Advertisement

ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ތަށި ޒެފްރޯލާއި ރެޑްހޯކްސް އަށް

11 ޖޫން 2023 - 10:52 0

ރެޑްހޯކްސް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ތަށި ޒެފްރޯލާއި ރެޑްހޯކްސް އަށް

11 ޖޫން 2023 - 10:52 0

ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ރެޑްހޯކްސް ސްޕޯޓްސް ކްލަބުން ހޯދިއިރު، ފިރިހެން ޑިވިޝަންގެ ތަށި ކްލަބް ޒެފްރޯލް އިން އުފުލާލައިފި އެވެ.

ރޭ ގައުމީ ހޭންޑްބޯޅަ ކޯޓުގައި ދެ ފައިނަލް ކުރިއަށްދިޔައީ ފޯރިގަދަ މާހައުލެކެވެ. ދެ ޑިވިޝަނުގެ ފައިނަލް މެޗު ވެސް ފޯރިގަދަކޮށް، ފެނުނުއިރު، ދެ ޓީމުން ވެސް ވަނީ ކާމިޔާބު ހޯދަން ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

އެ ގޮތުން، އެންމެ ފުރަތަމަ ފިރިހެން ޑިވިޝަން ފައިނަލް މެޗު ކުޅުނުއިރު، ޒެފްރޯލް އިން ވަނީ ދިވެހި ސިފައިންގެ ކްލަބް އަތުން 33-28 އިން މޮޅުވެފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ ޒެފްރޯލް ޓީމުގެ އަބްދުﷲ ޒިޔާއު އަށެވެ. ރޭގެ މެޗުގައި އޭނާ ވަނީ ޒެފްރޯލްް ޓީމަށް މި މޮޅު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ޒެފްރޯލް ޓީމުގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އެންމެ ފަހުގެ އަންހެން ޗެމްޕިއަން، އޮރީކްސް ހޭންޑްބޯޅަ ކްލަބް ބަލިކޮށް ފައިނަލަށް ދަތުރުކުރި ރެޑްހޯކްސް އިން ފައިނަލް މެޗުގައި ވަނީ ކީން ސްޕޯޓްސް ކްލަބް އަތުން 28-22 އިން މޮޅުވެފަ އެވެ. ރެޑްހޯކްސް އިން މެޗުގެ ކޮންޓްރޯލް ނަގައިގެން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު، ލިބިފައިވަނީ ރެޑްހޯކްސް ޓީމުގެ ޔަޝްފާ އާދަމް އެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ރެޑްހޯކްސްގެ ގޯލްކީޕަރު، އައިޝަތު އާލާ އަލީ އާއި ރައިޓް ބެކް، ފާތިމަތު ޖުނާ، އޮރީކްސްގެ ސެންޓަ ބެކް، ފާތިމަތު އަރުޝާ އާއި ޕިވޮޓް، ރަފާހާ އިބްރާހިމް، ކީންސްގެ ލެފްޓް ވިންގް، ފާތިމަތު ރިޝްމާ އާއި ރައިޓް ވިންގް، ފާތިމަތު މާލް އިބްރާހިމް އަދި ތުޅާދޫ ޔަންގް އީގަަލްސް ސްޕޯޓްސްގެ ލެފްޓް ބެކް، މަރިޔަމް ހަމްނާ އެވެ.

ޒެފްރޯލް ޓީމުގެ ފިރުނާޝް (ވ) ރޭ ކުޅުނު ފައިނަލް މެޗުގެ ތެރެއިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ފިރިހެން ޑިވިޝަންގެ މޮޅު ހަތް ކުޅުންތެރިންނަކީ، ޒެފްރޯލްގެ ސެންޓަ ބެކް، ޒިޔާއު، ޕިވޮޓް، އަބްދުﷲ ޒަހުވާން އިމްތިޔާޒް، ލެފްޓް ބެކް، މުހައްމަދު ފިރުނާޝް އަބްދުﷲ އަދި ގޯލްކީޕަރު، މުހައްމަދު ރަމީޒް، ދިވެހި ސިފައިންގެ ކްލަބްގެ، ރައިޓް ވިންގް، އަހުމަދު ނަސީރު އާއި ލެފްޓް ވިންގް، މުހައްމަދު ޝަމާލް އަދި ވެލިދޫ ޔުނައިޓެޑްގެ މުހައްމަދު ޔަޝްމު އަހުމަދު އެވެ.

ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގައި 27 ޓީމު ބައިވެރިވިއިރު، ފިރިހެން ޑިވިޝަންގައި ވަނީ 10 ޓީމު ވާދަކޮށްފަ އެވެ. އަހަރުން އަހަރަށް ބަލާއިރު، ހޭންޑްބޯޅައިގެ ގައުމީ ލެވަލްގެ މުބާރާތްތަކުގައި ވާދަކުރަމުން އަންނަ ޓީމުތަކުގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެ ގޮތުން، ރަށްރަށަށް ނިސްބަތްވާ ޓީމުތައް ވެސް އަންނަނީ އެސޯސިއޭޝަންގެ މުބާރާތްތަކުގައި ވާދަކުރަމުންނެވެ.