Advertisement

އުސޫލުތަކެއް ކަނޑައަޅައި، ފުޅި އަޅައިގެން ފީނާ މީހުން އަތުން ފުވައްމުލަކުން ފީއެއް ނަގަން ނިންމައިފި

7 ޖޫން 2023 - 21:56 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ފުވައްމުލަކު ކައިރީގައި ބޮޑު ސަފާރީއެއް ހަރަކާތްތެރިވަނީ: ބޭރު އުޅަނދަކުން އައިސް ފީނޭނީ ބޮލަކަށް 200 ޑޮލަރު ދައްކައިގެން -- ފޮޓޯ: ފައިލް


އުސޫލުތަކެއް ކަނޑައަޅައި، ފުޅި އަޅައިގެން ފީނާ މީހުން އަތުން ފުވައްމުލަކުން ފީއެއް ނަގަން ނިންމައިފި

7 ޖޫން 2023 - 21:56 1

ފުޅި އަޅައިގެން ފީނާ މީހުންގެ އަތުން ފީއެއް ނަގަން ފެށުމާއެކު ފީނުމުގައި އަމަލު ކުރަންޖެހޭ އުސޫލުތަކެއް ފުވައްމުލަކު ސިޓީ ކައުންސިލުން އެކުލަވާލައިފި އެވެ.

އެ ކައުންސިލުން ހޯމަ ދުވަހު ގެޒެޓު ކުރި ގަވާއިދުގައިވާ ގޮތުން ފުވައްމުލަކުގެ އިހުތިސާސް ހިމެނޭ އެއްވެސް ކަނޑުގެ ސަރަހައްދެއްގައި މަސްވެރިކަމަށް ނޫން ގޮތަށް ފީނޭނީ އެ ކައުންސިލުގެ ހުއްދައެއް ހޯދައިގެނެވެ. ހުއްދަ ލިބޭނީ އެކަމަށް ދައްކަންޖެހޭ ފީއެއް ދައްކައިގެނެވެ.

ފީ ނަގަން ނިންމި ގޮތް (ކޮންމެ 15 ދުވަހަކަށް)

  • ބިދޭސީ އުޅަނދުތަކުން - ބިދޭސީން އަދި ދިވެހިންނަށް ވެސް ބޮލަކަށް 200 ޑޮލަރު
  • ސަފާރީ އަދި ރަށުގައި ގާއިމްވެފައި ނެތް ޑައިވް ސްކޫލްތަކުގެ ފީ - ބިދޭސީންނަށް ބޮލަކަށް 55 ޑޮލަރު، ދިވެހިންނަށް 20 ޑޮލަރު
  • ފުވައްމުލަކު ޑައިވް ސްކޫލްތަކުން - ބިދޭސީއަކަށް ބޮލަކަށް 40 ޑޮލަރު، ދިވެއްސަަކަށް ބޮލަކަށް 20 ޑޮލަރު

ފުވައްމުލަކުގެ މަޝްހޫރު ފީނާ ސަރަހައްދު "ޓައިގާ ޝާކް ޕޮއިންޓް" އަށް ފީނުމުގެ އުސޫލުތަކެއް ވެސް ކައުންސިލުން ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން އެ ސަރަހައްދަށް ފީނާއިރު މިޔަރުގައި އަތްލުމާއި ކާންދިނުން ވަނީ މަނާކޮށްފަ އެވެ. އޭގެ އިތުރުން އެ ސަރަހައްދަށް އެއް ވަގުތެއްގައި އެންމެ ގިނައިން ފޭބޭނީ 35 މީހުންނަށް ކަމަށް ވެސް ވަނީ ގަވާއިދުގައި ކަނޑައަޅައިފަ އެވެ.

ފުވައްމުލަކުގައި ފީނާއިރު މިޔަރަށް އަތްލުމާއި ކާންދިނުން އާންމު ކަމަށް އެ ސަރަހައްދަށް ފީނާ މީހުން ބުނެ އެވެ. އޭގެ ސަބަބުން ގުދުރަތީ ގޮތުން ކާނާ ހޯދުމަށް އެސޮރުމެންނަށް ދަތިތަކެއް ކުރިމަތިވެ އެވެ.

އޭގެ އިތުރުން، ފުވައްމުލަކުގައި ހަރަކާތްތެރިވާ ޑައިވް ސެންޓަރުތައް ވެސް ގަވާއިދުގެ ދަށުން ކޮންމެވެސް ވަރަކަށް ވަނީ ރެގިއުލޭޓްކޮށްފަ އެވެ. އެގޮތުން ޑައިވް ސެންޓަރުތައް ރަޖިސްޓްރީ ކުރަން މަޖުބޫރުކޮށް، ރަޖިސްޓްރީ ކުރެވޭނީ އެތަނެއްގައި މަދުވެގެން 50 ޕަސެންޓު ދިވެހިން އުޅޭ ނަމަ ކަމަށް ވެސް ކައުންސިލުން ވަނީ ނިންމައިފަ އެވެ.

ފުވައްމުލަކުގެ ޑައިވް ޕޮއިންޓުތަކަށް ކުނި އެޅުމާއި ނަގިލި އެޅުން ފަދަ ކަންކަން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ވިޔަފާރީގެ ބޭނުމަށސް ފޮޓޯ ނެގޭނީ ވެސް ހުއްދައެއް ނަގައިގެން ކަމަށް ގަވާއިދުގައި އޮތީ ބުނެފަ އެވެ. އޭގެ އިތުރުން، ކަނޑުގެ އިލްމީ ދިރާސާއެއް ހިންގާ ނަމަވެސް ކައުންސިލުން ހުއްދަ ނަގަންޖެހެ އެވެ.