4 އޮކްޓޯބަރު 2023 - 12:11 0
ސްޓެފެން ކޮންސްޓަންޓިން: ހާލަތު ގޯސްވާނަމަ ޕާކިސްތާން ޓީމުގެ ކޯޗުކަން ރަސްމީ މެޗަކަށް ނުނިކުމެ ވެސް ދޫކޮށްލަފާނެ.
4 އޮކްޓޯބަރު 2023 - 12:11 0
އިސްލާމްއާބާދު، ޕާކިސްތާން (އޮކްޓޫބަރު 4) - ޕާކިސްތާން ގައުމީ ފުޓްބޯޅަ ޓީމަށް ހަމަޖައްސައިދީފައިވާ ވަސީލަތްތަކުގެ ފެންވަރު ދަށްކަމަށް ބުނެ، އެ މަގާމާ ދާދި ފަހުން ހަވާލުވި ކޯޗު ސްޓެފެން ކޮންސްޓަންޓިން މަގާމު ދޫކޮށްލަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ނޭޕާލް ގައުމީ ޓީމަށް ނުވަ ދިހައިގެ ފަހުކޮޅުގައި ކޯޗުކޮށްދިނުމަށް ފަހު، އޭގެ ފަހުން، އިންޑިއާގެ ކޯޗުކަމާ ދެ ފަހަރެއްގެ މަތިން ހަވާލުވި އިނގިރޭސި ކޯޗު، ކޮންސްޓަންޓިން، 60، ޕާކިސްތާންގެ ކޯޗުގެ މަގާމަށް ހަމަޖެއްސީ މިދިޔަ މަހުގެ 30 ވަނަ ދުވަހު (މީގެ ހަތަރު ދުވަސް ކުރިން) އެވެ.
ޕްރޯ ސްޕޯޓް އަށް ދިން އިންޓަވިއުއެއްގައި ކޮންސްޓަންޓިން ވަނީ ޕާކިސްތާންގައި ހުރި ފުޓްބޯޅަ ފެސިލިޓީތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެ ގޮތުން، ޓްރެއިނިން ދަނޑުތަކާއި ކުޅުންތެރިންގެ އެކޮމަޑޭޝަން ބްލޮކްތަކާއި ލިބޭ ކާނާގެ ކަންކަމާ މެދު ކޮންސްޓަންޓިން ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.
"މި ވަރުގެ ދަށް އިންތިޒާމެއް އަހަންނަށް ނުފެނޭ. ނުވަދިހައިގެ އަހަރުތަކުގައި ވެސް މި އަށް ވުރެ ހާލަތު ރަނގަޅު،" ކޮންސްޓަންޓިން ބުންޏެވެ.
ހާލަތު ރަނގަޅުވަމުން ނާންނާތީ، ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަން ހިންގުމާ ހަވާލުވެ ތިބި ނޯމަލައިޒިން ކޮމިޓީ މެމްބަރުން ގާތުގައި ކޮންސްޓަންޓިން ވަނީ އޭނާ އެނބުރި ގައުމަށް ދާން ޓިކެޓް ނަގަން އަންގައިފަ އެވެ. އެކަަމަކު، ނޯމަލައިޒިން ކޮމިޓީން މިހާރު އަންނަނީ ކޮންސްޓަންޓިންގެ އެދުމަށް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރަމުންނެވެ.
ކޮންސްޓަންޓިން ވަނީ 1999-2001 އަށް ނޭޕާލްގެ ކޯޗަކަށް މަސައްކަތްކޮށްފަ އެވެ. އޭގެ ފަހުން، 2002-2005 އަށް އިންޑިއާ އަށް ކޯޗުކޮށްދިނުމަށް ފަހު އެ ޓީމު ދޫކޮށްލި ނަމަވެސް ދެ ވަނަ ފަހަރު އިންޑިއާ އިން އެދުމުން 2015-2019 އަށް އެ ޓީމަށް ކޯޗުކޮށްދިނެވެ. އިންޑިއާ ގޮވައިގެން އޭޝިއަން ކަޕްގައި ވެސް ވާދަކުރި ކޮންސްޓަންޓިން ވަނީ މަލާވީ، ސޫދާން އަދި ރުވާންޑާ އަށް ވެސް ކޯޗުކޮށްދީފަ އެވެ.
ޕާކިސްތާނުން ދެން އެންމެ އަވަހަށް ކުޅެން ޖެހޭނީ ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ކެމްބޯޑިއާއާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ. ކަންތައްތައް ހިނގަމުން އަންނަ ގޮތަށް ބަލާއިރު، އެ މެޗުގެ ކުރިން ވެސް ކޮންސްޓަންޓިން މަގާމުން ދުރުވުމުގެ ފުރުސަތު އެބައޮތެވެ.
Comment