21 ޖޫން 2023 - 10:43 0
މުހައްމަދު އުޝާމް
21 ޖޫން 2023 - 10:43 0
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިރުޝާދާއެކު އުފައްދަވާ "ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީ އުފެއްދުމަށް ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސްކޮށް ނިމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދުގެ ސަޕޯޓަރުން އުފައްދަވާ ދި ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން އިލެކްޝަންސް އިން މީގެ ކުރިން ބުދަ ދުވަހު ވެސް އެ ކޮމިޝަންގެ ކުއްލި ބައްދަލުވުމެއް ބާއްވާފައިވެ އެވެ.
ނަމަވެސް ކޮމިޝަންގެ ހަތަރު މެންބަރަކު ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ޑިމޮކްރެޓްސްއަށް ޕާޓީ ރަޖިސްޓްރީކުރުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށް ވޯޓު ދެއްވީ ދެ މެންބަރެކެވެ. އެހެންވެ އެ ދުވަހު އެ ކަން ކުރަން ފާހެއް ނުވެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު "އަދަދު" ނޫހަށް މިއަދު ވިދާޅުވީ ފޯމުތައް ބަލައި ނިމިފައިވާއިރު އެންޓާ ކުރުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ. އެހެންކަމުން މިއަދު ކޮމިޝަންގެ މެންބަރުންގެ ބައްދަލުވުމެއް ބާއްވަން މަަސައްކަތް ކުރައްވާ ކަމަށެވެ.
"މިއަދު 10:30 އަށް ބައްދަލުވުމަށް ކޮމިޝަންގެ މެންބަރުންނަށް ނޯޓިސް ފޮނުވާފައިވާނެ،" ފުއާދު ވިދާޅުވި އެވެ.
އެންމެ ފަހުން ބޭއްވި ކުއްލި ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ ފުއާދުގެ އިތުރުން ނައިބު ރައީސް އިސްމާއިލް ހަބީބާއި މެމްބަރު އަލީ ނަޝާތާއި މުހައްމަދު އާސިފެވެ. އެ ކޮމިޝަނުގެ މެމްބަރު ޑރ. މުހައްމަދު ޒާހިރު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރަން މައްކާއަށް ވަޑައިގެންނެވެ. ވޯޓް ނުދެއްވީ އާސިފާއި ނަޝާތެވެ.
އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ 3.1 އަދި 3.2 ގައި ބުނެފައި ވަނީ "ކޮމިޝަނުން ނިންމަންޖެހޭ ކަންކަން ނިންމަންވާނީ ކޮމިޝަނުގެ ޖަލްސާއަކުން ފާސްކޮށްގެން" ކަމަށާއި "ކޮމިޝަނުގެ ޖަލްސާއަކުން ކަމެއް ފާސްކުރަންވާނީ ޖަލްސާއަށް ހާޒިރުވެ ވޯޓުދިން މެމްބަރުން އަގުލަބިއްޔަތުން" ކަމަށެވެ. ކޮމިޝަނުގެ ޖަލްސާއެއްގެ ކޯރަމަކީ ތިން މެމްބަރުންނެވެ.
ޑިމޮކްރެޓްސް ރަޖިސްޓްރީ ނުކޮށްދޭން ވޯޓު ދިން ދެ މެމްބަރުން ބޭނުންވަނީ ފަސް މުވައްޒަފުންގެ ކޮމެޓީއެއް އެކުލަވާލުމަށްފަހު އަލުން ފޯމުތައް ޗެކް ކުރުމަށެވެ. އެއީ އެ ފޯމުތައް ޕްރޮސެސް ކުރަން ކޮމިޝަނުގެ ރައީސް ނުފޫޒެއްގެ ދަށުގައި ހުންނަވާ މަސައްކަތް ކުރައްވާ ކަމަށް ޝައްކު ކުރެވޭތީ ކަމަށް އެ މެމްބަރުން ބުނެ އެވެ. އެގޮތުން، ކަމާ ނުގުޅޭ މުވައްޒަފުން ލައްވައި ޑިމޮކްރެޓްސްގެ ފޯމުތައް ޕްރޮސެސް ކުރަން ފުއާދު މަސައްކަތް ކުރައްވާ ކަމަށް އެ ދެ މެމްބަރުން ތުހުމަތު ކުރެ އެވެ.
ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9، ގައި ބާއްވަން ނިންމާފައިވާއިރު އެމްޑީޕީގައި މަޑުކޮށްގެން ހުންނެވި ނަޝީދު އުފައްދަވަން މަސައްކަތް ކުރާ ޕާޓީން ކެންޑިޑޭޓެއް ނެރޭނެ ކަމަށް ވަނީ ބުނެފަ އެވެ. އެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ ނަޝީދު ބަލިކޮށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
Comment