Advertisement

ރަޝިއާގައި އިރާނުގެ ޑްރޯން ފެކްޓްރީއެއް ހުޅުވަން އުޅޭކަމުގެ ތުހުމަތު

އިރާނުގެ ޑްރޯނެއް. -- ފޮޓޯ: ފާރްސް ނިއުސް އެޖެންސީ


ރަޝިއާގައި އިރާނުގެ ޑްރޯން ފެކްޓްރީއެއް ހުޅުވަން އުޅޭކަމުގެ ތުހުމަތު

ވޮޝިންޓަަން، އެމެރިކާ (ޖޫން 9) - ރަޝިއާގެ ބިމުގެ ސަރަހައްދުގައި އިރާނުގެ ޑްރޯން ފެކްޓްރީއެއް ހުޅުވަން ބޭނުންވާ ތަކެތި އިރާނުން ރަޝިއާއަށް ފޯރުކޮށްދެމުންދާ ކަމަށް އެމެރިކާއިން ތުހުމަތުކޮށްފި އެވެ.

ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ތަރުޖަމާން ޖޯން ކާބީ ހުކުރު ދުވަހު ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު އެ ފެކްޓްރީ ފުރިހަމައަށް އޮޕަރޭޓް ކުރަން ފަށާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެމެރިކާއިން ވަނީ ފެކްޓްރީ ގާއިމްކުރާ ކަމަށް ބެލެވޭ ހިސާބުގެ ސެޓެލައިޓް ފޮޓޯއެއް އާއްމުކޮށްފަ އެވެ. އެ ތަން ހުންނަނީ މޮސްކޯގެ 900 ކިލޯމީޓަރު އިރުން އަލަބޫގާ ސްޕެޝަލް އިކޮނޮމިކް ޒޯންގަ އެވެ.

"ރަޝިއާ އާއި އިރާނުގެ އަސްކަރީ ގުޅުން ފުޅާވަމުންދާ ކަމަށް ބެލެވޭ،" އެމެރިކާގެ ޖާސޫސީ މައުލޫމާތަށް ބިނާކޮށް، ނެރުނު ބަޔާނުގައި ކާބީ ވިދާޅުވި އެވެ.

އެމެރިކާއިން ގަބޫލުކުރާ ގޮތުގައި ޔޫކްރެއިން ހަނގުރާމައިިގައި ބޭނުންކުރަން ވެސް އިރާނުން ވަނީ އެތައް ސަތޭކަ ޑްރޯން ރަޝިއާއަށް ފޯރުކޮށްދީފަ އެވެ. އެކަމަކު އިރާނުން އެކަން ދޮގުކުރެ އެވެ.

އިރާނުގެ ޑްރޯން ފެކްޓްރީ ރަޝިއާގައި ހިންގުމަށް ބޭނުންވާ ސާމާނު ރަޝިއާއަށް ފޯރުކޮށްދެމުންދާ ކަމަށް ބުނާ އިރު، ބަދަލުގައި ރަޝިއާގެ ޖެޓުތަކާއި އަސްކަރީ ވައިގެ އުޅަނދުތައް އިރާނަށް ފޯރުކޮށްދޭނެ ކަމަށް އެމެރިކާއިން ތުހުމަތު ކުރެ އެވެ.