރުވެރި ކުޅުންތެރިންގެ ފެންވަރު ދައްކާލަން ކުރިއަށްހުރި މެޗުތަކުގައި މަސައްކަތްކުރާނެ ކަމަށާއި، ކުރިއަށް އޮތް ދެ މެޗަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށް ޓޯބެން ވަނީ ބުނެފަ އެވެ.
"އަހަރުމެން އެބަޖެހޭ އަހަރުމެންގެ ފެންވަރު ދައްކަން. މުބާރާތުގެ ކުރިއަށްހުރި މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެން އެބަޖެހޭ. އަހަރުމެންގެ ކުޅުންތެރިންގެ ހުނަރުވެރިކަން ދެން އޮތް މެޗުގައި ދެއްކޭނެ ކަމަށް މި ބަލަނީ. ރަނގަޅަށް ރެސްޓުކުރުން މިހާރު މުހިންމީ. ދެން އަންނަ މެޗަށް ފުރިހަމައަށް ތައްޔާރުވާނަން." ޓޯބެން ބުންޏެވެ.
އެހެން ޓީމްތަކެކޭ އެއްގޮތަށް ކުރީ ބައިގައި ބެންގަލޫރަށް އާދެވުނު ނަމަ ނަތީޖާ ތަފާތުވާނެ ކަމަށް ވެސް ކޯޗު ޓޯބެން ބުންޏެވެ. އެހެންނަމަވެސް، އުނދަގޫ ހާލަތެއްގައި ޕާކިސްތާންގެ ފުޓްބޯޅަ ފެޑެރޭޝަނުންނާއި ކުޅުންތެރިން އަދި އޮފިޝަލުން ކުރި މަސައްކަތް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.
ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ކުޅޭ ދެ ވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ކުވެއިތާ ދެކޮޅަށެވެ. ކުވެއިތު ވަނީ އިއްޔެ ހަވީރު ނޭޕާލް އަތުން 3-1 އިން މޮޅުވެފަ އެވެ.
Comment