Advertisement

ސީޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެއިން ފުރާވަޑައިގެންފި

16 ޖޫން 2023 - 19:47 0

ނިމާ ހަސަން

ނިމާ ހަސަން

ސީޝޭލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެއިން ފުރާވަޑައިގަންނަވަން އެއާޕޯޓުގައި -- ފޮޓޯ: ރައީސް އޮފީސް


ސީޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެއިން ފުރާވަޑައިގެންފި

16 ޖޫން 2023 - 19:47 0

ސީޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވާ އެނބުރި ފުރާވަޑައިގެންފި އެވެ.

ސީޝެލްސް ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވީ މިދިޔަ އާދިއްތަ ދުވަހެވެ. އެ ދަތުރުފުޅުގައި ރާއްޖެއާއެކު ހަތަރު އެއްބަސްވުމެއް ބަދަލުކުރެއްވި އެވެ.

ސީޝެލްސްގެ ރައީސްގެ ދަތުރުފުޅުގައި ރާއްޖެ އާއި ސީޝެލްސްއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށްފަހު ދެ ގައުމުގެ ރައީސުން ވަނީ ޖޮއިންޓް ސްޓޭޓްމަންޓެއް ދެއްވާފަ އެވެ. އަދި ސޮއިކުރި އެއްބަސްވުންތަކާ ބެހޭ ތަފްސީލު ވެސް ވަނީ ހާމަކުރައްވާފަ އެވެ.

އެގޮތުން, ރާއްޖެ އާއި ސީޝެލްސްއާ ދެމެދު ވިސާއާ ނުލާ ދަތުރު ކުރެވޭ ގޮތް ހެދުމަށް ވަނީ ސޮއިކޮށްފަ އެވެ. އަދި އިގްތިސޯދާއި ވިޔަފާރީގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ދެ ގައުމު ދޭތެރޭ ދަތުރުފަތުރުގެ އިންތިޒާމު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ރާއްޖެއާއި ސީޝެލްސްއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް ފެށުމަށް ވެސް އެއްބަސްވެފައި ވެއެވެ.

އިތުރަށް ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ވޮކޭޝަނަލް ޓްރެއިނިން އަދި ޒުވާނުން ތަރައްގީ ކުރުމާ ބެހޭގޮތުން ކުރިން ވެފައިވާ އެއްބަސްވުން އާކުރުން ހިމެނެ އެވެ. އަދި ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަަރު ކުރުމަށް, ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމާ ބެހޭ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައި ވެއެވެ.

ރާއްޖެއާއި ސީޝެލްސްގެ ރައީސުން ދެއްވި ޖޮއިންޓް ސްޓޭޓްމަންޓުގައި ދެ ބޭފުޅުން ވެސް ވަނީ ރާއްޖެ އާއި ސީޝެލްސްއަކީ, އަވަށްޓެރި ނަމަވެސް ދުރު ދެ ގައުމުކަން ފާހަގަކުރައްވާފަ އެވެ.

ސީޝެލްސްގެ ރައީސް, ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވީ ހަތަރު ދުވަހުގެ މުއްދަތަކަށެވެ. ފުރާވަޑައިގަންނަވަން އޮތީ މިދިޔަ ބުދަ ދުވަހެވެ. ނަމަވެސް ދަތުރުފުޅު ދިގު ކުރައްވާ ފުރާވަޑައިގެންނެވީ މިއަދު ހަވީރެވެ.