19 ޖޫން 2023 - 13:33 1
މި ފަހަރުގެ ފައިވް ނޭޝަންސް ކަޕްގައި ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުވައިލިދު ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
19 ޖޫން 2023 - 13:33 1
ފައިވް ނޭޝަންސް ޗެމްޕިއަންޝިޕުން ކެޓި ނަމަވެސް ޓީމަށް އިތުރު ތަޖުރިބާ ހޯދައިދިނުމަށް މުބާރާތުގެ ސެމީ ފައިނަލުން ބަލިވާ ދެ ޓީމާއިއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ނިންމައިފި އެވެ.
ފަސް ގައުމާ އެކު މިމަހުގެ 14 ވަނަ ދުވަހު ފެށި ފައިވް ނޭޝަންސް ޗެމްޕިއަންޝިޕުން ރާއްޖެ ކެޓީ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުން ވެސް ބަލިވުމުންނެވެ. ސެމީ ފައިނަލުން ޖާގަ ހޯދީ ޕާކިސްތާން، ނޭޕާލް، ބަންގްލަދޭޝް އަދި ބޫޓާން އެވެ. ސެމީ ފައިނަލް މެޗުތައް ކުޅޭނީ މާދަމާ އެވެ.
ނޭޕާލް އަތުން ރާއްޖެ ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގައުމީ ޓީމްގެ ކޯޗު މުހައްމަދު ޒިލާލް (ޒިލާ) ބުނީ ގައުމީ ޓީމަށް އާ ކުޅުންތެރިން އަންނަން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށާއި، މިހާރު ތައްޔާރުވަމުން އަންނަނީ އެ ބަދަލަށް ކަމަށެވެ. މި މުބާރާތުގެ މެޗުތަކުގައި އާ ކުޅުންތެރިން ނުކުމެ ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް ދައްކާފައިވާ ކަމަށާއި، އެންމެ ބޮޑު ހިތްވަރަކީ ކޯޗުންގެ އިރުޝާދާ އެއްގޮތަށް ކުޅުންތެރިން ކުރާ މަސައްކަތް ކަމަށެވެ.
ޕާކިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން ގައުމީ ޓީމުގެ ކޯޗު ޒިލާ ޓީމަށް ބުނެދެނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ނޭޕާލް އަތުން ބަލިވީ ވެސް އެއް ކަމެއް ތަކުރާރުވެގެން ކަމަށާއި މިދިޔަ ތިން މެޗުގައިވެސް ރާއްޖެ އަށް ދިމާވި މައްސަލަކީ ފެށުން ގޯސްވުން ކަމަށާއި ހުރިހާ މެޗެއްގަ އިވެސް ރާއްޖެއިން ފަހަތުން އަރާ ބޮޑު ލީޑެއް އަތުލަން ޖެހުމުން އެކަމުގެ ސަބަބުން ޓީމަށް އަސަރުކުރި ކަމަށެވެ. ނަމަވެސް، ރޭގެ މެޗުގައިވެސް ބޮޑު ތަފާތެއް އޮއްވާ ފަަހަތުން އަރާ ސްކޯކައިރިކޮށް ޓީމުން ދެއްކި ހިތްވަރު އޭނާ ފާހަގަކުރި އެވެ.
"މި މެޗުގައި ވެސް މި ދިމާވީ އެއް މައްސަލައެއް. ފެށުން ދަށްކޮށްދިޔައީ. ބޭނުންވާ ގޮތަށް ހަމަ އެބަ ކުޅެވޭ އެކަމަކު ފަށާކޮޅު ތަންކޮޅެއް ދަށްކޮށް މިދަނީ." ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން ބުންޏެވެ.
ޒިލާ ބުނީ މި އަހަރު ފިރިހެން ބާސްކެޓްބޯޅަ ޓީމަށް އޭޝިއަން ގޭމްސް އޮތުމާ އެކު އެ މުބާރާތަށް ތައްޔާރުވުމަށް ފައިވް ނޭޝަންސް ޗެމްޕިއަންޝިޕުން ގިނަ ފައިދާތަކެއް ކުރި ކަމަށެވެ.
މި މުބާރާތުގެ ސެމީ ފައިނަލުން ބަލިވާ ދެ ޓީމާ އެކު އެކުވެރިކަމުގެ މެޗުތައް ކުޅެނީވެސް ޓީމަށް ގެންނަން ބޭނުންވާ ބަދަލުތައް ދެނެގަނެ ގައުމީ ޓީމް މުސްތަގްބަލްގައި ލީޑު ކުރާނެ ކުޅުންތެރިން ފާހަގަކުރުމަށްކަމަށް އޭނާ ބުނެފައިވެ އެވެ.
"އެ މެޗުތަކަށް އާ ކުޅުންތެރިންތަކެއް އަންނާނެ. ސެމީން ކަޓާ ޓީމާ އެއްކޮށް އަޅުގަނޑުމެންގެ ޒުވާން ކުޅުންތެރިންނާއެކު މެޗުތަކެއް ކުޅޭނެ. އެމެޗުތަކުން ދެނެގަންނާނެ ދެން ކޮން ކުދިންނެއްކަން ޤައުމީ ޓީމަށް އަރާ ލީޑްކުރަންތިބީ. ގައުމީ ޓީމް ކުރިމަގަށް ބައްޓަންކޮށްލަން މި މެޗުތަކުގެ ބޭނުން ހިފޭނެ" ޒިލާ ބުންޏެވެ.
ޒިލާ ވަނީ ފައިވް ނޭޝަންސް ޗެމްޕިއަންޝިޕަކީ ސަރަހައްދީ މުބާރާތްތަކުގައި ވާދަކުރަން ބަލާއިރު ދިވެހި ޓީމުން ރަނގަޅު ކުރަން ހުރި ކަންކަން ދެނެގަންނަން ލިބުނު ރަނގަޅު ފުރުސަތެއްކަމަށެވެ.
Comment