Advertisement

މެންބަރު އަހުމަދު ރަޝީދު އެމްޑީޕީން ވަކިވެއްޖެ

21 ޖޫން 2023 - 14:22 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު، ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭނުގައި؛ ރައީސް ނަޝީދާއެކު މެންބަރު ރަޝީދު ވެސް އެމްޑީޕިން ވަކިވެއްޖެ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


މެންބަރު އަހުމަދު ރަޝީދު އެމްޑީޕީން ވަކިވެއްޖެ

21 ޖޫން 2023 - 14:22 0

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (އަރާއިރު ރަޝީދު) އެމްޑީޕީން ވަކިވި ކަމުގެ ސިޓީ އެ ޕާޓީއަށް ފޮނުވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް އެޑްރެސް ކުރައްވައި އެ ޕާޓީން ވަކިވި ސިޓީ ޓްވިޓާ މެދުވެރިކޮށް އަހުމަދު ރަޝީދު ފޮނުވިކަން ހާމަކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ޕާޓީން ވަކިވި ކަން ހާމަކުރެއްވިތާ އިރުކޮޅެއްވި ތަނާ އެވެ.

ނަޝީދު އަދި އަހުމަދު ރަޝީދު އެމްޑީޕީން ވަކިވިއިރު، ނަޝީދުގެ އިރުޝާދުގެ ދަށުން "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޕާޓީ އުފައްދަން ބޭނުންވާ ގާނޫނީ އަދަދަށް ފޯމު ހުށަހަޅާފައިވާއިރު މިހާރު ދަނީ އެ ފޯމުތަކުގެ ސައްހަކަން އިލެކްޝަންސް ކޮމިޝަނުން ބަލަމުންނެވެ.

އެމްޑީޕީގެ 12 މެންބަރަކު އެ ޕާޓީން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށީ، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަކިކުރުމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމުމާއެކުގަ އެވެ. އާޒިމް ވަކިކުރަން ނިންމީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ވާދަވެރި ޕާޓީތަކުން ރައްޔިތުންގެ މަޖިލިހަށް ވެއްދި ގަރާރުގައި އާޒިމް ސޮއިކުރެއްވުމުންނެވެ.

އެހެން ނަމަވެސް މިއަދާ ހަމައަށް ނަޝީދު އެމްޑީޕީގައި މަޑުކުރައްވައިގެން ހުންނެވި އެވެ. ރައްޔިތުންގެ މަޖިލިހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފެރެންސެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީގައި މަޑުކުރައްވައިގެން ހުންނެވި ސަބަބަކީ އެ ޕާޓީން އަލުން ހޯދުމަށް ކަމަށެވެ.

ނަޝީދުގެ އިސްވެ ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ވާދަވެރިންނާ ގުޅިގެން ކުރައްވަމުން ދަނިކޮށް، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީން މަޖިލިހަށް ވެއްދި އެވެ. އެ ގަރާރުގައި އެމްޑީޕީގެ 50 މެންބަރުން ސޮއިކުރައްވާފައިވާއިރު، ސޮއިނުކުރައްވާ ފަސް މެންބަރުންގެ ތެރޭގައި އަހުމަދު ރަޝީދު ހިމެނެ އެވެ.

ނަޝީދަކީ އެމްޑީޕީ އުފައްދަން 2003 ވަނަ އަހަރު ސަރުކާރަށް ޕެޓިޝަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެކަކެވެ. ނަޝީދަކީ އެ އެމްޑީޕީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ޓިކެޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ.

ދެހާސްތޭރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ނަޝީދެވެ. 2018 ވަނަ އަހަރު ވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ކެންޑިޑޭޓަކަށް އިންތިހާބުވި ނަމަވެސް އޭރު ނަޝީދު ޖަލު ހުކުމެއްގައި ހުންނެވުމުން، ސޯލިހަށް ޓިކެޓު ދިނުމަށް އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ނިންމި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމްޑީޕީގެ އެތެރޭގެ ބާރު އޮތީ ސޯލިހަށެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް އަދި އެމްޑީޕީގެ އެންމެ އިސް ގުނަން ކަމަށް ގައުމީ މަޖިލިހުގެ ބާރު ވެސް ރައީސް ސޯލިހަށް އޮތް އިރު އެމްޑީޕީގެ އެތެރޭގެ ހުރިހާ އިންތިހާބުތަކެއް ކާމިޔާބުކުރީ ރައީސް ސޯލިހުގެ ފަޅިންނެވެ.

ޖެނުއަރީ 28، ގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ނާކާމިޔާބުވެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ސޯލިހެވެ.