19 ޖޫން 2023 - 09:47 0
މުހައްމަދު ނަސީމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ގޯތިތެރޭގައި އިދިކޮޅު މެމްބަރުންނާ ބައްދަލުކުރައްވަނީ. ފޮޓޯ: މުހައްމަދު ޝަހުޒާން/އަދަދު
19 ޖޫން 2023 - 09:47 0
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ޓަކައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތު ބަަލަހައްޓަވަން ވަޑައިނުގެން ހުންނަވާތީ އިމްތިޔާޒްގެ މައްސަލައެއްގެ ގޮތުގައި އެމްޑީޕީން އެ މައްސަލަ ހުށަހަޅައިފި އެވެ.
މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު ހުށަހެޅުއްވި މައްސަލާގައި ވިދާޅުވީ އީވާ ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ނަޝީދު ދެކޮޅު ހައްދަވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. އީވާ ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށް ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ދެކޮޅު ހެއްދެވި ނަމަވެސް ނަޝީދު ވަޑައިގެން މަޖިލީހުގެ އިދާރާގައި އުޅުއްވި ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް، ގަވައިދާ ހިލާފަށް އަމަލުކުރެއްވުމުގެ ސަބަބުން، މަޖިލީހުގެ ނައިބުރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅިފައި އޮތް މައްސަލައިގެ މަސައްކަތް އެޖެންޑާ ކުރެވުނު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފައި. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މިއަމަަލަކީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 180 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ފަދައިން މުޅި މަޖިލީހުގެ ހައްގަށް އަރައިގަތުން،" އިމްތިޔާޒުގެ މައްސަލަ ހުށަހަޅުއްވަމުން ޝަރީފު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ޝަރީފް ވާހަކަ ދައްކަވަނީ
އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ ތެރެއިން 37 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.
ޝަރީފު ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލައިގެ ބަހުސްގެ ފުރަތަމަ ފުރުސަތުގައި އޭނާ މަސައްކަތް ކުރެއްވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރުން ހިމެނޭ ގޮތުން މަޖިލީހަށް ހުށަހަޅާފައި ހުރި ބޮޑެތި މައްސަލަތައް ނިމެންދެން މަޖިލިސް ޗުއްޓީއަށް ނުގޮސް ދައުރު ދަންމައިލަން ހުށަހަޅުއްވާށެވެ. އެެހެން ނަމަވެސް ރިޔާސަތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ އެ މައްސަލައިގެ ތެރެއިން އެހެން މައްސަލައެއް ހުށަނޭޅޭނެ ކަމަށެވެެ.
Comment