Advertisement

ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް: ޕާކިސްތާން ބަލިކޮށް ބަންގްލަދޭޝް ފައިނަލަށް

20 ޖޫން 2023 - 20:20 0

ބަންގްލަދޭޝް ކުޅުންތެރިން ޕޮއިންޓް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް: ޕާކިސްތާން ބަލިކޮށް ބަންގްލަދޭޝް ފައިނަލަށް

20 ޖޫން 2023 - 20:20 0

ޕާކިސްތާން ބަލިކޮށް ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުން ބަންގްލަދޭޝް ޖާގަ ހޯދައިފި އެވެ.

ފަސް ގައުމާ އެކު މި މަހުގެ 14 ވަނަ ދުވަހު ފެށި މުބާރާތުގެ ފައިނަލުން ބަންގްލަދޭޝް ޖާގަ ހޯދީ މިއަދު ހަވީރު ކުޅުނު ސެމި ފައިނަލް މެޗު 79-65 އިން ކާމިޔާބު ކޮށްގެންނެވެ. މިއަދު، ބަންގްލަދޭޝް މޮޅުވި ނަމަވެސް ލީގު ބުރުގައި މި ދެ ޓީމު ކުޅުނު މެޗު 19 ޕޮއިންޓްގެ ތަފާތުން ކާމިޔާބުކުރީ ޕާކިސްތާނެވެ.

މިއަދު ކުޅުނު މެޗު ފަށައިގެން ބަންގްލަދޭޝުން ބޮޑު ލީޑެއް ނެގި އެވެ. މި ލީޑު ދެ ވަނަ ކުއާޓާ ނިމުނުއިރު ދެ ޕޮއިންޓަށް ޕާކިސްތާނުން ކައިރިވެސް ކުރި އެވެ. ފުރަތަމަ ދެ ކުއާޓާގައި ބަންގްލަދޭޝުން އެންމެ ބޮޑަށް ތަފާތު ދެއްކީ ކެޕްޓަން މިތުން ކުމާރު ބިސްވާސް އެވެ. ފުރަތަމަ ދެ ކުއާޓާ 40-36 އިން ބަންގްލަދޭޝް ކުރާގައި އޮތްއިރު މިތުން ވަނީ 18 ޕޮއިންޓް ސްކޯކޮށްފަ އެވެ.

ތިން ވަނަ ކުއާޓާ ފަށައިގެން ރަނގަޅަށް ކުޅެ، ޕާކިސްތާނުން ޕޮއިންޓަކަށް ސްކޯ ކައިރިވެސް ކުރި އެވެ. ނަމަވެސް އެ ޓީމުގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައި، އަނެއްކާވެސް ބަންގްލަދޭޝް ގާތް ގާތުގައި ގިނަ ސްކޯތަކެއް ކޮށް ސްކޯގެ ފަރަގު ބޮޑުކުރި އެވެ. ފަހު ކުއާޓާގައި ބަންގްލަދޭޝް ކުޅުނީ 15 ޕޮއިންޓްގެ ލީޑަކާ އެކުގަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ބަންގްލަދޭޝްގެ މިތުން އެވެ. އޭނާ ވަނީ 31 ޕޮއިންޓް އެކަނިމާއެކަނި ސްކޯކޮށްފަ އެވެ. މިތުންގެ އިތުރުން ހުސައިން ބައްޕީ 16 ޕޮއިންޓް ސްކޯކުރިއިރު، ސުލައިމާން ޓަނޫ 14 ޕޮއިންޓް ސްކޯކޮށްދިނެވެ. ޕާކިސްތާން ޓީމަށް އެންމެ ގިނައިން ސްކޯކޮށްދިނީ 17 ޕޮއިންޓް ސްކޯކުރި ޒައިނުލް ހަސަން އާއި 16 ޕޮއިންޓް ސްކޯކޮށްދިން މުހައްމަދު ޝަހުބާޒު އެވެ.

މުބާރާތުގެ ސެމީ ފައިނަލް ދެ ވަނަ މެޗުގައި ނޭޕާލް އާއި ބޫޓާން މިރޭ ވާދަކުރާނެ އެވެ.