18 ޖޫން 2023 - 07:24 0
އިސްމާއީލް އަޒްމީން
ފައިވް ނޭޝަންސް ޗެމްޕިއަންޝިޕްގައި ނޭޕާލާއި ބަންގްލަދޭޝް ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
18 ޖޫން 2023 - 07:24 0
މާލޭގައި މިހާރު ކުރިއަށްދާ ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި ނޭޕާލް އަތުން ބޮޑު ތަފާތަކުން ބަންގްލަދޭޝް ރޭ ބަލިވެ، ރާއްޖެ މުބާރާތުން ކަޓައިފި އެވެ.
ލީގު ބުރުގެ އަށް މެޗުގެ ކުޅުން ނިމުނުއިރު ރާއްޖެ ފިޔަވައި ހުރިހާ ޓީމަކުންވަނީ ދެ މެޗުން މޮޅުވެފަ އެވެ. ރާއްޖެ ވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ. ފަހު މެޗުގައި، ނޭޕާލް އަތުން މިރޭ ރާއްޖެ މޮޅުވިޔަސް ރާއްޖެއަށް ސެމީގެ ޖާގައެއް ނުލިބޭނެ އެވެ. ރާއްޖެ އަށް ސެމީގެ ޖާގަ ލިބެން އޮތް ހަމައެކަނި ގޮތަކީ ބަންގްލަދޭޝް އަތުން ނޭޕާލް ބަލިވުމެެވެ. އެެހެން ނަމަވެސް، ނޭޕާލުން ވަނީ 90-61 ގެ ތަފާތަކުން ބަންގްލަދޭޝް ބަލިކޮށްފަ އެވެ.
ރޭގެ މެޗު ފަށައިގެން ބަންގްލަދޭޝް އިން ރަނގަޅަށް ކުޅެ ލީޑު ނެގި އެވެ. ނަމަވެސް ދިހަ ޕޮއިންޓްގެ ލީޑުގައި އޮވެވުނީ ކުޑައިރުކޮޅަކަށެވެ. ކުއާޓާ ނިމުމުގެ ކުރިން ނޭޕާލުން ފަހަތުން އަރާ ލީޑު ނެގި އެވެ. ފުރަތަމަ ކުއާޓާ ނިމުނީ 20-25 އިން ނޭޕާލް ކުރީގައި އޮވެގެންނެވެ.
ދެ ވަނަ ކުއާޓާގައިވެސް ބަންގްލަދޭޝް ފެނުނީ ދަށްކޮށެވެ. ނޭޕާލުން އެއްވާނެއްގައި ކުޅެ ތަފާތު ބޮޑުކުރި އެވެ. ދެ ވަނަ ކުއާޓާ ނިންމާލިއިރު ނޭޕާލް އޮތީ 50-40 އިން ލީޑުގަ އެވެ.
ފުރަތަމަ ދެ ކުއާޓާ އަށް ބަލާއިރު ބަންގްލަދޭޝުން ނަގާފައިވަނީ އެންމެ އޮފެންސިވް ރީބައުންޑެކެވެ. އަނެއްކޮޅުން އެ ޓީމުން ގިނަ ބޯޅަތަކެއް ފަރުވާކުޑަ ގޯސްތަކެއް ހަދައިގެން ގެއްލުވާލި އެވެ.
ފަހު ދެ ކުއާާޓާގައި ވެސް ނޭޕާލް ފެނުނީ ކޮންފިޑެންސާއި އިތުބާރާ އެކު ކުޅުނުތަނެވެ. ބަލިވެފައި އޮތް ދަނޑިވަޅުގައި އެއްވެސް ޓައިމްއައުޓެއް ވެސް ބަންގްލަދޭޝުން މި ހާފުގައި ނުނަގަ އެވެ. އަނެއްކޮޅުން މުހިންމު ކުޅުންތެރިން ބެންޗުގައި ބޭތިއްބުމަށް ކުޅެން ނެރެފައިވަނީ އާ ކުޅުންތެރިންނެވެ.
މެޗު 90-61 ޕޮއިންޓުން ނޭޕާލް ކާމިޔާބުކުރިއިރު މިއީ މިހާތަނަށް މި މުބާރާތުގެ އެންމެ ތަފާތު ބޮޑު ސްކޯ އެވެ. އަނެއްކޮޅުން މިއީ މިހާތަނަށް އެންމެ ވަރުގަދަކޮށް ޑިފެންސް ފެނުނު ބަންގްލަދޭޝްގެ ޑިފެންސް ވަރަށް އާދައިގެކޮށް ފެނުނު މެޗެކެވެ.
ލީގު ބުރުގެ ފަހު ދެ މެޗު ކުޅޭނީ މިއަދު އެވެ. މިއަދު ހަވީރު ބަންގްލަދޭޝް އާއި ޕާކިސްތާން ވާދަކުރާއިރު، މިރޭ ރާއްޖެ ނިކުންނާނީ ނޭޕާލާ ދެކޮޅަށެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރާ ހަތަރު ޓީމް ފައިނަލްވެފައި ވިޔަސް ސެމީގައި ޓީމްތައް ޖެހޭ ގޮތް އެނގޭނީ މިއަދު ކުޅޭ ދެ މެޗުގެ ނަތީޖާތަކުންނެވެ.
Comment