Advertisement

މެކް އަލިސްޓާ ލިވަޕޫލަށް ސޮއިކޮށްފި

8 ޖޫން 2023 - 21:16 0


މެކް އަލިސްޓާ ލިވަޕޫލަށް ސޮއިކޮށްފި

8 ޖޫން 2023 - 21:16 0

ލަންޑަން (ޖޫން 8) - ބްރައިޓަން އަށް ކުޅެމުންދިޔަ އާޖެންޓީނާގެ މިޑްފީލްޑަރު އަލެކްސިސް މެކް އަލިސްޓާ ލިވަޕޫލަށް ސޮއިކޮށްފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ބްރައިޓަން ދޫކޮށް މެކް އަލިސްޓާ ލިވަޕޫލަށް ބަދަލުވީ 45 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގަ އެވެ.

އާޖެންޓީނާއާ އެކު 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި މެކް އަލިސްޓާ ،24، އަކީ ލިވަޕޫލްގެ މިޑްފީލްޑަށް ގެންނަން ރާވައިފާ ބޮޑު ބަދަލުގެ ތެރެއިން، އެ ޓީމާ ގުޅުނު ފުރަތަމަ މިޑްފީލްޑަރެވެ.

މި ސީޒަންގައި ޕްރިމިއާ ލީގު ފަސް ވަނައިގައި ނިންމާލި ލިވަޕޫލް އިން ވަނީ މި ސީޒަނަށް ފަހު ޖޭމްސް މިލްނާ އާއި ނަބީ ކެއިޓާ އަދި އެލެކްސް އޮކްސްލޭޑް ޗެމްބަލެއިން ދޫކޮށްލައިފަ އެވެ.

ލިވަޕޫލަށް މެކް އަލިސްޓާ ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

"ވަރަށް އުފާވެއްޖެ ލިވަޕޫލަށް ކުޅުމުގެ ފުރުސަތު ލިބުނީމަ،" މެކް އަލިސްޓާ ބުންޏެވެ.

"އަހަރެން ބޭނުންވީ ޕްރީ ސީޒަންގެ ފުރަތަމަ ދުވަހު ވެސް މި ކްލަބުގެ ޓްރެއިނިން އަށް ނުކުންނަން. އެހެންވީމަ އަވަހަށް ޓްރާންސްފާ ނިމުނީމަ ހިތްހަމަޖެހޭ."

ލިވަޕޫލްގައި މެކަލިސްޓާ ބޭނުންކުރާނީ 10 ނަމްބަރު ޖޯޒީ އެވެ. މިއީ ލިވަޕޫލްގެ ލެޖެންޑުން ކަމަށްވާ ސަޑިއޯ މާނޭ އާއި ޖޯން ބާންސް އަދި މައިކަލް އޮވެން ފަދަ ކުޅުންތެރިން ވެސް ބޭނުންކުރި ނަމްބަރެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ މެކް އަލިސްޓާ އަކީ "އިތުރު ތައާރަފެއް ބޭނުންވާނެ ކުޅުންތެރިއެއް" ނޫން ކަމަށެވެ.

"މެކް އަލިސްޓާ އަކީ ވަރަށް ތޫނުފިލި، ވަރަށް ހުނަރުވެރި ކުޅުންތެރިއެއް. މެކް އަލިސްޓާ އަކީ މިހާރު އެންމެނަށް ވެސް އެނގޭ ކުޅުންތެރިއެއް،" ކްލޮޕް ބުންޏެވެ.

އާޖެންޓީނޯސް ޖޫނިއާސް އަށް 2016 ވަނަ އަހަރު ކުޅެން ފަށައި، އެ ޓީމު ދޫކޮށް، 2019 ވަނަ އަހަރު ބްރައިޓަން އަށް ބަދަލުވުމަށް ފަހު، މެކް އަލިސްޓާ ވަނީ އަލުން އާޖެންޓީނޯސް ޖޫނިއާސް އާއި ބޮކަ ޖޫނިއާސް އަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފަ އެވެ.