Advertisement

ޕީޕީއެމްގެ އެކްޓިވިސްޓުން މަގުމަތިން ޑރ. އިޔާޒްއާ ދިމާކޮށްލުމުން އަދާލަތުގެ ކަންބޮޑުވުން!

14 ޖޫން 2023 - 18:01 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމްގެ އެކްޓިވިސްޓުން ރައީސް އޮފީސް ސަރަހައްދުގައި ކުރި މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: އަބްދުﷲ އިޔާން / އަަދަދު


ޕީޕީއެމްގެ އެކްޓިވިސްޓުން މަގުމަތިން ޑރ. އިޔާޒްއާ ދިމާކޮށްލުމުން އަދާލަތުގެ ކަންބޮޑުވުން!

14 ޖޫން 2023 - 18:01 0

ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމް/ޕީއެންސީގެ އެކްޓިވިސްޓުން މިއަދު ކުރި މުޒާހަރާއެއްގެ ބައިވެރިން ، އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުގެ ނައިބުރައީސް ޑރ. އިޔާޒްއާ މަގުމަތިން ދިމާކޮށް، ފުރައްސާރަކުރުމުން އަދާލަތުޕާޓީން އެކަން ކުށްވެރިކޮށްފި އެވެ.

ޑރ. އިޔާޒަށް މަގުމަތިން ދިމާކޮށްލައި ފުރައްސާރަ ކުރި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު، އެ ވީޑިއޯއިން ފެންނަނީ ޑރ. އިޔާޒް މަޖީދީ މަގުން ހުޅަނގަށް ސޯޝަލް ސެންޓަރާ ދިމާލަށް ދުއްވާފައި ދަނިކޮށް ޕީޕީއެމް/ޕީއެންސީގެ އެކްޓިވިސްޓުން އޭނާއަށް ހުރަސްއަޅައި ވަރަށް ހަޑިހުތުރު ނަން ނަމުން ގޮވައި ފުރައްސާރަ ކުރާ މަންޒަރެވެ. އެގޮތުން ޑރ. އިޔާޒްއަށް ނިސްބަތްކޮށް "ބޮޑު ކާފަރު" އޭ ކިޔައި ވެސް އެމީހުން ގޮވާ އަޑު އެ ވީޑިއޯއިން އިވެ އެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަންގަވައި ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މުޒާހަރާ ކުރި ބައިވެރިން ޑރ. އިޔާޒްއަށް ފުރައްސާރަ ކުރި ކުރުން، އަދާލަތު ޕާޓީން ވަނީ ކުއްވެރިކޮށްފަ އެވެ.

އެއީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ސިފަ ކުރައްވައި އަދާލަތު ޕާޓީގެ ތަރުޖަމާނު، އަލީ ނަޒީރު ވިދާޅުވީ އެކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށާއި އެފަދަ ހަޑި މުޑުދާރު އަމަލުތަކުގެ ސަބަބުން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަސައްކަތް ނުހުއްޓުވޭނެ ކަމަށެވެ.

"މިކަމުން ދޭހަކޮށްދެނީ އިދިކޮޅު ޕާޓީތަކުގެ ވެރިންގެ ރާވައިގެން އަމިއްލަ މަންފާއަށް އާންމު މެންބަރުން ލައްވާ އިސްލާމް ދީނާއި ޤާނޫނުތަކާއި އަދި އާންމު އަޚުލާގީ މިންގަނޑާ ހިލާފުކަންކަން ކުރުވާކަން،" އަލީ ނަޒީރު ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.

ޑރ. އިޔާޒްއަކީ އަދާލަތު ޕާޓީގެ އިސް ފަނޑިޔާރު އަދި އެ ޕާޓީގެ ދީނީ އިލްމުވެރިންގެ ނައިބު ރައީސް ވެސް މެއެވެ. މީގެ ކުރިން ވެސް ސިޔާސީ ގޮތުން ޑރ. އިޔާޒް ދައްކަވާ ތަފާތު އެކި ވާހަކަތަކާއި ގުޅިގެން އޭނާއަށް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.

ޕީޕީއެމްގެ އެކްޓިވިސްޓުން މިއަދު މަގުމަތިން ދިމާކޮށް ޑރ. އިޔާޒަށް ފުރައްސާރަ ކޮށްފައި ވާރިރު، މިދިޔަ މާޗު މަހު އެ ޕާޓީގެ އެކްޓިވިސްޓުން ވަނީ މަގުތަމަތިން ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ވެސް ހުރަސް އަޅައިފަ އެވެ.

އެ މައްސަލައިގައި ޕީޕީއެމްގެ ފަސް މީހަކު ހައްޔަރު ކުރި އެވެ. އަދި ސިފައިންގެ ތެރެއިން ބައެއް ބޭކަލުން ވެސް އެ މައްސަލައިގައި ސަސްޕެންޑު ކުރި އެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އަންނަނީ އެ ޕާޓީގެ އޮފީސް ދޮށުގައި ކޮންމެ ރެއަކު ވެސް މުޒާހަރާތައް ކުރަމުންނެވެ. ނަމަވެސް މިފަހުން އެ ޕާޓީގެ ސަޕޯޓަރުން ގެންދަނީ މާލެ ތެރެއަށް ނުކުމެ ހަމަނުޖެހުމަށް މަގުފަހިވެދާނެ ފަދަ ގޮތަކަށް އަމަލު ކުރަމުންނެވެ. އެގޮތުން އިއްޔެއާއި މިއަދު ވެސް ރައީސް އޮފީސް ކައިރިއަށް އެއްވެ އެމީހުން މުޒާހަރާ ކޮށްފައިވެ އެވެ.