21 ޖޫން 2023 - 00:45 0
އިސްމާއީލް އަޒްމީން
ފައިވް ނޭޝަންސް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގެ ފަހު ސިކުންތުގައި ނޭޕާލް ބަލިކުރުމަށްފަހު ބޫޓާނުން އުފާފާޅުކުރަނީ - ފޮޓޯ: އިސްމާއިލް އަޒްމީން/އަދަދު
21 ޖޫން 2023 - 00:45 0
"ބަޒާ ބީޓާ" އަކުން ނޭޕާލް ބަލިކޮށް، މާލޭގައި މިހާރު ކުރިއަށްދާ ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުން ބޫޓާން ޖާގަ ހޯދައިފި އެވެ.
ފައިވް ނޭޝަންސް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި ނޭޕާލް އާއި ބޫޓާން ވާދަކުރި މެޗުން ބޫޓާން މޮޅުވީ 61-60 ޕޮއިންޓުންނެވެ. މި މެޗުން ބޫޓާން މޮޅުވީ ފަހު ސިކުންތާ ހަމައަށް 60-58 އިން ނޭޕާލް ލީޑުގައި އޮއްވައި، ބޫޓާނުން ވައްޓާލި ތުރީ ޕޮއިންޓާ އެކުގަ އެވެ. މެޗުގެ އެންމެ ފަހު ވަގުތު ނޭޕާލުން ޑިފެންސް ކުރަން މަސައްކަތްކުރި ބޯޅަ ހޯދައި "ބަޒާ ބީޓާ" އެއް ވައްޓާލައި ބޫޓާން މެޗުން މޮޅުކޮށްދިނީ ސޯނަމް ޝެރިން ޖައްޓޫ އެވެ.
މިއީ ބޫޓާން ސަރަހައްދީ ފައިނަލަކުން ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ. ފައިވް ނޭޝަންސް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ބޫޓާން ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރޭގަނޑު 8:30 ގަ އެވެ.
މިއަދުގެ މެޗު ފަށައިގެން ރަނގަޅަށް ކުޅެ ފުރަތަމަ ލީޑު ނެގީ ނޭޕާލުންނެވެ. ނަމަވެސް ގާތް ގާތުގައި ރަނގަޅު ޑިފެންސްތަކެއްކޮށް ފުރަތަމަ ކުއާޓާ ނިމުމުގެ ކުރިން ބޫޓާނުން ލީޑު ނެގި އެވެ. އެ ޓީމުން ފުރަތަމަ ކުއާޓާ ނިންމާލީ 16-11 އިން ކުރީގައި އޮވެގެންނެވެ. ދެ ވަނަ ކުއާޓާ ފަށައިގެން ނޭޕާލުން ކުޅުން ވަރުގަދަ ކުރި އެވެ. ބޭރުން ތުރީ ޕޮއިންޓްތަކެއް ސްކޯކޮށް އެ ޓީމުން މި ކުއާޓާ ނިންމާލީ އެއް ޕޮއިންޓްގެ ލީޑުގައި އޮވެ އެވެ.
ފައިވް ނޭޝަންސް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި ނޭޕާލާއި ބޫޓާން ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ތިން ވަނަ ކުއާޓާގައި ވެސް ދެ ޓީމު ފެނުނީ ވަރަށް ވާދަވެރިކޮށެވެ. މި ކުއާޓާ ނިމުނުއިރު، ނޭޕާލް އޮތީ ދެ ޕޮއިންޓުން ލީޑުގަ އެވެ. ފަހު ކުއާޓާގައި ނޭޕާލުން ހަތަރު ޕޮއިންޓްގެ ލީޑެއް ވެސް ނެގި އެވެ. ނަމަވެސް ބޫޓާނުން ދޫ ނުދީ އެންމެ ފަހު ވަގުތާ ހަމައަށް ހިތްވަރުކޮށް ފަހު ސިކުންތުގައި ތުރީ ޕޮއިންޓެއް ޖަހައި، އެންމެ ޕޮއިންޓެއްގެ ތަފާތުން މެޗު ކާމިޔާބުކުރި އެވެ.
މި މެޗުގައި ބޫޓާން ޓީމު ފެނުނީ އެންމެ ކުޅުންތެރިއަކަށް ވުރެ ޓީމެއްގެ ގޮތުގައި ވާދަވެރިކޮށެވެ. އެ ގޮތުން ސްކޯރިންއަށް ބަލާއިރު، ގިނަ ކުޅުންތެރިންތަކެއް ސްކޯކުރި އެވެ. ތަފާތު ބޮޑުކޮށް ސްކޯކުރި ކުޅުންތެރިއެއް ނެތެވެ. އެންމެ ގިނަ ޕޮއިންޓް ސްކޯކުރީ 11 ޕޮއިންޓް ހޯދައިދިން ފުންޓްސޯ ރަބްގޭ އެވެ. މީގެ އިތުރުން ތަޝީ ތެންދާރު 10 ޕޮއިންޓް ސްކޯކޮށްދިނެވެ.
ނޭޕާލް ޓީމަށް ބަލާއިރު ޒުވާން ތަރި އަޔުޝް ސިންގް މޮޅަށް ކުޅެ 20 ޕޮއިންޓް އެއްކޮށްދިނެވެ. ބެންޗުން އަރާ އަޝިމް ޝްރެސްތާ 14 ޕޮއިންޓް ސްކޯކޮށްދިނެވެ.
Comment