15 ޖޫން 2023 - 23:00 0
އިސްމާއީލް އަޒްމީން
ފައިވް ނޭޝަންސް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ އާއި ބޫޓަން ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
15 ޖޫން 2023 - 23:00 0
މާލޭގައި މިހާރު ކުރިއަށްދާ ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ފިިރިހެން ބާސްކެޓްބޯޅަ ޓީމު ކުޅުނު ދެ ވަނަ މެޗުގައި ބޫޓާން އަތުން ވެސް ބަލިވެއްޖެ އެވެ.
ޖުމްލަ އެކު، ފަސް ގައުމު ވާދަކުރާ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވިއިރު ދެ ވަނަ މެޗުގައި މިރޭ ބޫޓާން އަތުން ބަލިވީ 60-50 އިންނެވެ. ބަންގްލަދޭޝް އަތުން ރޭ ބަލިވީ ވެސް ހަަމަ 10 ޕޮއިންޓުގެ ފަރަގަކުން 42-52 އިންނެވެ.
މިދިޔަ މެޗުގައި ބަންގްލަދޭޝާ ދެކޮޅަށް ރާއްޖޭން ނުކުތް މެޗެކޭ އެއްގޮތަށް މި މެޗުގެ ކުރީކޮޅު ރާއްޖެ އަށް ސްކޯ ނުކުރެވި ބޫޓާނުން ލީޑު ނެގި އެވެ. ފުރަތަމަ ކުއާޓާ ނިމުނުއިރު އަށް ޕޮއިންޓުގެ ސްކޯ އަކުން ބޫޓާން އޮތީ ކުރީގަ އެވެ. 15-7 އިން ފުރަތަމަ ކުއާޓާ ނިމުނުއިރު ދެ ވަނަ ކުއާޓާގައި ވެސް ރާއްޖެ އަށް އޮފެންސްގައި ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. ނަތީޖާއެއްގެ ގޮތުން ބޫޓާނުން ފަރަގު ބޮޑުކޮށް ދެ ވަނަ ކުއާޓާ 36-17 އިން ލީޑުގައި އޮވެ ނިންމާލި އެވެ.
ފުރަތަމަ ހާފުގައި ރާއްޖެއިން 24 ތްރީ ޕޮއިންޓް އެޓެމްޕްޓް ކުރިއިރު ކާމިޔާބުކުރެވުނީ އެންމެ ދެ ބޯޅަ އެވެ. މިހާފުގައި ރާއްޖޭގެ ޓާންއޯވާތައް ވެސް ފެނުނީ ގިނަކޮށެވެ.
ތިން ވަނަ ކުއާޓާގައި ވެސް ތަކުރާރުވީ އެއް މަންޒަރެކެވެ. ބޫޓާނުން ޑިފެންސުގައި މޮޅަށް ކުޅުނުއިރު ރާއްޖެ އަށް ލިބުނު ހުސް ފުރުސަތުތައް ވެސް ސްކޯ ނުކުރެވުމުގެ ނަތީޖާއަކަށްވީ 47-29 އިން ބޫޓާން ލީޑު ކުރުމެވެ.
ރާއްޖެ އިން މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ ފަހު ކުއާޓާގަ އެވެ. އެ ގޮތުން އެތެރެއަށް ޑްރައިވްކޮށްގެން ވަދެ ގިނަ ސްކޯތަކެއްކުރިއިރު، ތުރީ ޕޮއިންޓްތަކެއް ވެސް ސްކޯކުރި އެވެ. ރާއްޖެ އިން ކުޅުން ރަނގަޅުކޮށް ޕްރެޝަރުކުރި ދަނޑިވަޅުގައިވެސް ހަމަޖެހިލައިގެން ކުޅެ ބޫޓާނުން ލީޑު ދަމަހައްޓައި 60-50 އިން މެޗު ކާމިޔާބުކުރި އެވެ.
މެޗުގައި ރާއްޖެއަށް އެންމެ ގިނަ ޕޮއިންޓް ސްކޯކޮށްދިނީ 15 ޕޮއިންޓް ސްކޯކޮށްދިން މުހައްމަދު ހުވައިލިދު އަލީ (ހުވޭ) އެވެ. މީގެ އިތުރުން، ރާއްޖޭގެ އަހުމަދު ރާއިދު ސަލީމް ނުވަ ޕޮއިންޓް ސްކޯކޮށްދިނެވެ. ޑިފެންސަށް ބަލާއިރު މިރޭގެ މެޗުގައި ވެސް ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ވިލްދާން އެވެ.
ބޫޓާން ޓީމަށް ބަލާއިރު ގިނަ ކުޅުންތެރިންތަކެއް ފެނުނީ ރަނގަޅު ފޯމުގައި ސްކޯކުރި ތަނެވެ. އެންމެ ރަނގަޅަށް ކުޅުނީ 10 ޕޮއިންޓް ސްކޯކޮށް 21 ރީބައުންޑް ނެގި ޕުބް ޔެލްޝެން އެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބޫޓާނުން ކުޅޭނީ ބަންގްލަދޭޝާ އެވެ. މާދަމާރޭ ރާއްޖޭން ކުޅޭނީ ޕާކިސްތާނާ އެވެ.
Comment