19 ޖޫން 2023 - 13:35 0
މުހައްމަދު އުޝާމް
ވިލުފުށި ދާއިރާގެ މެންބަރު އަފީފް؛ އަފީފްގެ އެދިވަޑައިގަތުމަކަށް މިއަދު ރައީސް ސޯލިހު ބައްދަލުކުރައްވައިފި - ފޮޓޯ: މަޖިލިސް
19 ޖޫން 2023 - 13:35 0
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކުގެ ރިޔާސަތު މި ދުވަސްވަރު ބަލަހައްޓަވަމުން ގެންދަވާ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފްގެ އެދިވަޑައިގަތުމަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އޭނާއާ ބައްދަލު ކުރައްވައިފި އެވެ.
މިއަދު މެންދުރުގެ ހުސްވަގުތުކޮޅަށް މަޖިލިހުގެ ޖަލްސާ މެދުކަނޑާލުމަށް ފަހު އަފީފް ވަނީ ރައީސް އޮފީހަށް ވަޑައިގެންފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "އަދަދު" ނޫހަށް ވިދާޅުވި ގޮތުގައި އަފީފްއާ ބައްދަލުކުރެއްވީ އޭނާގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. ބެލެވޭ ގޮތުގައި އެ ބައްދަލުވުމުގައި މަޝްވަރާކުރައްވާނީ ރައްޔިތުންގެ މަޖިލިހުގެ ކަންކަމުގައި ކަމަށް މިއުވާން ވިދާޅުވި އެވެ.
"މި ވަގުތަކަށް ނެތް އަދި އޭގެ މާ ގިނަ ތަފުސީލުތަކެއް ދެވޭކަށް،" މިއުވާން ވިދާޅުވި އެވެ.
އެމްޑީޕީން ވަކިވެވަޑައިގެން، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިރުޝާދުގެ ދަށުން އުފައްދަވާ "ދަ ޑިމޮކްރެޓްސް"އާ ގުޅިވަޑައިގެންނެވި އަފީފް ބައްދަލުކުރައްވަން ރައީސް އަރިހުގައި އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލިހުގެ ބައެއް މަސައްކަތްތައް ހުއްޓިފައި ވަނިކޮށެވެ.
މަޖިލިހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް، އަދި ނައިބު ރައީސްގެ މަގާމުން އީވާ އަބްދުﷲ ވަކިކުރުމަށް އިތުބާރު ނެތް ކަމުގެ މައްސަލަތައް 50 މެންބަރަކު ސޮއިކުރައްވައި ވަނީ ވައްދައިފަ އެވެ. އޭގެ ތެރޭގައި މަޖިލިހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ 55 މެންބަރުންގެ ތެރެއިން 45 މެންބަރުން ވެސް ހިމެނެ އެވެ.
އެ މައްސަލަތައް ވައްދާފައިވަނިކޮށް ރިޔާސަތު ބަލަހައްޓަވަން އުޒުވެރިވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ނޯޓިސް ފޮނުވުމުން، މި ފަހުން ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަނީ އަފީފެވެ.
އެމްޑީޕީން 13 މެންބަރަކު ވަކިވެވަޑައިގަތުމުން ރައްޔިތުންގެ މަޖިލިހުގައި ސިޔާސީ ޕާޓީތައް ތަމްސީލްކުރެވޭ ނިސްބަތަށް އައި ބަދަލާއެކު މަޖިލިހުގައި އޮންނަ ދާއިމީ ކޮމިޓީތައް ވެސް އަލުން އެކުލަވައިލުމުގެ މަސައްކަތް ކުރަން ޖެހިފައިވެ އެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ވަކި ގޮތަކަށް އެއްބަސްނުވެވި އެ ކަން ދިގުލައިގެން ދިޔުމަށް ފަހު، ތަޅުމުން ގޮތެއް ނިންމުމަށް ވެސް އަދި އެޖެންޑާ ކޮށްފައެއް ނުވެ އެވެ.
Comment