17 ޖޫން 2023 - 20:22 0
އިސްމާއީލް އަޒްމީން
17 ޖޫން 2023 - 20:22 0
ބޫޓާން އަތުން މޮޅުވެ، މާލޭގައި މިހާރު ކުރިއަށްދާ ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ޕާކިސްތާނުން ޔަގީންކޮށްފި އެވެ.
މި މަހުގެ 14 ވަނަ ދުވަހު ފެށި ފައިވް ނޭޝަންސް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ނިކުތީ ނޭޕާލާ ދެކޮޅަށެވެ. އެ މެޗުން ޕާކިސްތާން ބަލިވި ނަމަވެސް ދެ ވަނަ މެޗުގައި ރާއްޖެ އަތުން މޮޅުވެ އަދި ތިން ވަނަ މެޗުގައި ބޫޓާން އަތުން މިއަދު ވަނީ މޮޅުވެފަ އެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ މިހާތަނަށް ލިބިފައިވަނީ ޕާކިސްތާނާއި، ބޫޓާން އަދި ބަންގްލަދޭޝް އަށެވެ. ނޭޕާލް، މިރޭ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެ ނަމަ ރާއްޖެ ކަޓައި ސެމީގެ ފަހު ޖާގަ ނޭޕާލަށް ލިބޭނެ އެވެ. ރާއްޖެ އަށް ސެމީގެ ޖާގަ ލިބެން އޮތީ މިރޭ ނޭޕާލް ބަލިވެ ފަހު މެޗުގައި ރާއްޖެ އާއި ނޭޕާލް ވާދަކުރާ މެޗުން ރާއްޖެ މޮޅުވެގެންނެވެ.
ބޫޓާންގެ މައްޗަށް ޕާކިސްތާނުން ކުރިހޯދީ 76-53 އިންނެވެ. މިއީ ފައިވް ނޭޝަންސް ކަޕްގައި މިހާތަނަށް ނިމުނު ހަތް މެޗަށް ބަލާއިރު އެންމެ ތަފާތު ބޮޑުކޮށް ނިމުނު މެޗެވެ.
މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ކުއާާޓާގައި ފެނުނީ ވާދަވެރި ހަމަހަމަކުޅުމެވެ. ބޫޓާނުން މި ކުއާޓާގައި ތިން ޕޮއިންޓްގެ ލީޑެއް ނެގި ނަމަވެސް ކުއާޓާ ނިމުމުގެ ކުރިން ޕާކިސްތާނުން ނަތީޖާ ހަމަހަމަކުރި އެވެ. މިއީ މި މެޗުގައި ބޫޓާނަށް ލީޑުގައި އޮވެވުނު ހަމައެކަނި ވަގުތުކޮޅެވެ. ފުރަތަމަ ކުއާޓާ ނިމުނީ 19-19 އިން ދެ ޓީމް އެއްވަރުވެގެންނެވެ.
ދެވަނަ ކުއާޓާގައި ޕާކިސްތާނުން ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް ހޯދި އެވެ. ޕާކިސްތާނުގެ މުހިންމު ކުޅުންތެރިޔާ ޒައިނުލް ހަސަންގެ ގިނަ ސްކޯތަކާއިއެކު އެޓީމުން މި ކުއާޓާ ނިންމާލީ 40-34 އިން ލީޑުގައި އޮވެ އެވެ.
ތިން ވަނަ ކުއާޓާ އާއި ހަތަރު ވަނަ ކުއާޓާގައި ބޫޓާނުން ގިނަ ބަދަލުތަކެއް ގެނެސް ލީޑު ހަނިކުރަން މަސައްކަތްކުރި ނަމަވެސް ޕާކިސްތާނުގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ. ކެޕްޓަން މުހައްމަދު ޝަހުބާޒު އާއި މުހައްމަދު އުމެއިރުގެ މޮޅު ކުޅުމާއިއެކު އެޓީމުން ފޯމުގައި ކުޅެ މެޗު ކާމިޔާބުކުރި އެވެ.
މި މެޗުގައި ޕާކިސްތާން ޓީމަށް އެންމެ ގިނަ ޕޮއިންޓް ސްކޯކޮށްދިން ޒައިން 21 ޕޮއިންޓް ސްކޯކުރިއިރު، ޝަހުބާޒު 15 ޕޮއިންޓް އަދި އުމެއިރު 12 ޕޮއިންޓް ސްކޯކޮށްދިނެވެ.
ބޫޓާން ޓީމަށް ބަލާއިރު އެޓީމުގެ ތިން ކުޅުންތެރިއަކު 10 ޕޮއިންޓް ސްކޯކުރި އެވެ. އެއީ ތަޝީ ޓެންޑޫރު އާއި ޖިގްމޭ ޔޮންޓެން އަދި ކެޕްޓަން ރިންޗެން ދޯޖީ އެވެ.
މުބާާރާތުގެ ލީގު ބުރުގައި ބޫޓާން ކުޅެން އޮތް ހަތަރު މެޗު ނިމުނުއިރު އެޓީމް މޮޅުވީ ދެ މެޗުންނެވެ. ނަމަވެސް މި ނަތީޖާއިންވެސް އެޓީމަށް ސެމީގެ ޖާގަ ލިބޭނެ އެވެ. ސަބަބަކީ ފަސް ޓީމް ވާދަކުރާ މުބާރާތުގައި ކުޅުނު ތިން މެޗުންވެސް ރާއްޖެ ބަލިވެފައި އޮތުމެވެ. ރާއްޖެއަށް ބާކީ އޮތީ އެއް މެޗެވެ.
މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ނޭޕާލް އާއި ބަންގްލަދޭޝް އެވެ.
Comment