8 ޖޫން 2023 - 23:19 0
އާމިނަތު ނިއުޝާ
މިނިސްޓަރު މަހުލޫފު ވިދާޅުވީ ޖަމިއްޔާތަކަކީ ގައުމު ބިނާކުރުމުގައި ތިންވަނަ ތަނބުކަމަށް -- ފޮޓޯ: އިޔާން/އަދަދު
8 ޖޫން 2023 - 23:19 0
މަދަނީ ޖަމިއްޔާތަކަކީ ގައުމު ބިނާކުރުމުގެ ތިންވަނަ ތަނބު ކަމަށް ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިން ސިވިލް ސޮސައިޓީ އެވޯޑު ދިނުމުގެ ހަފްލާގައި މިރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ، މަދަނީ ޖަމިއްޔާތަކަކީ ގައުމު ބިނާކުރުމުގައި އަދި މުޖްތަމައުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރަށް ވާސިލު ނުވެވޭ ރައްޔިތުންނާ ހަމައަށް ވާސިލުވާ މެދުވެރިއެއް ކަމަށެވެ.
"އަޅުގަނޑުގެ މި ހަތަރު އަހަރު ދުވަހު ފެނުނު ކަމަކީ އަޅުގަނޑުމެންގެ މިނިސްޓްރީން ހިންގާ ޕްރޮޖެކްޓެއް އެއީ އެއް މިލިއަން ރުފިޔާކަމުގައި ކޮށްފިއްޔާ ހަމަ ގައިމުވެސް ފަސް ލައްކަ ރުފިޔާއިން އެކަން ކުރެވޭކަން. ޖަމިއްޔާތަކަކީ ގައުމު ބިނާކުރުމުގައި ތިންވަނަ ތަނބޭ ބުނުމަކީ ހަމަ ގައިމުވެސް ދޮގަކަށް ނުވާނެ" މިނިސްޓަރ މަހުލޫފު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އަދިވެސް ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"އަޅުގަނޑުމެން މި އެވޯޑުގެ ގަވައިދު އާންމުކޮށް ކުރިމަތިލާން ހުޅުވާލީމަ އަޅުގަނޑުމެނަށް ފާހަގަވި ދެ ދާއިރާއަކުން ކުރިމަތިވެސް ނުލާ އޮތްކަން. އަޅުގަނޑަށް ގަބޫލުކުރެވެނީ އެއީ ޒަމާންތަކެއް ވަންދެއް ގެއްލިފައި އޮތް އިތުބާރު އަދި ނަގާނުދެވިގެންނޭ މިއުޅެނީ،" މަހުލޫފު ވިދާޅުވި އެވެ.
މީގެ ކުރިން އެންމެ ބޮޑަށް މިނިސްޓްރީއަށް ލިބޭ ޝަކުވާއަކީ ޖަމިއްޔާ ރަޖިސްޓްރީކުރުމަށް ހުށަހަޅާތާ ހަމަސް ފާއިތުވެގެން ދާއިރު ވެސް ރަޖިސްޓްރީ ނުވާކަމުގެ ޝަކުވާކަމަށާއި، ނަމަވެސް އަލަށް ލޯންޗުކުރާ މިނިސްޓްރީގެ މީސް ޕޯޓަލުން ހިދުމަތް ދެވެން ފެށުމުން ތިން ދުވަސް ތެރޭގައި ޖަމިއްޔާ ރަޖިސްޓްރީވާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
މިރޭގެ ހަފްލާގައި 10 ޖަމިއްޔާއަކަށް އެވޯޑު ދީފައި ވެއެވެ. އޭގެ ތެރޭގައި ތައުލީމީ ދާއިރާއަށް ހިދުމަތް ކުރުމާއި، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރުމާއި، ރަށު ތަރައްގީއަށް އެކި މަސައްކަތް ކުރުން އަދި އަންހެނުން ބާރުވެރިކުރުމަށް މަސައްކަތްކުރުން ފަދަ މުހިންްމު ދާއިރާތަކަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދީފައިވާ ޖަމިއްޔާތައް ހިމެނެ އެވެ.
އެވޯޑު ލިބުނު ޖަމިއްޔާތަކުގެ ތެރޭގައި 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޖަމިއްޔާތަކާއި، ހަގު ޖަމިއްޔާތައް ވެސް ހިމެނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment