Advertisement

ރާއްޖެ އާއި ސީޝެލްސްގެ ގުޅުން ބަދަހިކުރުމަށް ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި

12 ޖޫން 2023 - 13:21 0

ނިމާ ހަސަން

ނިމާ ހަސަން

ރައީސް ސޯލިހާއި, ސޭޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަން އާ ސަލާމް ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް


ރާއްޖެ އާއި ސީޝެލްސްގެ ގުޅުން ބަދަހިކުރުމަށް ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި

12 ޖޫން 2023 - 13:21 0

ސީޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދު ހަތަރު އެއްބަސްވުމެއް ބަދަލުކޮށްފި އެވެ.

ސީޝެލްސްގެ ރައީސާއި, ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު ދެއްވި ޖޮއިންޓް ސްޓޭޓްމަންޓުގައި ވަނީ ދެ ގައުމު ދޭތެރޭގައި މުހިންމު ދާއިރާތަކުން ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ މައުލޫމާތު ހާމަކުރައްވާފަ އެވެ.

އެގޮތުން, ރާއްޖެއާއި ސީޝެލްސްއާ ދެމެދު ވިސާއާ ނުލާ ދަތުރު ކުރެވޭ ގޮތް ހެދުމަށް މިއަދު ވަނީ ސޮއިކޮށްފަ އެވެ. އަދި އިގްތިސޯދާއި ވިޔަފާރީގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ދެ ގައުމު ދޭތެރޭ ދަތުރުފަތުރުގެ އިންތިޒާމު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ރާއްޖެއާއި ސީޝެލްސްއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް ފެށުމަށް ވެސް މިއަދު އެއްބަސްވެފައި ވެއެވެ.

އެ އެއްބަސްވުމުގެ ސަބަބުން, ރާއްޖެއާއި ސީޝެލްސްއާ ދެމެދު ވިޔަފާރީގެ ރޮގުން ކުރިއެރުމުގެ ފުރުސަތު ލިބުމާއެކު, ފަތުރުވެރިންނަށް ރާއްޖޭގެ "ސަނީ ސައިޑް އޮފް ލައިފް" އަދި ސީޝެލްސްގެ "އަނަދާ ވޯލްޑް" ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެކަން ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފަ އެވެ.

ދަތުރުފަތުރުގެ އެއްބަސްވުމާ ގުޅުވައި ސީޝެލްސްގެ ރައީސް ވިދާޅުވީ ރާއްޖެ އާއި ސީޝެލްސްއާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރު ފެށުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެ މޭރުމުން ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ މި ދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވަން އެހެން ގައުމެއްގައި ޓްރާންސިޓުވެ, އެކަމަށް އެތައް ވަގުތުތަކެއް ހޭދަކުރަން ޖެހުނުކަން ފާހަގަކުރައްވާފަ އެވެ.

ރާއްޖެއާ ސީޝެލްސްއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށް, އެއްބަސްވުން ބަދަލުކުރުން -- ފޮޓޯ: ރައީސް އޮފީސް


އިތުރަށް ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ވޮކޭޝަނަލް ޓްރެއިނިން އަދި ޒުވާނުން ތަރައްގީ ކުރުމާ ބެހޭގޮތުން ކުރިން ވެފައިވާ އެއްބަސްވުން އާކުރުން ހިމެނެ އެވެ. އަދި ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަަރު ކުރުމަށް, ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމާ ބެހޭ އެއްބަސްވުމެއްގައި ވެސް މިއަދު ސޮއިކޮށްފައި ވެއެވެ.

ރާއްޖެއާއި ސީޝެލްސްގެ ރައީސުލް ދެއްވި ޖޮއިންޓް ސްޓޭޓްމަންޓުގައި ދެ ބޭފުޅުން ވެސް ވަނީ ރާއްޖެ އާއި ސީޝެލްސްއަކީ, އަވަށްޓެރި ނަމަވެސް ދުރު ދެ ގައުމުކަން ފާހަގަކުރައްވާފަ އެވެ.

"ރާއްޖެއާއި ސީޝެލްސްއަކީ ދުރު, އަވަށްޓެރި ދެ ގައުމު ކަމުގައިވީ ނަމަވެސް ދެ ގައުމު ދެމެދުގައި ހުރި ތަފާތުތަކަށްވުރެ އެއްގޮތް ކަންކަން ގިނަ. ޖަޒީރާތަކުގެ ރަށްވެހިންގެ ހައިސިއްޔަތުން އާދަކާދަތަކާއި, ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި ދިރިއުޅުމުގެ ވައްޓަފާޅީގައި ވެސް އެއްގޮތް އެތައް ކަންތައްތަކެއް ހުރޭ." ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދެ ގައުމުގެ އިގްތިސޯދަށް ވެސް ކަނޑުގެ ރޯދިން ބޮޑެތި މަންފާތަކެއް ލިބޭއިރު ސުލްހައާއި ސަލާމަތްތެރިކަން ގުޅިފައި ވަނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ. އިންޑިއާ ކަނޑުގެ ފަހުގެ ނުރައްކާތަކާ ގުޅިގެން ކުރިމަތިލުމަށް އެއްބަސްވެފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ އެ ނުރައްކާތައް ފާހަގަކުރައްވާފަ އެވެ. އޭގެ ތެރޭގައި ކަނޑުފޭރުމާއި, މަސްތުވާތަކެތި ޓްރެފިކް ކުރުމާއި, ޓެރަރިޒަމާއި ހިއުމަން ޓްރެފިކް ކުރުން ހިމެނެ އެވެ.

ޖޮއިންޓް ސްޓޭޓްމަންޓު ނިންމަވާލައްވަމުން ސީޝެލްސްގެ ރައީސް ރަމްކަލަވަން ވިދާޅުވީ ރާއްޖެ ވަޑައިގެންނެވުމުން އިހުސާސް ކުރެވެނީ އަމިއްލަ ގޭގައި އުޅުމުގެ އިހުސާސް ކަމަށެވެ. އޭގެ އިތުރުން, ރައީސް ރަމްކަލަވަން ވަނީ ރާއްޖޭގައި ކުރިއަށް އޮތް ރިޔާސި އިންތިހާބުގައި ރައީސް ސޯލިހަށް އަދި މުޅި ރާއްޖެއަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާފަ އެވެ.