Advertisement

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް އެންމެ ފަހުން ބޮޑުކޮށްފި

15 ޖޫން 2023 - 11:31 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ "ރިވެލި އެވޯޑް" ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން


ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް އެންމެ ފަހުން ބޮޑުކޮށްފި

15 ޖޫން 2023 - 11:31 0

ނުކުޅެދޭ މީހުންނަށް ދޭ އެލަވަންސް ބޮޑު ކުރަން މި ސަރުކާރުން ވީ ވައުދާ އެއްގޮތަށް ހާއްސަ އެހީއަށް ބޭނުންވާ މީހުން ގިންތިކޮށް، އެފަދަ މީހުންނަށް ދޭ އެލަވަންސް މިއަދު އެންމެފަހުން އިތުރުކޮށްފި އެވެ.

އެކަން އިއުލާނު ކުރީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު، އާސަންދަ އަދި އެންސްޕާގެ ވެރިންނާއެކު މިއަދު ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެގޮތުން މިހާރު ދޭ 2000ރ. ގެ ބަދަލުގައި ނުކުޅެދުންތެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް މަދުވެގެން 3000ރ. ލިބޭނެ އެވެ.

އޭގެ އިތުރުން އަމިއްލައަށް ނޫޅެވޭ، ނުވަތަ އެނދުމަތިވެފައިވާ ފަރާތްތަކަށް ކެއަރާ އެލަވަންސްގެ ގޮތުގައި އިތުރު 2000ރ. އިނާޔަތެއް، އަދި އެފަދަ ފަރާތްތަކަށް އަސާސީ ކަންކަމަށް، ސެލްފް ކެއާ އެލަވަންސްގެ ގޮތުގައި ދެވޭ 1000ރ. ގެ އެލަވެންސެއް މިއަދު ވަނީ ތައާރަފުކޮށްފަ އެވެ. އަދި، އެއް ގޭބިސީއެއްގައި ނުކުޅެދުންތެރިކަން ހުންނަ ތިން ފަރާތަކަށްވުރެ ގިނަ ފަރާތް އުޅޭ ނަމަ އިތުރަށް ކޮންމެ ފަރާތަކަށް 1000ރ. ލިބިގެންދާނެ ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކޮށްދިނުމަށް އެކި ފަރާތްތަކުން ވަނީ މީގެ ކުރިން ގޮވާލާފަ އެވެ.

އެގޮތުން ޖުލައި، 2019، ގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވަނީ އެ އިނާޔަތް ބޮޑުކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. ނަމަވެސް، އިނާޔަތް 5000ރ. އާއި 7000ރ. އާ ދެމެދުގައި ބެހެއްޓުމަށް، ގާނޫނަށް ހުށަހެޅި އެ އިސްލާހު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން އޭރު ބޭރުކޮށްލި އެވެ. އެއީ ސަރުކާރާ މަޝްވަރާނުކޮށް، މާލީ ގޮތުން ދަތިވާނެ ބިލެއް ހުށަހެޅުމުން ކަމަށް އޭރު އެމްޑީޕީން ބުނެފައިވެ އެވެ.

އެއަށްފަހު، 2021 ގެ ފަހު ކޮޅު މި އިނާޔަތް 5000ރ. އަށް ބޮޑުކުރުމަށް އެދި ރާއްޖޭގެ އެކި ކަންކޮޅުތަކުން ސޮއި ހޯދައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ. ހއ. އިހަވަންދޫގެ ހާއްސަ އެހީއަށް ބޭނުންވާ ތިން ޒުވާނެއް ކަމަށްވާ މުހައްމަދު އިރުފާނާއި އަލީ ޖުއައިދު އަދި އަލީ ފަޔާޒްގެ އިސްނަގައިގެން ފޮނުވި ޕެޓިޝަނެކެވެ.

އެ ޕެޓިޝަނުގައި ބުނެފައި 2000ރ. އިނާޔަތަކީ، މިހާރު ދިވެހިރާއްޖޭގެ ހިދުމަތާއި ތަކެތީގެ އަގު ހުރިގޮތައް ބަލާއިރު އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ. އެހެންވެ އެ އިނާޔަތް އެންމެ މަދުވެގެން 5000ރ. އަށް އިތުރުކޮށްދިނުމަށް ޕެޓިޝަނުގައި އެދިފައިވެ އެވެ.

"އާންމު ދިރިއުޅުމުގެ މިންގަނޑުން ބަލާއިރުވެސް، ކެއިން ބުއިމާއި އުނުއޮރިޔާން ނިވާ ކުރުން ފަދަ ޒަރޫރީ ބޭނުންތައް ވެސް މިހާރު ކަނޑައަޅާފައިވާ މާލީ އިނާޔަތުން ނުފުދޭ،" ޕެޓިޝަނުގައި ބުނެފައިވެ އެވެ.

މި ކަންބޮޑުވުންތަކަށްފަހު ނުކުޅެދޭ މީހުންގެ އިނާޔަތް ބޮޑުކޮށްދެއްވަން ރައީސް ސޯލިހު ނިންމެވިކަން އިއުލާން ކުރެއްވީ 2022 ގެ ރިޔާސީ ބަޔާނުގަ އެވެ. އޭގެ އަހަރެއް ފަހުން މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ މި މަހު އިނާޔަތް ބޮޑުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.