Advertisement

މާލޭގެ ބިމަކަށް ކުނި އެޅި މައްސަލައިގައި ސިޓީ ކައުންސިލް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

10 ޖޫން 2023 - 19:26 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލެ ސަރަހައްދުގައި އެއްކޮށްފައި ހުރި ކުނިތަކެއް -- ފޮޓޯ: އަބްދުﷲ އިިޔާން / އަދަދު


މާލޭގެ ބިމަކަށް ކުނި އެޅި މައްސަލައިގައި ސިޓީ ކައުންސިލް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

10 ޖޫން 2023 - 19:26 0

މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް، މާލެ ސިޓީ ކައުންސިލުން ކުނި އަޅާ މައްސަލައިގައި އެ ކައުންސިލް 45،500ރ. އިން ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އެންވަރަމަންޓު ޕްރޮޓެކްޝަން އޭޖެންސީން އަންގައިފި އެވެ.

އީޕީއޭއިން މިދިިޔަ ބުރާސްފަތު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލެ ސިޓީ ކައުންސިލް ޖޫރިމަނާކޮށްފައި ވަނީ އެދުރުހިޔާގެ އިރުމަތިން އޮންނަ ބިމަށް މާލެ ސިޓީ ކައުންސިލުން ކުނި އަޅާކަމުގެ ޝަކުވާ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން އެ އޭޖެންސީއަށް ލިބެމުން ދިއުމާ ގުޅިގެން އެ މައްސަލަ ބެލުމަށްފަހު ކަމަށެވެ.

"މި އެޖެންސީ އާއި މާލެ ސިޓީ ކައުންސިލްގެ އިދާރާއާ ދެމެދު ބަދަލުކުރެވުނު ލިޔެކިޔުންތަކުން މި އެޖެންސީއަށް ދެނެގަނެވިފައިވަނީ މާލޭގެ މަގުތަކަށް ގަވާއިދާ ޚިލާފަށް ކުނި އަޅާފައި ހުންނަ ކަމުގެ ޝަކުވާ މާލެ ސިޓީ ކައުންސިލަށް ލިބުމުން، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން އެތަންތަނަށްގޮސް ކުނި ނަގައި ސާފުކުރަމުން ގެންދާކަމާއި އެފަދައިން ނަގާ ކުނި، ވެމްކޯގެ ސައިޓް ބަންދު ގަޑިތަކުގައި (ރޭގަނޑު) މާލެ ސިޓީ ކައުންސިލްގެ މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމުގައި ބަހައްޓައި، ހެނދުނު އެ ކުނިތައް އުކާލާކަން،" އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ސަރަހައްދަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވުމާއެކު، އާންމުންގެ ތެރެއިން ގިނަ ބަޔަކު ޝަކުވާ ހުށަހަޅަމުން ދިއުމާ ގުޅިގެން އީޕީއޭގެ މުވައްޒަފުން އެ ތަނަށް ގޮސް ބެލިބެލުމުން އެތަނަށް ކުނި އަޅާފައި ހުންނަކަން އެ އޭޖެންސީއަށް ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މާލެ ސިޓީ ކައުންސިލް ޖޫރިމަނާކޮށްފައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކުނި މެނޭޖުކުރުމާބެހޭ ގަވާއިދަށް ރިއާޔަތްކޮށެވެ.

އީޕީއޭއިން ބުނީ އެދުރުހިޔާގެ އިރުމަތިން އޮންނަ، ސިޓީ ކައުންސިލުގެ ބިމަށް ކުނިއެޅުމާއި ޖަމާކުރުން ވަގުތުން ހުއްޓާލުމަށާއި ކުނި މެނޭޖުކުރުމުގެ އެއްވެސް ހިދުމަތެއް ކައުންސިލުން ފޯރުކޮށްދޭނަމަ ކުނި މެނޭޖު ކުރުމާބެހޭ ގަވާއިދުގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނަގައިގެން، ކުނި މެނޭޖުކުރުމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ކުރުމަށް ވެސް މާލެ ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.

އެދުރު ހިޔާގެ އިރުމަތިން އޮންނަ ބިމަށް ކުނި އަޅާ މައްސަލައިގައި މިދިޔަ ޖެނުއަރީ މަހު ވެސް އީޕީއޭއިން ވަނީ އެކަން އެގޮތަށް ނުކުރުމަށާއި އެތަނުގައި ހުރި ކުނި ވަގުތުން ހުސް ކުރުމަށް ސިޓީ ކައުންސިލަށް އަންގައިފަ އެވެ. އޭރު ވެސް ސިޓީ ކައުންސިލުން ބުނެފައި ވަނީ އެކަން އެގޮތަށް ކުރަނީ ކުނި ބާޖު ފުރިފައި ވާކަމަށް ބުނެ، ވެމްކޯގެ ގޭޓުން ކައުންސިލުގެ ލޮރީތައް ވަނުމުގެ ހުއްދަ ނުދޭތީ ކަމަށެވެ.

އަދި ކުނީގެ މައްސަލަ ހައްލުކުރުމަށް އީޕީއޭ އިިން ކައުންސިލަށް އެއްބާރުލުންދީ އެ ކުނިތައް ބަހައްޓާނެ ވަކި ސަރަޙައްދެއް ކަނޑައަޅައިދޭން ޖެހޭނެ ކަމަށް ދެކޭ ކަމަށް ވެސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

މާލެ ތެރޭގައި އުފެދޭ ކުނި މީގެ ކުރިން މެނޭޖުކުރަމުން ދިޔައީ ވެމްކޯއިންނެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލާ ވެފައިވާ އެއްބަސްވުން މިދިޔަ ޑިސެމްބަރު މަހު ހަމަވުމުން ކައުންސިލުން ނިންމީ އެެއްބަސްވުން އާނުކޮށް، އެކަން އަމިއްލައަށް ކުރުމަށެވެ.

ކައުންސިލުގެ އެ ނިންމުމާ އެކު ވެމްކޯއިން މަގުމަތިން ކުނި ނެގުން ހުއްޓާލުމާ ގުޅިގެން މުޅި މާލެ ގޮނޑުވެ، އާންމުންގެ ކަންބޮޑުވުންތައް އިތުރުވި އެވެ. އޭގެފަހުން، އެންވަޔަރަމަންޓް މިނިސްޓަރު، އާމިނަތު ޝައުނާ އަންގަވައިގެން ވެމްކޯއިން ވެސް ދަނީ އަމިއްލަ ހައިސިއްޔަތަކުން މާލޭގެ މަގުތައް މަތިން ކުނި ނެގުމުގެ މަސައްކަތް ކޮންމެވެސް ސިފައެއްގައި ކުރަމުންނެވެ.