8 ޖޫން 2023 - 13:19 0
ހޭންޑްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ޒެފްރޯލް އާއި ވެލިދޫ ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
8 ޖޫން 2023 - 13:19 0
ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގެ ފައިނަލުން ޒެފްރޯލް އާއި ދިވެހި ސިފައިންގެ ކުލަބު ޖާގަ ހޯދައިފި އެވެ.
ޖުމްލަ އެކު، 10 ޓީމު ވާދަކުރި ފިރިހެން ބައިގެ ފައިނަލުން ޖާގަ ހޯދި ދެ ޓީމު ކަމަށްވާ ޒެފްރޯލް އާއި ސިފައިން ފައިނަލުގެ ޖާގަ ހޯދީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށްގެންނެވެ.
ސެމީ ފައިނަލް ފުރަތަމަ މެޗުގައި ކުލަބު ޒެފްރޯލް އިން ކުރި ހޯދީ ވެލިދޫ ޔުނައިޓެޑްގެ މައްޗަށެވެ. ގްރޫޕް އޭގެ އެއް ވަނަ ހޯދި ޒެފްރޯލް އިން ވަނީ މި މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކައި 45-24 އިން މެޗު ކާމިޔާބުކޮށްފަ އެވެ.
ޒެފްރޯލް އަކީ މި އަހަރުގެ މުބާރާތަަށް ބޮޑު ހޭދައެއްކޮށްގެން ތައްޔާރުވި ކުލަބެކެވެ. އެ ކުލަބުން ވަނީ ގައުމީ ޓީމްގެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ މުހައްމަދު ފިރުނާޝް އަބްދުﷲ، އަބްދުﷲ ޒިޔާއު އަދި އާދިލް ޝަހީދު އެ ޓީމަށް ގެނެސްފަ އެވެ.
ޒެފްރޯލްއާ ދެކޮޅަށް ފައިނަލުގައި ނިކުންނާނީ ދިވެހި ސިފައިންގެ ކުލަބެވެ. ސިފައިން ވަނީ ސެމީ ފައިނަލް ދެވަނަ މެޗުގައި ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ 25-23 އިން ބަލިކޮށްފަ އެވެ.
ފޯރިގަދަ އަދި ވާދަވެރިކޮށް ފެނުނު މެޗު ފަށައިގެން ފިއުޗާއިން ރަނގަޅު ލީޑެއް ނެގި އެވެ. ނަމަވެސް ސިފައިން ވަނީ ކުޅުން ވަރުގަދަކޮށް ސްކޯ އެއްވަރުކޮށްފަ އެވެ. މެޗުގެ އެންމެ ދެ މިނެޓާ ހަމައަށް ސްކޯ އެއްވަރުވެފައި އޮއްވާ ސިފައިން ލީޑު ނެގީ އެންމެ ފަހު ވަގުތުކޮޅުގަ އެވެ. ދެ ޓީމްގެ ކީޕަރުންވެސް މޮޅު ސޭވްތަކެއް ކުރި މި މެޗު ސިފައިން ކާމިޔާބުކުރީ ފަހު މިނެޓުގައި ޖެހި ގޯލުތަކުންނެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަންގެ ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހު އެވެ.
ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގައި މިއަދު ކުޅޭނީ އަންހެން ޑިވިޝަންގެ ސެމީ ފައިނަލް މެޗުތަކެވެ. ސެމީ ފައިނަލް ފުރަތަމަ މެޗުގައި ޗެމްޕިއަން އޮރިކްސް ނިކުންނާނީ ރެޑްހޯކްސްއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ކީންސް ނިކުންނާނީ ތުޅާދޫ ޔަންގް އީގަލްސް ސްޕޯޓްސްއާ ދެކޮޅަށެވެ.
Comment