Advertisement

ރެޑްހޯކްސް އިން ހިތްވަރު ދައްކައި ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގެ ތަށި ދިފާއުކޮށްފި

12 ޖޫން 2024 - 07:15 0

ރެޑްހޯކްސް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


ރެޑްހޯކްސް އިން ހިތްވަރު ދައްކައި ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގެ ތަށި ދިފާއުކޮށްފި

12 ޖޫން 2024 - 07:15 0

ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި، އޮރީކްސް ހޭންޑްބޯލް ކްލަބް ބަލިކޮށް ރެޑްހޯކްސް އިން މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.

ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ރެޑްހޯކްސް އިން ތަށި އުފުލާލިއިރު، ފައިނަލުގައި އެ ޓީމުން މި ވަނީ ކުރީގެ ޗެމްޕިއަނެއް ކަމަށްވާ އޮރީކްސް ބަލިކޮށްފަ އެވެ. ރޭގެ ފައިނަލުގައި އޮރީކްސްގެ މައްޗަށް ރެޑްހޯކްސް އިން ކުރިހޯދީ ފަހަތުން އަރައި، 21-23 އިންނެވެ.

ގައުމީ ހޭންޑްބޯލް ކޯޓުގައި ރޭ ކުޅުނު ފައިނަލުގެ ފުރަތަމަ ހާފު ނިމުނުއިރު، އޮރީކްސް އޮތީ ކުރީގަ އެވެ. ދެ ވަނަ ހާފު ވަރަށް ވާދަވެރިކޮށް ފެނުނުއިރު، މެޗުގެ ފަހުކޮޅަށް ދިޔައިރު ދެ ޓީމު އޮތީ އެއްވަރުވެފަ އެވެ. އެކަމަކު ފަހު ކޮޅުގައި، ރެޑްހޯކްސް އިން ފިޓްނަސް އާއި ތަޖުރިބާގެ އަލީގައި ތަފާތު ދައްކައި ދެ ގޯލުގެ ފަރަގަކުން މެޗު ކާމިޔާބުކުރީ އެވެ.

މެޗުން މޮޅުވުމަށް ފަހު ރެޑްހޯކްސް ކުޅުންތެރިން އުފާފާޅުކުރަނީ.---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ރެޑްހޯކްސްގެ އައިޝަތު އާލާ އަލީ އެވެ. މެޗުގައި ރެޑްހޯކްސް އަށް ސްކޯ ދެމެހެއްޓުމުގައި އާލާ ވަނީ އިސް ރޯލެއް ކުޅެފަ އެވެ.

މި އަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި، 16 ޓީމު ވާދަކުރިއިރު، ގިނަ ކުޅުންތެރިންތަކެއް ވަނީ ފެނިގެންގޮސްފަ އެވެ. ހަތަރު ގްރޫޕަށް ބަހާލައިގެން ގިނަ މެޗުތަކެއް ކުޅުމަށް ފަހު، ފައިނަލާ ހަމައަށް ވެސް ފޯރިގަދަ މެޗުތަކެއް ފެނިގެންދިޔަ އެވެ.

އޮރީކްސް އިން ފައިނަލުން ޖާގަ ހޯދީ ސެމީގައި ތުޅާދޫ އަތުން މޮޅުވެގެންނެވެ. ރެޑްހޯކްސް ވަނީ ސެމީ ފައިނަލުގައި ކީންސް ސްޕޯޓްސް ކުލަބްގެ މައްޗަށް ކުރިހޯދައިފަ އެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، ރެޑްހޯކްސްގެ ފިރުޝާނާ ނަސީރު، ޔަސްފާ އާދަމް، ފާތުމަތު ޖުނާ، ފާތިމަތު ތުހުފާ، އަދި އާލާ އެވެ. ދެން ހިމެނެނީ، އޮރީކްސްގެ އައިޝަތު ރީމާ އާއި ޒުލޭހާ އިބްރާހިމް އެވެ.