Advertisement

ހުކުމާ އެއްގޮތަށް އިންވެސްޓަރެއްގެ ފައިސާ ނުދިނަސް، ކިންގްސްގެ މުދާ ހިފެހެއްޓުމުގެ އަމުރެއް ނުދިން

12 ޖޫން 2023 - 12:06 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިން ވިޔަފާރި ކުރަމުން ދިޔަ، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ -- އަދަދު ފޮޓޯ


ހުކުމާ އެއްގޮތަށް އިންވެސްޓަރެއްގެ ފައިސާ ނުދިނަސް، ކިންގްސްގެ މުދާ ހިފެހެއްޓުމުގެ އަމުރެއް ނުދިން

12 ޖޫން 2023 - 12:06 0

ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އިންޓަނެޓުގައި ޓްރޭޑު ކުރަމުން ދިޔަ، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ކުންފުނި ކިންގްސް ކެޕިޓަލްގެ ޑިރެކްޓަރުންގެ މުދާ ހިފެހެއްޓުމުގެ އަމުރެއް ނެރެ ނުދޭން ސިވިލް ކޯޓުން އިއްޔެ ނިންމައިފި އެވެ.

ކިންސްގް ކެޕިޓަލްއާ ދެކޮޅަށް އިސްމާއިލް އަނީސް ކިޔާ މީހަކު ދައުވާ ކުރީ، އޮންލައިން ކޮޕީ ޓްރޭޑަރަކަށް ވުމަށް ހެދި އެއްބަސްވުމުގެ ދަށުން އޭނާ ކިންސްގްސް ކެޕިޓަލްއަށް އިންވެސްޓު ކުރި ފައިސާއިން ފައިދާ ނުލިބޭތީ އެ ފައިސާ އަނބުރާ ނަގައިދިނުމަށް އެދި އެވެ. ސިވިލް ކޯޓުން ވަނީ އޭނާ އިންވެސްޓު ކުރި ފައިސާގެ ތެރެއިން ނުދައްކައި ހުރި 90،000ރ. ހަފްތާއެއްގެ ތެރޭގައި އަނބުރާ ދިނުމަށް، މެއި 15 ގައި ހުކުމް ކޮށްފަ އެވެ.

އެކަމަކު، ހުކުމުގައި ފައިސާ ދައްކަން ދިން މުއްދަތު ހަމަވިއިރު ވެސް ކިންގްސްއިން ފައިސާ ދައްކާފައި ނުވާތީ، އަނީސްގެ ފަރާތުން ވަނީ ކިންގްސްގެ ޑިރެކްޓަރުންގެ މުދާ ހިފެހެއްޓުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އެދިފަ އެވެ. އެ މައްސަލައިގައި އެދުނީ، ފައިސާ ދައްކައި ނިމެންދެން ކުންފުންޏާއި އެތަނުގެ ޑިރެކްޓަރުންގެ މުދަލާއި އާމްދަނީ އަދި ބޭންކް އެކައުންޓުތައް ފްރީޒްކޮށްދިނުމަށެވެ.

ކޯޓު އަމުރަށް އެދުނު ސަބަބުތައް:

  1. މައްސަލަ ކުރިއަށްދިޔަ އިރު ވެސް ކިންގްސްގެ ފަރާތުން ކޯޓަށް ހާޒިރުވެފައި ނުވުން
  2. ފައިސާ ދައްކަން ކޯޓުން ދިން މުހުލަތު ހަމަވިއިރު ވެސް ފައިސާ ދައްކާފައި ނުވުމާއި ހުކުމަށް ތަބާ ނުވުން
  3. ހުކުމް ތަންފީޒު ކުރަން ދައުވާ ލިބޭ ފަރާތަށް އެނގޭ ހާލަތުގައި ކުންފުންނާއި ހިއްސާދާރުންގެ މުދާ ފޮރުވައި ނުވަތަ އެއްވެސް މުދަލެއް ނެތްކަން ސާބިތުކޮށްދޭން އުޅެފާނެތީ

އެ މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހިމް އިއްޔެ ނިންމެވި ނިންމެވުމުގައި ވަނީ ކޯޓު އަމުރަށް އެދުނު ފުރަތަމަ ދެ ސަބަބަކީ އެފަދަ ކޯޓު އަމުރެއް ނެރެދޭން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި, އެއީ އަނީސްގެ ފަރާތުން ހުށަހަޅާފައިވާ ފައިސާ ހިމެނޭ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގައި ބެލެވިދާނެ ކަންތައްތަކެއްކަން ފާހަގަކުރި އެވެ.

އަނީސްގެ ފަރާތުން ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ވެސް ހުށަހަޅާފައިވާއިރު، އޭގައި ވެސް އެދިފައި ވަނީ ކުންފުނީގެ ޑިރެކްޓަރުން އެ ފައިސާއަށް ޒިންމާ އުފުލަށް އަމުރުކޮށްދެއްވައި ޑިރެކްޓަރުންގެ ފައިސާއާ މުދާ ހިފަހައްޓައި ކޯޓުގެ ބެލުމުގެ ދަށަށް ގެނެސް، އެ ދަރަނި ހަލާސްކުރުމަށްޓަކައި ޑިރެކްޓަރުންގެ ފައިސާއާ މުދާ ވިއްކުމުގެ އަމުރެއް ނެރެދިނުމަށެވެ.

އޭގެ އިތުރުން، ދައުވާ ލިބޭ ފަރާތަށް އެނގޭ ހާލަތުގައި ކުންފުންނާއި ހިއްސާދާރުންގެ މުދާ ފޮރުވައި ނުވަތަ އެއްވެސް މުދަލެއް ނެތްކަން ސާބިތުކޮށްދޭން އުޅެފާނެ ކަމަށް ބުނާއިރު، އެކަން ސާބިތުކުރަން ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށް ނިންމުމުގައިވެ އެވެ.

އެހެންވެ، މުދާ ހިފެހެއްޓުމުގެ އަމުރެއް ނެެރެދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމި އެވެ.

މި މައްސަލައިގައި ކުރި ހުކުމުގެ ހަބަރެއް ހިއްސާކޮށް އަލްހާން ފަހުމީ ކުރެއްވި ޓްވީޓެއް ވެސް އަނީސްގެ ފަރާތުން ކޯޓަށް ހުށަހެޅި އެވެ. އެ ޓްވީޓުގައި އަލްހާން ބުނެފައި ވަނީ ކިންގްސްއިން އެއްވެސް އިންވެސްޓަރަކު ކުރާ ދައުވާއަކަށް އިންކާރެއް ނުކުރާނެ ކަމަށެވެ. އަދި ފައިސާ ނުދެވިގެން އުޅެނީ ފައިސާ ދެވެން ނެތުމުން ކަމަށާއި ވީހާ ވެސް އަވަހަށް ދޭނެ ކަމަށް އަލްހާން ވިދާޅުވި އެވެ.

މި މައްސަލައިގައި ވެސް ކިންގްސް ކުންފުނީގެ ފަރާތުން ކޯޓަށް ހާޒިރުވެފައި ނުވެ އެވެ. އެހެންވެ، މައުލޫއީ މައްސަލައެކޭ އެއްގޮތަށް، މި މައްސަލަ ވެސް ނިންމީ އެ ކުންފުނީގެ ޣައިރު ހާޒިރުގަ އެވެ.

ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިން ވިޔަފާރި ކުރަމުން ދަނިކޮށް އޭގައި އޮޅުވާލުމާއި މަކަރާއި މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިމެނޭ ކަމަށް ބުނެ ކިންގްސްގެ ހިއްސާދާރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ފުލުހުން ފަށާފައިވެ އެވެ.

އެގޮތުން، ރާއްޖޭގެ މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވައިދުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ތުހުމަތު އޭނާ އާއި ކިންގްސް ކުންފުންޏަށް ކުރެ އެވެ.

އެ މައްސަލައިގައި މީގެ ކުރިން ކިންގްސްގެ ބޭންކް އެކައުންޓުތައް ވެސް ބީއެމްއެލްއިން ހިފެހެއްޓި އެވެ. އެކަމަކު، ކިންގްސްއިން އެ މައްސަލައިގައި ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން ނިންމާފައި ވަނީ ކޯޓު އަމުރެއް ނެތި އެކައުންޓުތައް ހިފެހެއްޓީ ގޯސްކޮށް ކަމަށެވެ.