19 ޖޫން 2023 - 08:44 0
އިސްމާއީލް އަޒްމީން
ރާއްޖެ ޓީމުގެ އަމްޒަރު ކޯޓު މަތީގައި އިށީނދެލައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
19 ޖޫން 2023 - 08:44 0
ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ނޭޕާލް އަތުން ވެސް ބަލިވެ އެއްވެސް މޮޅެއް ނުލިބު ރާއްޖެއިން މުބާރާތް ނިންމާލަން ޖެހިއްޖެ އެވެ.
ފަސް ޓީމާ އެކު މިމަހުގެ 14 ވަނަ ދުވަހު ފެށި މުބާރާތުގެ ލީގު ބުރު ނިމުނުއިރު އެއް ވަނަ ލިބުނީ ރޭ ރާއްޖެ އަތުން މޮޅުވި ނޭޕާލް އަށެވެ. ނޭޕާލަށް އެއް ވަނަ ލިބުނީ ދެ ވަނަ ހޯދި ޕާކިސްތާނާ ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ދެ ޓީމު ލީގު ބުރުގައި ކުޅުނު މެޗުން ނޭޕާލް މޮޅުވެފައި އޮތުމުންނެވެ. ތިން ވަނަ ލިބުނީ ދެ މެޗު ކާމިޔާބުކުރި ބަންގްލަދޭޝް އަށެވެ. ބޫޓާން ވެސް ދެ މެޗު ކާމިޔާބުކުރި އެވެ. ނަމަވެސް، ދެ ޓީމުގެ ކުރިމަތިލުން ބަންގްލަދޭޝް ކާމިޔާބު ކޮށްފައިވުމުން ބޫޓާނަށް ލިބުނީ ހަތަރު ވަނަ އެވެ.
މި ނަތީޖާތަކާ އެކު މާދަމާ ކުޅޭ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ ނޭޕާލާއި ބޫޓާން އެވެ. ދެ ވަނަ ސެމީގައި ޕާކިސްތާން ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.
ފައިވް ނޭޝަންސް ޗެމްޕިއަންޝިޕްގެ ލީގު ބުރުގެ ފަހު މެޗުގައި ރޭ ނޭޕާލް އަތުން ރާއްްޖެ ބަލިވީ 75-68 ޕޮއިންޓުންނެވެ. މި މެޗު ފަށައިގެން ފުރަތަމަ ކުއާޓާގައި ނެގި ބޮޑު ލީޑު މެޗުގެ އެންމެ ފަހު ވަގުތާ ހަމައަށް ނޭޕާލުން ހިފެހެއްޓި އެވެ.
ފަހު ކުއާޓާގައި ނޭޕާލުން 27 ޕޮއިންޓްގެ ލީޑެއްވެސް ނެގި އެވެ. ނަމަވެސް ރާއްޖެއިން ކުޅުން ރަނގަޅުކޮށް ފަހު ވަގުތު އެޅި ބާސްކެޓްތަކުން މެޗު ނިމުނީ ހަތް ޕޮއިންޓުން ނޭޕާލް ކުރީގައި އޮވެގެންނެވެ.
މި މެޗުގައި ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަބްދުﷲ އަމްޒަރު މުހައްމަދު އެވެ. އޭނާ ވަނީ މި މެޗުގައި 31 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. އަމްޒަރުގެ އިތުރުން ރާއްޖޭގެ އެހެން ކުޅުންތެރިއަކަށް 10 ޕޮއިންޓްވެސް ސްކޯ ނުކުރެވެ އެވެ. ނޭޕާލް ޓީމަށް ބަލާއިރު އެ ޓީމުގެ މަނީޝް މި މެޗުގައިވެސް މޮޅަށް ކުޅުނެވެ. މަނީޝް 21 ޕޮއިންޓް ސްކޯކުރިއިރު، ބިޖޭ ބުރްޖާ 13 ޕޮއިންޓް ސްކޯކޮށްދިނެވެ.
Comment