Advertisement

ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް ބަލިކޮށް ޕާކިސްތާނުގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

18 ޖޫން 2023 - 23:00 0

ފައިވް ނޭޝަންސް ޗެމްޕިއަންޝިޕްގައި ޕާކިސްތާނާއި ބަންގްލަދޭޝް ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: އިސްމާއިލް އަޒްމީން/އަދަދު


ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް ބަލިކޮށް ޕާކިސްތާނުގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

18 ޖޫން 2023 - 23:00 0

ބަންގްލަދޭޝް ބަލިކޮށް، މާލޭގައި މިހާރު ކުރިއަށްދާ ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް، ބާސްކެޓުބޯޅަ މުބާރާތުގައި މޮޅުވުމުގެ ސިލްސިލާ ޕާކިސްތާނުން ދަމަހައްޓައިފި އެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވި ނަމަވެސް ޕާކިސްތާނުން ވަނީ ޖެހިގެން އައި ތިން މެޗުގައި މޮޅަށް ކުޅެ ތިން މެޗުވެސް ކާމިޔާބުކޮށްފަ އެވެ. ޕާކިސްތާން އަތުން މިއަދު 84-66 އިން ބަލިވި ބަންގްލަދޭޝް ލީގު ބުރުގައި ކުޅުނު ދެ މެޗުން މޮޅުވިއިރު ދެ މެޗުން ބަލިވީ އެވެ.

މިއަދުގެ މެޗު ފަށައިގެން ފުރަތަމަ ކުއާޓާ ލީޑުކުރީ ޕާކިސްތާނުންނެވެ. މި ކުއާޓާގައި އެ ޓީމްގެ އިސްކޮޅުން ދިގު ކުޅުންތެރިޔާ ޒައިނުލް ހަސަން މޮޅަށް ކުޅުނެވެ. ބަންގްލަދޭޝް ކުޅުންތެރިންނަށް ޑިފެންސްގައި ރަނގަޅަށް ނުކުޅެވުނު މި ކުއާޓާ ނިމުނުއިރު ޕާކިސްތާން ކުރީގައި އޮތީ 20-15 އިންނެވެ.

ދެ ވަނަ ކުއާޓާގައި ބަންގްލަދޭޝްއިން އަވަސް ގޭމެއް ކުޅެ ޕާކިސްތާން ހާސްކޮށްލި އެވެ. މި ގޮތުން ކެޕްޓަން މިތުން ކުމާރު ބިސްވާސް އާއި ސުލައިމާން ޓަނޫގެ ސްކޯތަކުން ފަހަތުން އަރައި، ލީޑު ހޯދި އެވެ. މި ކުއާޓާގައި ޕާކިސްތާނުން ވައްޓާލަން މަސައްކަތްކުރި ގިނަ ބާސްކެޓްތައް ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ. މި ކުއާޓާ ނިމުނީ 34-37 އިން ބަންގްލަދޭޝް ކުރީގައި އޮވެގެންނެވެ.

މެޗުގެ ނަތީޖާ އެނބުރުނީ ތިން ވަނަ ކުއާޓާގަ އެވެ. ޕާކިސްތާނުން މި ކުއާޓާގައި ކުޅެން ނެރުނު ޒިއާއު ރަހުމާން އާއި މުހައްމަދު އުމެއިރުގެ ސްކޯތަކުން ޕާކިސްތާނުން އިތުބާރު ހޯދައި، ފަރަގު ބޮޑުކުރި އެވެ. ފަހު ދެ ކުއާޓާގައި ޕާކިސްތާންގެ ޒައިން ވެސް ފެނުނީ އަނެއްކާ ވެސް ފޯމުގައި ކުޅެލިތަނެވެ.

ޕާކިސްތާނުން ގިނަ ރީބައުންޓްތަކެއް ނަގައި ގިނަ ސްކޯތަކެއް ކުރި މި މެޗު އެޓީމުން ކާމިޔާބުކުރީ 84-66 އިންނެވެ.

މެޗުގައި ޕާކިސްތާނުން އެންމެ ރަނގަޅަށް ކުޅުނީ 19 ]ޕޮއިންޓް ހޯދައިދިން ޒައިން އާއި 19 ޕޮއިންޓް ހޯދައިދިން އުމެއިރު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޕާކިސްތާންގެ އަބްދުލް ވަހަބް 16 ޕޮއިންޓް ކޮށްދިނެވެ.

ބަންގްލަދޭޝް އަށް ބަލާއިރު އެޓީމުން އެންމެ ރަނގަަޅަށް ކުޅުނީ 17 ޕޮއިންތް ސްކޯކޮށްދިން މިތުން އާއި 14 ޕޮއިންޓް ސްކޯކުރި ޓަނޫ އެވެ.