Advertisement

ހިޔުމަން ޓްރެފިކިންގެ ތުހުމަތުގައި ޕާކިސްތާނުން 10 މީހުން ހައްޔަރުކޮށްފި

ގަވާއިދާ ހިލާފަށް ޔޫރަޕަށް އެތެރެވުމުގެ ބޭނުމުގައި ދަތުރު ކުރި ބޯޓެއް. -- ފޮޓޯ: ދުންޔާ ނިއުސް


ހިޔުމަން ޓްރެފިކިންގެ ތުހުމަތުގައި ޕާކިސްތާނުން 10 މީހުން ހައްޔަރުކޮށްފި

މުޒައްފަރްއާބާދް، ޕާކިސްތާން (ޖޫން 18) - ގްރީސް ކައިރިން ބޯޓެއް ބަންޑުން ޖަހާލައި އެތައް ސަތޭކަ ބަޔަކު މަރުވެފައި ވަނިކޮށް، ހިޔުމަން ޓްރެފިކިންގެ ތުހުމަތުގައި ޕާކިސްތާނުން 10 މީހުން ހައްޔަރުކޮށްފި އެވެ.

ކޮންމެ އަހަރަކު ވެސް ޕާކިސްތާނުގެ އެތައް ހާސް ޒުވާނުން ޔޫރަޕަށް ހިޖުރަ ކުރަން މަސައްކަތް ކުރެ އެވެ. ގަވާއިދާ ހިލާފަށް އެކަން ކުރުމަށް އެހީވެދޭ ގްރޫޕުތައް އުޅެ އެވެ.

ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ބުދަ ދުވަހު ގްރީސް ކައިރިން ބަންޑުން ޖަހާލި ބޯޓުގައި ދަތުރު ކުރި ޕާކިސްތާނުގެ 300 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

އޭގެ ތެރެއިން ގިނަ މީހުން ނިސްބަތް ވަނީ ކަޝްމީރަށެވެ. ހިޔުމަން ޓްރެފިކިންގެ ތުހުމަތުގައި ހައްޔަރު ކުރި 10 މީހުންގެ ތެރެއިން ނުވަ މީހުން ހައްޔަރު ކުރީ ވެސް ކަޝްމީރުންނެވެ. ދިހަ ވަނަ މީހާ ހައްޔަރު ކުރީ ގުޖްރާތުންނެވެ.

އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ލަފާކުރާ ގޮތުގައި ބަންޑުން ޖަހާލި މަސް ބޯޓުގައި 400-750 އާ ދެމެދުގެ އަދަދަކަށް މީހުން ތިބުން އެކަށީގެންވެ އެވެ.

ހޮނިހިރު ދުވަހު ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުގެ 12 މީހުން އެ ހާދިސާގައި ސަލާމަތްވި ކަމަށެވެ. އެކަމަކު ބޯޓުގައި ތިބީ ޖުމްލަ ކިހާ އަދަދެއްގެ ޕާކިސްތާން މީހުން ކަމެއް ނޭނގެ އެވެ.

ހޯމަ ދުވަހަކީ ޕާކިސްތާނުގައި ގައުމީ ހިތާމަ ފާޅުކުރުމުގެ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާ އިރު، ހިޔުމަން ޓްރެފިކިންއާ ދެކޮޅު އޮޕަރޭޝަންތައް ވަރުގަދަ ކުރަން ވަނީ ނިންމައިފަ އެވެ.