Advertisement

ލީގެއް ނެތި ޕާކިސްތާން ފުޓްބޯޅަ އަށް ކުރިމަގެއް ނެތް: ކޮންސްޓަންޓިން

26 މާރިޗު 2024 - 07:02 0

ޕާކިސްތާންގެ ކޯޗު ސްޓެފަން ކޮންސްޓަންޓިން: ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ވާހަކަ ދައްކަނީ،---


ލީގެއް ނެތި ޕާކިސްތާން ފުޓްބޯޅަ އަށް ކުރިމަގެއް ނެތް: ކޮންސްޓަންޓިން

26 މާރިޗު 2024 - 07:02 0

އިސްލާމްއާބާދު، ޕާކިސްތާން (މާޗް 26) - ފެންވަރު ރަނގަޅު ލީގެއް ނެތި ޕާކިސްތާންގެ ގައުމީ ޓީމާއި އެ ގައުމުގެ ފުޓްބޯޅަ އަށް ވެސް ކުރިމަގެއް ނެތް ކަމަށް ޕާކިސްތާން ގައުމީ ޓީމާ ހަވާލުވެ ހުރި އިނގިރޭސި ކޯޗު، ސްޓެފަން ކޮންސްޓަންޓިން ބުނެފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޕާކިސްތާން ގައުމީ ޓީމާ ހަވާލުވި، އިންޑިއާ އާއި ނޭޕާލްގެ ކުރީގެ ކޯޗު ކޮންސްޓަންޓިން އަންނަނީ ޕާކިސްތާންގެ ފުޓްބޯޅައިގެ ވަސީލަތްތައް ހުރި ގޮތާ މެދު އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެންމެ ފުރަތަމަ މަގާމާ ހަވާލުވިއިރު، ޕާކިސްތާން ފުޓްބޯޅައިގެ ހާލަތު އޮތްގޮތުން، ކަންކަން ބަދަލުނުވާނަމަ މަގާމުން އިސްތިއުފާދޭން ކޮންސްޓަންޓިން ނިންމި އެވެ. އެކަމަކު، ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަނުން ކަންކަން ބަދަލުކުރުމުން އޭނާ މަޑުކުރީ އެވެ.

ކޮންސްޓަންޓިންގެ އިރުޝާދުގެ ދަށުން ޕާކިސްތާނުން ވަނީ ކެމްބޯޑިއާ ބަލިކޮށް، 2026 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ އޭޝިއާ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފަ އެެވެ. މިއީ، ފާއިތުވި 10 ވަރަކަށް އަހަރަށް ބަލާއިރު ޕާކިސްތާން ފުޓްބޯޅަ އަށް ބޮޑު ކުރިއެރުމެކެވެ.

ވޯލްޑް ކަަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި މިހާތަނަށް ޕާކިސްތާނުން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ސައުދީ އަރަބިއްޔާ އަތުން 4-0 އިން ބަލިވިއިރު، ތަޖިކިސްތާން އަތުން ވަނީ 6-1 އިން ބަލިވެފަ އެވެ. އަދި ޖޯޑަން އަތުން ބަލިވީ 3-0 އިންނެވެ. ތަޖިކިސްތާނާއި ޖޯޑަން އަތުން ބަލިވީ އަމިއްލަ ގައުމުގަ އެވެ.

"ކޮލިފައިންގައި މި ނުކުންނަ ނަތީޖާތަކުން މި ފެންނަނީ ހަގީގީ މަންޒަރު. މިއީ މި ގައުމުގެ ފުޓްބޯޅަ ބަދަލުވާން ޖެހޭކަން އަންގައިދޭ ސަބަބުތައް. އެންމެ ފުރަތަމަ ކަމަކަށް އަހަރެމެން ރަނގަޅު ލީގެއް ގައުމުގައި ބާއްވަންވީ، އޭގެއިން ޓީމެއް އަންނާނީ، ލީގެއް ނެތި ފުޓްބޯޅައިގައި ކުރިމަގެއް ނެތް،" ޖޯޑަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކޮންސްޓަންޓިން ބުންޏެވެ.

އޭނާ ބުނީ ޕާކިސްތާންގައި ކްރިކެޓްގެ ގައުމީ ޓީމު ވަރުގަދަ ކުރަން ލީގެއް ކުޅޭ އުސޫލުން، ފުޓްބޯޅަ ޓީމު ރަނގަޅު ކުރަން ވެސް ބޮޑު އިންވެސްޓްތައް ކޮށްގެން ލީގެއް ކުރިއަށްދާން ޖެހޭ ކަމަށެވެ.

ޕާކިސްތާން ފުޓްބޯޅަ އަށް ވޭތުވެދިޔަ އަހަރުތަކުގައި އެންމެ ބޮޑު ހުއްޓުމެއް އަންނަން ދިމާވި ސަބަބަކީ، އެކި ފަހަރު މަތިން އެ ގައުމުގެ ފުޓްބޯޅަ ސަސްޕެންޑް ކުރަން ފީފާ އިން ނިންމާފައިވުމެވެ. އެ ގޮތުން، ފީފާ އިން ޕާކިސްތާން ފުޓްބޯޅަ ސަސްޕެންޑްކޮށްފައިވާ އެންމެ ބޮޑު ސަބަބަކީ ތިން ވަނަ ފަރާތުގެ ނުފޫޒު އެ ގައުމުގެ ފުޓްބޯޅަ ހިންގުމުގައި ފޯރާތީ އެވެ. އެ ގައުމުގެ ފުޓްބޯޅައިގެ ދެ ފެކްޝަނެއްގެ މައްސަލަޔާއި ސުޕްރީމް ކޯޓުން ފުޓްބޯޅަ ފެޑެރޭޝަންގެ ކަންކަމަށް ނުފޫޒު ފޯރުވާފައިވާތީ ވެސް މީގެ ކުރިން ސަސްޕެންޑްކޮށްފައިވެ އެވެ.

ފުޓްބޯޅައިގައި އަލުން ޕާކިސްތާނުން ފައިތިލަ ސާބިތުކުރަން ކުރާ މަސައްކަތުގައި އެކި ގައުމުތަކުގައި ތިބި ޕާކިސްތާނަށް ނިސްބަތްވާ ކުޅުންތެރިން ގައުމީ ޓީމަށް ކުޅެން އަންނަނީ ފުރުސަތު ދެމުންނެވެ. އެ ގޮތުން، މިހާރު ވެސް އިންގްލެންޑާއި ޑެންމާކް އަދި ޖަރުމަނުގައި ކުޅެމުން އަންނަ ކުޅުންތެރިން ޕާކިސްތާން ޓީމުގައި ހިމެނެ އެވެ.